27 ޑިސެމްބަރ 2011 އާ ގުޅޭ

އަފްލީންއަށް ޒައުލްއާއި ދިމާލަށް ބަލާލާފައި ހިނިތުންވެލުން ނޫން ކަމެއް ނުކުރެވެއެވެ. ދައްކާނެ ވާހަކައެއްވެސް ނެތީއެވެ. ޒައުލް ވެސް ހަމަ އެފަދައެވެ. އެކަމަކު އޭނަގެ ސަމާލުކަން އެނދުގައި އޮތް ކިޔާންއަށް ދެވޭލެއް އިތުރުވެގެންދިޔަ އެވެ. ބައެއްފަހަރު އޭނައަށް އޭނަގެ ކުޑައިރުގެ ފޮޓޮއަކަށް ބަލަން އިނދެވޭހެން ވެސް ހީވެއެވެ. އެ ކުއްޖާ ފެނުމުން ޒައުލްގެ ކުޑައިރުގެ ހަނދާންތައް އާވެގެންދަނީ އެހެންވެއެވެ.

"ކިޔާން... މީ ޔޫހާގެ ދަރިފުޅު ދޯ" ޒައުލް ކިޔާންއަށް ބަލަންއިނދެ އަހާލި އެވެ. އޭނައަށް ޔޫހާގެ ރެކޯޑްފައިލް ތަކުން ޔޫހާގެ ދަރިފުޅަށް ކިޔާނަން އެނގިފައިވެ އެވެ. އެނޫން އިތުރު މަޢުލޫމާތެއް އެއްވެސް ފައިލަކުން އޭނައަކަށް ނުލިބުނެވެ.
"ހޫމް..." އަފްލީން ހައިރާންވެފައި ހޫންލައްވާލި އެވެ. ޔޫހާގެ ރަޙުމަތްތެރިއަކަށް އޭނަގެ ދަރިއަކު ހުރިކަން ނޭގޭހެން ހީވެގެންނެވެ.
"އައި އެމް ޒައުލް" އަފްލީންގެ ބަލާލުމުން ޒައުލް އާއިމެދުވާ ދުރުކަން ކުޑަކުރުމަށްޓަކައި އޭނަގެ ނަން ބުނެލަމުން ސަލާމަށް އަތް ދިއްކޮލި އެވެ.
"އައި އެމް އަފްލީން..." ތުއި ގޮތަކަށް އަފްލީން ހިނިތުންވެލަމުން ޒައުލްގެ އަތުގައި ހިފާ ސަލާމް ކޮށްލި އެވެ. އޭނަގެ ކުރިމަތީގައި އިން ނުދަންނަ ޒުވާނާގެ ރީތި ސޫރަ އާއި އެއްވަރަށް ކަމުދާ ސްޓައިލެއް ވެސް ހުރިކަން އޭނައަށް ފާހަގަވިއެވެ.
"މިހާރު ކިޔާންގެ ހާލު ކިހިނެއްތަ، އެނގުނު ގޮތުގަ ރޭދަންވަރު ހޮސްޕިޓަލަށް ގެނައި... ކީކޭ ޑޮކްޓަރުން ބުނަނީ" ޒައުލް ވާހަކަދެއްކި އެވެ.
"ރޯގާޖެހިގެން ހުން އައީ، ދެން މޫސުމަށް އައިބަދަލާއި ގުޅިގެން ވެގެން އުޅޭގޮތެއް ކަމަށް ބުނަނީ، ހުން މަޑު ނުވާތީ މައްސަލައަކީ، ޔޫހާ ހުންނަނީ ވަރަށް ކަންބޮޑުވެފަ... ބައިދަވޭ، ޔޫހާ ދުވަހަކު ވެސް ނުބުނޭ އޭނަގެ ތިހާ ސްމާޓް ފްރެންޑެއް ހުންނަ ވާހަކައެއް" އަފްލީން ވެސް ޒައުލްގެ ވާހަކައިގައި ބައިވެރިވަމުން ދިޔައެވެ.
"ހެ ހެ ހެ ހެ... އެއީ ޔޫހާގެ ކަމެއްތާ އޭނަ ނުބުނުން، ޑޯންޓް ބްލޭމް މީ... ވާހަކައެއް އަހާލަންތައް؟ އެއްޗެއް ހީނުކުރައްޗޭ" ރަޙުމަތްތެރި ރާގެއްގައި ޒައުލް ބުނެލިއެވެ.
"އޯކޭ...އަހާބަލަ" އަފްލީން ހިނި އައިސްފައި ކުޑަކޮށް ގޮނޑި ވެސް ޒައުލްއާއި ދިމާލަށް އަނބުރާލަމުން ބުނެލި އެވެ. ހީވީ ޒައުލްއަށް އޭނަގެ ހުރިހާ ސަމާލުކަމެއް ދީފައިވާހެނެވެ. އެވަގުތު ކިޔާން ފުރޮޅިލި އެވެ. ހަމަޖެހިލައިގެން އިން އަފްލީން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ކިޔާންގެ ހާލު ބާލިއެވެ. ކިޔާންގެ ނިތުގަ އާއި ކަރުދޮށުގައި އަތް ޖައްސާލެވުނެވެ. އަފްލީން އަނެއްކާ ވެސް ހަމަޖެހިލީ ކިޔާންއަށް ނިދިފައި އޮތުމުންނެވެ. އަދި ޒައުލް ބުނަން އުޅޭ އެއްޗެއް އެހުމަށް ތައްޔާރުވެލިއެވެ.
"ޔޫހާގެ ކޮއްކޮއެއްތަތީ؟" ޒައުލް އަހާލި އެވެ.
"އެހެން ހީކޮށްލާ" އަފްލީން ހިނި އައިސްފައި ބުނެލި އެވެ.
"އެކަމަކު ހާދަ ހީނުވެއޭ، ޔޫހާގެ ފިރިމީހާ ނާދޭތަ ހޮސްޕިޓަލަކަށް، މިބުނީ ކިޔާންގެ ބައްޕަ" ޒައުލް އަހާލި އެވެ. އެއާއިއެކު އަފްލީންގެ މޫނުމަތީގައިވި ހިނިތުންވުން ފިލާގޮސް ބީރައްޓެހިވެއްޖެ އެވެ. އޭނަގެ އޮމާން ނިތްކުރިއަށް ރޫޖެހިލައިފި އެވެ.
"ޔޫހާގެ ޕާސަނަލް ލައިފާއި ބޭހޭގޮތުން ސުވާލުކުރުން އެންމެ ރަނގަޅުވާނީ ޔޫހާ އާއި، އަހަންނަށް ފެންނަނީ ޒައުލް ޔޫހާގެ ގާތުގައި ތި ސުވާލު އަހަން" އަފްލީން ގެ އަޑުގައި ވެސް ކުރީގައިވާ ގާތް ކަމެއް ނެތްކަން ޒައުލްއަށް ފާހަގަވިއެވެ. އެހާބޮޑަށް އަފްލީންގެ ފަރާތުން ހިތްހަމަނުޖެހުން ފާޅުވާންވީ ސަބަބެއް ނުވިސްނުނެވެ.
"ޔޫހާ..." އެދެމެދަށްވެރިވި ހަމަހިމޭންކަން މެދުކެނޑިގެންދިޔައީ އަފްލީން ޔޫހާގެ ނަން ކިޔާލުމާއި އެކުއެވެ. އިސްޖަހާލައިގެން ކިޔާންގެ އެނދުގައި ކުޑަކޮށް އިށީނދެލައިގެން އިން ޒައުލް އަފްލީންއަށް ބަލާލި އެވެ. އަދި އަފްލީންގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް އޭނަވެސް ބަލާލި އެވެ. އެމީހުންނާއި ދިމާލަށް ވަދެގެން އަންނަ ޔޫހާ އާއި އޭނަ އާއިއެކު ހުރި ޒުވާނާ ޒައުލްއަށް އެވަގުތު ފެނުނެވެ. ޔޫހާގެ ހަޔާތުގެ ބައިވެރިއަކަށް ހޮވި ފަރާތަކީ އެއީކަމުގައި ޒައުލްއަށް ޔަގީން ކުރެވުނެވެ. އަދި އެ ޒުވާނާގެ ނަން ނޭގުނު ކަމުގައިވިޔަސް އެއީ ކާކުކަން ޒައުލްއަށް އެނގުނެވެ.
ކުއްލިއަކަށް ހުއްޓުންއެރި ޔޫހާއަށް ޝާއިން އަވަސް ނަޒަރެއް ދިނެވެ. ޝާއިން ކިހިނެއްވީތޯ އަހާލުމުން ޔޫހާ ދެފަރާތަށް ބޯހޫރުވާލި އެވެ. ކުރިއަށް އެޅި ކޮންމެ ފިޔަވަޅަކާއިއެކު އޭނަގެ ދަރިފުޅާއިމެދު ހިތުގައި އޮތް ބިރުވެރިކަން ބޮޑުވަމުންދިޔަ އެވެ.
"އެއީ ޒައުލް.... މިތާ ކީއްބާއެކުރަނީ..." ޝާއިންއަށް ޒައުލް ފެނުމާއިއެކު ހިތާހިތާ ބުނެލެވުނެވެ. އަދި މުޅި މީހާ ސުވާލުން ފުރުނެވެ.
"ގުޑް އީވްނިން ސަރ... ހޮސްޕިޓަލްގައި އަނެއްކާ ބަލިވީތޯ" ޝާއިން ހިނި އައިސްފައި ޒައުލްއަށް ސަލާމަށް އަތް ދިއްކޮއްލި އެވެ.
"ނޫނޭ ބަލިވީކީ ނޫން، އާއިލާ ކުއްޖަކަށް ގޮވާލަން އައިސް އިމަޖެންސީގައި ޔޫހާގެ ދަރިފުޅު އޮތްކަން އެނގިފައޮތީމަ ވަދެލީ..." ޒައުލްގެ ވާހަކަ އޮމާނެވެ. އެހެންވިޔަސް އެތަނުގައި ހުރި އަފްލީންއަށް ހައިރާންކަންވެރިވެގެން ދިޔައެވެ. ޒައުލް އާއި އެންމެ ފުރަތަމަ ވާހަކަދެއްކީ ޝާއިންއެވެ. އެކަމަކު ޒައުލްގެ ސުވާލުތައް އަމާޒުވެގެންދިޔައީ ޔޫހާއާއި ގުޅޭ ގޮތުންނެވެ. މިވަނީ ކިހިނެއް ކަމެއް އަފްލީންއަށް ނޭގުނު ކަމުގައި ވިޔަސް ޒައުލް އެތަނަށް އައުމުގެ ކޮންމެވެސް ބޭނުމެއްވާކަން އޭނައަށް ނަގައިގަނެވުނެވެ. އަފްލީން ހީމޭން ކަމާއިއެކު ހުރި ޔޫހާ ޒައުލް އާއި ވާހަކަ ދައްކާނެ އިރެއްގެ އިންތިޒާރުގަ އެވެ. ނަމަވެސް އުދާސްވެފައިވާ މޫނަކާއިއެކު ޔޫހާ ވެސް ހުރީ ހިމޭނުންނެވެ. ދަރިފުޅު ކިޔާންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ރަޙުމަތްތެރިކަމުގެ އެއްވެސް އިޝާރާތެއް ޒައުލް އާއި ޔޫހާގެ މެދުގައި ނުވެއެވެ.
"ޔޫހާ،ކިޔާންގެ ހާލު ރަނގަޅުވުމުން ޑިއުޓީއަށް ނުކުތަސް އެންމެ ރަނގަޅު، ދަރިފުޅު މުހިއްމުވާނެ އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް... އެހެންނު... ނަން ހަނދާނަކަށް ނާދޭ..." ޒައުލް ވާހަކަ ނިންމާލީ ޝާއިން އަށެވެ.
"ޝާއިން..." އަފްލީން ޒައުލްއަށް ބަލާލަމުން ބުނެލިއެވެ.
"ހެ ހެ ހެ ހެ ހެ... ޝީޒް މައި ސިސްޓާ" ޝާއިން އަފްލީންއަށް ބަލާލަމުން ހީލާފައި ބުނެލި އެވެ. އަފްލީންގެ ނަޒަރު ޒައުލްގެ ފަރާތުން ކަމެއް ހޯދަމުން ދިޔަކަން ހުދު ޒައުލްއަށްވެސް އެނގުނެވެ. އެހެންވެ އެތަނުގައި މާގިނައިރު ހުރުމަކަށް ހިޔާލެއް ނުކުރިއެވެ.
"ޑިއުޓީއަށް ނުކުތުމުން ދިމާވާނެ ކަމަށް އުއްމީދު ކުރަން، ދެން ގޮސްލަނީ" ޒައުލް ޔޫހާއަށް ބަލާލުމާއިއެކު ޔޫހާ ދެބުމަގޮއްޖަހާލި އެވެ. ޝާއިން ވެސް ހުރީ ޒައުލްގެ ރަޙުމަތްތެރިކަން ފެނި ކޮންމެވެސް ވަރަކަށް ހައިރާންވެފަ އެވެ. ޒައުލް ދިއުމުގެ ހުއްދައަކަށް އެދުމުން ޝާއިންއަށް ބޯޖަހާލެވުން ނޫން ކަމެއް ނުކުރެވުނެވެ. އިތުރު ހައިރާންކަމެއް ވެރިވެގެންދިޔައީ ޒައުލްގެ ފަހަތުން ޔޫހާ ހިނގައި ގަތުމުންނެވެ. އެހެންނަމަވެސް ވެރިޔާއަށް ކަމޭހިތުމުގެ ގޮތުން ކުރިކަމެއް ކަމުގައި ޝާއިންއަށް ވިސްނުނު އިރު އަފްލީންގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެފައިވި އެވެ. އަފްލީން ދަތްދޮޅީގައި ހިފަހައްޓާލަމުން ކޯތާފަތުގައި އިނގިއްޔަކުން ޖަހާލަ ޖާހަލަ ހުރީ ޒައުލްގެ ފަހަތުން ނުކުމެގެންދާ ޔޫހާއަށް ބަލަހައްޓައިގެންނެވެ.
"މިތަނަށް ވެސް އައީތަ، ކިހިނެއްވެގެންތަ ޒައުލް ތިއުޅެނީ" ޔޫހާ ސިއްރުން ނަމަވެސް ކުދިކިޔާލި އެވެ. އެ އަޑުގައިވާ ރުޅިވެރިކަން ޒައުލްއަށް ނަގައިގަނެވުނެވެ.
"އަހަރެން ވެސް ޔޫހާގެ ތިވާންއުޅޭ ފިރިމީހާ ބަލާލުމަކުން ގެއްލުމެއް ނެތެއްނު، ނޫނީ އެއީ ކިޔާންގެ ބައްޕަތަ؟ ވަރިކޮށްލީތަ؟" ޒައުލް ބުނެލި އެވެ. ޔޫހާއަށް ދެ ދަތްފިލާ ޖައްސާބާރުކޮއްލަމުން ދެ ލޯމަރާލެވުނެވެ. އައިރުޅި ކޮންޓްރޯލް ކުރުމަށްޓަކައެވެ.
"އަހަރެން ވަރިކޮށްފަ ހުއްޓަސް، އެއީ ކިޔާންގެ ބައްޕައަށްވިޔަސް... އެކަމާ ޒައުލް އާއި ކޮންބެހޭ ކަމެއް، އަހަރެން ވެސް ޒައުލްގެ ޒާތީ ދިރިއުޅުމުގެ ތެރެއަށްވަންނާކަށް މަސައްކަތެއް ނުކުރަން، ކީއްވެތަ އަހަރެންގެ އަމިއްލަ ހާލައިގެން ދޫކޮއްނުލަން ތިއުޅެނީ" ޔޫހާ ބުނެލިއެވެ. ޒައުލް އެއްވެސް އެއްޗެއް ނުބުނެ ނުކުމެގެންދިޔައީ އެވެ. އަވަސް ފަރުދޭ ބައިގެ ދޮރުކައިރީ ޔޫހާ ޒައުލް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

ދެތިންދުވަހުގެ ތެރޭ ކިޔާންގެއަށް ދޫކޮއްލައިފި އެވެ. ކުޑަހިނދުކޮޅަކަށްވިޔަސް ޔޫހާއަށް ލިބުނު ހުރިހާ ނުތަނަވަސްކަމެއް ފިލާދިޔަ ފަދައެވެ. އަނެއްކޮޅުން ޑިއުޓީއަށް ނުކުތުމުގެ ކުރިން އެއް ދުވަހުގެ ޗުއްޓީއެއް ޔޫހާ ނެގިއެވެ. އެހެންނަމަވެސް އެއީ އޮފީހުގެ އެއްވެސް މީހަކަށް އެންގުމަކާއިނުލާ އޭނަ ނެގި ޗުއްޓީ އެކެވެ. ދަރިފުޅާއިއެކު އެއްދުވަސް އެއްކޮށް ހޭދަކޮއްލަން ބޭނުން ވެގެންނެވެ. އޭނަގެ ހިތް އެދޭގޮތަށް މުޅި ދުވަސް ހޭދަކޮއްލުމާއިއެކު ޔޫހާ ޑިއުޓީއަށް ނުކުތެވެ. އެހެންނަމަވެސް އޭނައަށް ޒައުލްގެ ފަރާތުން އެއްވެސް އުނދަގުލެއް ނުފޯރައެވެ. ނަމަވެސް ޔޫހާއަށް ޒައުލް އާއިމެދު ކުރިއަށްވުރެ ބޮޑަށް ވިސްނަން ފެށުނެވެ.

"ވިސްނޭނެއެއްނު، އަންހެން ކުއްޖެއްވިއްޔަ... މިހާރު ބުނެފިން ދެން އަވަހަށް މާލެ އަންނާށޭ" ގޭގައި ގެންގުޅޭ ކުއްޖަކު ލައްވާ ސިޓިންރޫމުގެ ކުޑަދޮރުތަކުގައި ހުރި ދޮރުފޮތިތައް ބަދަލުކުރުވަމުން ލާއިގާ ވާހަކަ ދެއްކިއެވެ. އޭރު ސޯފާގައި ނޫހެއް ހިފައިގެން މަންސޫރު އިނެވެ. އަދި އޭނަގެ ދޮށީދަރިފުޅު ލޫލުއާ ވެސް ޓީވީ ބަލަން އިނެވެ.
"މާމާ، ކޮއްކޮ ޓްރެވެލް އެކުރަނީ އޭނަގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި، ނިކަން ކޮއްކޮ އީލާކްއަށް ވެސް ފުރުޞަތު ދެއްވަބަލަ، ރަނގަޅު ހަރުދަނާ ކުއްޖަކަށް ކޮއްކޮ ވެސް ވާނެކަން އަޅުގަނޑަށް ޔަގީން... އެކަމަކު ހިތަށް އަރާ ކޮއްކޮގެ ފަރުމާތަށް ހުންނާނީ ކޮންގޮތަކަށްބާއޭ..." ލޫލުއާ ގާތަށް ހިނިއައެވެ.
"ތެދެއް މަންމާ، ހަގު ކުއްޖާއަށްވީމަ އުޅޭނީ އެކަހަލަ ގޮތަކަށް، ލޫލުއާ ބުނިހެން އަހަރުމެން އެންމެންގެ އެއްބާރުލުން އީލާކްއަށް ބޭނުންވާނެ، އޭނަ އެންމެ ކުރާހިތްވި މަސައްކަތަކީ އެއީވިއްޔަ..." ނޫހަށް ނަޒަރު ހިންގަމުންދިޔަޔަސް މަންސޫރުގެ ކަންފަތްވަނީ ދެކެވެމުންދިޔަ ވާހަކައަށްވެސް ސަމާލުވެފައެވެ.
"މާމަ ތި ކުދިންނަށް އެއްބާރުލުން ދެމެންނު، މާމަވެސް ބޭނުމޭ އީލާކްގެ އެ ފެޝެން ޝޯއެއްތޯ އެއްޗެއް ބާއްވާތަން ބަލާލަން، އެދަރިއަށް ފެހުމުގެ ހުނަރު ލިބިފައިވާލެއް ފުރިހަމަ ކަމާއިމެދު ޝައްކެއްނުކުރަން.... ދަރިފުޅު ލޫލުއާ ބުނިހެން މާމަވެސް ހިތަށްއަރާ އެފަހާ ހެދުންތައް މީހުންނަށް ލާންކެރޭ ފަދަ ގޮތަކަށް ބާއޭ ހުންނާނީ" ލޫލުއާ އާއި މަންސޫރަށް ބަލާލި ލާއިގާގެ މޫނުމަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ. އެވަގުތު ސިޓިންރޫމުގެ ދޮރު ކައިރިން ޒުވާނަކު ސަލާމް ގޮވާލި އަޑުއިވުނެވެ. ސޯފާގައި އިން މަންސޫރުގެ އިތުރުން ލޫލުއާވެސް އެދިމާލަށް ބަލާލިއެވެ. ލާއިގާ ސަލާމް ބަލައިގަންނަމުން އެޒުވާނާއަށް އެތެރެއަށް ވަނުމަށްއެދުނެވެ.

"ހާޒިމް، އަވަހަށް އާދޭ... ކިހިނެއްވީ ރަސްމީކޮށް ގެއަށް އަންނަންޖެހުނީ، ބައްޕަގެ ހާލަކީ ކޮބާތަ؟ މާލޭގައި އެބަ އުޅުއްވާތަ؟" މަންސޫރު ސޯފާކައިރިން ދުރަށް ޖެހިލަމުން އެއްފަހަރާ އެތަށް ސުވާލެއް ކޮއްލިއެވެ.
"އަޅުގަނޑު މިއައީ ޒައުލް ބޭނުންވެލެއްވި ބައެއް ލިޔުންތައް ހިފައިގެން، ބައްޕަގެ ހާލު އެކަހަލަ ގޮތެއް، އަދިވެސް ވީ ސިންގަޕޫރުގަ މާލެ ދުރުވާނެ ދުވަހެއް އެއްގޮތަކަސް ވެސް ނޭގެ... މަންސޫރު ކިހިނެއްތޯ؟" ހާޒިމް ހިތްހެޔޮ ކަމާއިއެކު މަންސޫރާއި ވާހަކަދައްކަމުން ކުރިއަށް އައި ހާޒިމްގެ ލޮލުގައި ސޯފާ ކައިރީ ތެދުވެހުރި ރީތި އަންހެން ކުއްޖާ އަޅައިގަތެވެ. މަންސޫރުގެ ދަރިއެއް ކަމަކު އަދި ހާޒިމްއަށް ލޫލުއާ އެ ފެނުނީއެވެ. ލޫލުއާ އާއި ހާޒިމްގެ ނަޒަރު ބައްދަލުވި ހިނދު ލުއިލުއި ހިނިތުންވުމެއް ބަދަލު ކުރެވިގެންދިޔަ އެވެ.
"ލޫލުއާ، ދަރިފުޅު ދޭބަލަ ޒައުލް ކޮއްކޮގާތު ހާޒިމް އައިސް ހުރި ވާހަކަ ބުނަން" މަންސޫރު ލޫލުއާގެ ކޮނޑުގައި އަތް ޖައްސާލަމުން ބުނެލި އެވެ.
ހާޒިމް މަންސޫރުގެ އެދުމާއިއެކު އައިސް ސޯފާގައި އިށީނެވެ. ލާއިގާ މެހެމާން ދާރީ އަދާކުރުމަށް އަވަސްވެގަތެވެ. މަންސޫރުގެ އަމިއްލަ ވާހަކަތަކުގައި ހާޒިމް ބައިވެރި ކުރަމުންދިޔަ އެވެ. މަޑުމައިތިރިކަމާއިއެކު ހާޒިމްވެސް މަންސޫރުގެ ވާހަކަތަކުގައި ބައިވެރިވިއެވެ. ލޫލުއާ އައިސް މަންސޫރުގެ ގާތުގައި މަޑުކޮއްލުމާއިއެކު ޒައުލް ފެންނަން ނެތުމުން ސުވާލުކުރި އެވެ.
"ޒައުލް ކޮއްކޮ އެދުނީ ހާޒިމް ލައިބްރަރީއަށް އައުމަށް... ވަރަށް މުހިއްމު ލިޔުންތަކެއް ބަލަން އިނީ" ލޫލުއާ މަންސޫރަށް ބަލާލަމުން ބުނެލިއެވެ.
"އަޅުގަނޑު މިއައީ ވެސް ޒައުލް އެދިލައްވައިގެން" ހާޒިމްވެސް މަންސޫރަށް ބަލާލާފައި ބުނެލި އެވެ.
"އެހެންވީރު ދަރިފުޅު ދާންވީނު ހާޒިމްގޮވައިގެން ލައިބްރަރީއަށް" މަންސޫރު ސޯފާއިން ތެދުވަމުން ބުނެލި އެވެ. އެއާއިއެކު ހާޒިމ ްވެސް ތެދުވެއްޖެ އެވެ.
ލޫލުއާ އާއިއެކު ސިޑިން އަރައިގެން ދިޔަ ހާޒިމްގެ ނަޒަރުވަނީ ލޫލުއާގެ އަދާތަކަށް ހުއްޓިފައެވެ. ފުރަތަމަ ނަޒަރުން ވެސް އޭނައަށް ލޫލުއާ ކަމުދިޔައީ ނުހަނު ބޮޑަށެވެ. އެހެންނަމަވެސް އެއީ މަންސޫރު އާއިލާގެ ދަރިއެއްކަން ހަނދާންނައްތާލައިގެން ވެސް ނުވާނެއެވެ.
"ލޫލުއާ... ރީތި ތަފާތު ނަމެއް، ވަރަށް އަޑުނާހާ ނަމެއް... މާނައަކީ ކޮބާ؟" ސިރުން ބަލަމުންދިޔަ ލޫލުއާއަށް ހާޒިމް ބުނެލިއެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު