އެއްމާބަނޑު ދެކުދިން މަރުވީ އިހުމާލަކުން ނޫން: އާސަންދަ

ދ. ކުޑަހުވަދޫ -- ފޮޓޯ/ އެމްއާރްޑީސީ

ދ. ކުޑަހުވަދޫގައި ދުވަސް ނުފުރާ ވިހެއި އެއްމާބަނޑު ދެކުދިން މަރުވީ، އާސަންދައިގެ އިހުމާލެއް އޮވެގެން ނޫންކަމަށް އެކުންފުނިން ބުނެފިއެވެ.

ދެކުދިން މަރުވި އިރު، އިތުރު ފަރުވާއަށް މާލެ ދިޔުމުގެ ހުއްދަ ނުލިބުނު ކަމަށް ޝޯޝަލް މީޑިއާގައި ވަނީ ވާހަކަ ދެކެވިފައެވެ. ނަމަވެސް އެވާހަކަތައް ދޮގުކޮށް އާސަންދައިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި، އެދުވަހު ކަންތައް ހިނގި ގޮތް ވަރަށް ތަފްސީލުކޮށް، ގަޑިއާ އެއްކޮށް ވަނީ ހާމަކޮށްފައެވެ.

އާސަންދައިގެ ބަޔާނުގައި ބުނެފައި ވަނީ އުމުރުން 26 އަހަރުގެ މާބަނޑު އަންހެނަކު އިމަޖެންސީގައި ދ. މީދޫއިން އެ އަތޮޅު އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމަށް އާސަންދަ ކުންފުންޏަށް އިމަޖަންސީ އިވެކުއޭޝަން ރިކުއެސްޓް ފޮނުވާފައިވަނީ، ޖޫން މަހުގެ އެއް ވަނަ ދުވަހު ދ. މީދޫ ސިއްހީ މަރުކަޒުން ކަމަށެވެ.

ސިއްހީ މަރުކަޒުން ރިކުއެސްޓް ލިބުމާއެކު ހަމަ އެދުވަހު އިމަޖަންސީ އިވެކުއޭޝަން ރިކުއެސްޓަށް އާސަންދައިން އެޕްރޫވަލް ދީފައިވާނެ ކަމަށާއި، ސީއެމްބިއުލަންސަށް މަޑުނުކޮށް، ޕްރައިވެޓް ލޯންޗެއްގައި އަންހެން މީހާ ޓްރާންސްފާ ކުރުމަށް އެދުމުން، އަންހެން މީހާގެ ހާލަތަށް ރިއާޔަތްކޮށް އެކަމަށްވެސް އާސަންދައިން ހަމަ އެދުވަހު އެޕްރޫވަލް ދީފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ހޮސްޕިޓަލުން ފޮނުވި ލިޔެކިޔުންތަކާ ހަވާލާދީ އާސަންދައިން ބުނެފައިވަނީ ދެ ކުދިން ވިހާފަވަނީ އަންހެން މީހާގެ ބަނޑަށް ގާތްގަޑަކަށް ފަސް މަހުގައި ކަމަށެވެ. އެ ދެ ކުދިންގެ ބަރުދަނުގައި ހުރީ 540 ގްރާމާއި 530 ގްރާމް ކަމަށް ހޮސްޕިޓަލުގެ ލިޔެކިޔުންތަކުގައި ވެއެވެ.

ދެކުދިންގެ ހާލު ދެރަކަމުން، ފަހެއް ޖޫންގެ ހެނދުނު 09:56 ދެކުދިން އިމަޖަންސީގައި މާލެ ގެނައުމަށް ދ. އަތޮޅު ހޮސްޕިޓަލުން އާސަންދައަށް ރިކުއެސްޓް ފޮނުވިއެވެ. އާސަންދައިން ބުނީ އެ ރިކުއެސްޓަށް ހަ މިނެޓުގެ ތެރޭގައި އެޕްރޫވަލް ދީފައިވާނެ ކަމަށެވެ.

އޭގެ އިތުރުން އިތުރު މެޑިކަލް އެސްކޯޓުން ދިޔުމަށް 10:13 ގައި ފޮނުވި ރިކުއެސްޓަށް 10:17 ގައި އެޕްރޫވަލް ދީފައިވާނެ ކަމަށާއި އެންމެ އަވަހަށް އެ ދެކުދިން މާލެ ގެނެވޭނެ ގޮތަކީ ސީއެމްބިއުލަންސް ކަމަށް ވާތީ، އެގޮތް ހިޔާރުކުރުމަށް 10:23 ގައި އާސަންދައިން އެދިފައިވާނެ ކަމަށެވެ.

އޭރު ދެކުދިން މާލެ ގެނައުމަށް ސީ އެމްބިއުލަންސް އޮތީ ދ. ކުޑަހުވަދޫ ފަޅުތެރޭގައި ތައްޔާރީ ހާލަތުގައި ކަމަށާއި ވައިގެ މަގުން އެކުދިން ބަލާ މާލެއިން ފުރެން އޮތީ އެންމެ އަވަހަށްވެސް 1:00 ގައި ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ދެކުދިން ގެންނަން ޖެހެނީ ވެންޓިލޭޓަރު ގުޅައިގެން ކަމަށް ވާއިރު، ވެންޓިލޭޓަރު ގުޅައިގެން ވައިގެ މަގުން ބަލިމީހުން ގެނައުމުގައި ވާންޖެހޭ ތައްޔާރީތައް ވާން އަބަދުވެސް ފުރަން އޮންނަ ގަޑިއަށްވުރެ ލަހުން ފުރޭތީ އެ ރިސްކް ނެގުމަށްވުރެ، ސީ އެމްބިއުލާންސްގައި ވަގުތުން ވަގުތަށް ދެ ކުދިން މާލެ ގެންނަން އާސަންދައިން ރެކޮމެންޑް ކުރި ކަަމަށް ވެސް ބުނެފައިވެއެވެ.

"އެހެންނަމަވެސް 11:21 ގައި ހޮސްޕިޓަލުން އެންގީ ދެކުދިން ގެންދަން އާއިލާއިން ބޭނުންވަނީ ވައިގެ މަގުންކަމަށެވެ. އެ ރިކުއެސްޓަށް 11:29 ގައި އާސަންދައިން ވަނީ އެޕްރޫވަލް ފޮނުވާފައެވެ." ބަޔާނުގައިވެއެވެ.

އާސަންދައިން ބުނީ، ވާންޖެހޭ ތައްޔާރީތައް ވެ، ފްލައިޓަށް މާލެއިން ނައްޓާލެވުނީ 1:30 ގައި ކަމަށާއި ކުޑަހުވަދުއަށް ދެވުނީ 2:15 ގައި ކަމަށެވެ.

އޭރު ދެކުންދިންގެ ތެރެއިން އެއް ކުއްޖަކު ނިޔާވެއްޖެކަމަށާ އަނެއް ކުއްޖާއަށް އަދިވެސް ޓްރާންސްފާ ބޭނުންވާކަމަށް ހޮސްޕިޓަލުން އޮތީ އަންގާފައެވެ.

"ސީޕްލޭން އެ ރަށު ފަޅު ތެރެއަށް ޖެއްސުމާއެކު ހޮސްޕިޓަލަށް ގުޅުމުން ބުނެފައިވަނީ ހޮސްޕިޓަލުން ނެރެވޭ ވަރަށް ވުރެވެސް ކުއްޖާގެ ހާލު ދެރަކަމަށެވެ. ސީ ޕްލޭން ފަޅުތެރޭ އޮންނަތާ ގަޑިއިރަކަށްވުރެ ގިނަ އިރުވީފަހުން ހޮސްޕިޓަލުންވަނީ ދެވަނަ ކުއްޖާވެސް ނިޔާވިކަން އާސަންދައަށް އަންގާފައެވެ." ބަޔާނުގައިވެއެވެ.

އެހެންކަމުން އެ ތުއްތު ދެ ފުރާނަ ދުނިޔެ ދޫކޮށްދިޔައީ އާސަންދައިގެ އިހުމާލުން ކަމަށް ދޭހަވާގޮތަށް އެކި މީޑިއާތަކުގައި ފަތުރަމުންދާ ހަބަރުތައް ކުށްވެރިކުރާ ކަމަށާއި މައުލޫމާތު ސާފުނުކޮށް މިފަދަ ހަބަރުތައް ނުފެތުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް