އެތެރެކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން އިތުރު މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން -- ފޮޓޯ/ހެލްތު މިނިސްޓްރީ

ރާއްޖޭގައި ކެއިންބުއިމަށް ބޭނުންކުރާ ގިނަ ތަކެއްޗަކީ ބޭރު ގައުމުތަކުން އެތެރެކުރާ ތަކެއްޗަށް ވާއިރު، އެތަކެއްޗަކީ އެގައުމުތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިން، ރައްކާތެރިކަން ކަށަވަރުކުރެވިގެން ރާއްޖެ އަންނަ ތަކެތިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތައް އިފްތިތާހް ކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.

މިނިސްޓަރު ވިދާޅުވީ ކާބޯތަކެއްޗަކީވެސް ވަރަށް ބޮޑު ވިޔަފާރިއެއް ކަމަށާއި، ދަނޑުން ސުފުރާ މައްޗަށް ކާބޯތަކެތި ކުރާ ދަތުރުގެ ކޮންމެ މަރުހަލާއަކީވެސް ވަރަށް ބޮޑު ވިޔަފާރިއެއް ކަމަށެވެ.

އަދި ވިޔަފާރިއާ ގުޅުންހުރި ކަންކަމުގައި، ސިއްހަތާ ވިޔަފާރިއާ ދެމެދު އެކަށީގެންވާ ވަރުުގެ "ގެޕެއް" އުޅޭކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.

އެހެންކަމުން ކޮންމެ މީހަކުވެސް ފަރުދީގޮތުން އެމީހަކު ކެއުމަށް ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި ކާބޯތަކެތިކަން ދެނެގަތުމަށް ބޭނުންވާ މައުލޫމާތު ލިބިފައި ހުރުމަކީ ވަރަށް މުހިންމު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ކަމާބެހޭ ފަރާތްތަކުން ވެސް ރައްކާތެރި ކާބޯތަކެތި ހެއްދުމަށްޓަކައި އެކުލަވާލެވޭ އުސޫލުތައް ހަރުދަނާކޮށް، އެ އުސޫލުތައް ރަނގަޅު ގޮތުގައި ތަންފީޒުކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފަހަކަށް އައިސް އެކަމުގައި އެކަށީގެންވާ ރަނގަޅު މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

"ދަނޑުވެރިކަަން ކުރުން ކަމަށް ވިޔަސް، އަދި ކާބޯތަކެތީގެ އެހެން ތަކެތި އުފެއްދުން ކަމަށް ވިޔަސް، މިކަމުގައި އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަންކަން މަދު ނޫންކަން ގަބޫލުކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީންގެ ވާހަކައިގައި، ރާއްޖެއަކީ ގިނަ އަދަދެއްގެ ކާބޯތަކެތި އެތެރެކުރާ ގައުމެއްކަން ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އެތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެކި ގައުމުތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އުސޫލުތަކުގެ ތެރެއިން ރައްކާތެރިކަަން ކަށަވަރު ވެގެން އަޅުގަނޑުމެންނާ ހަމައަށް އަންނަ ތަކެތިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް އެކަމުގައި ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމުގައި ކަނޑައެޅިފައިިވާ އުސޫލުތަކާ ގައިޑްލައިންތަކަށް އަދި މިންގަނޑުތަކަށް އެތަކެތި ފެއްތުމަށްޓަކައި ކުރާ މަސައްކަތްތަކަށް ހުރި ގޮންޖެހުންތަކަކީ އަދިވެސް އިތުރަށް މަސައްކަތް ކުރަން ޖެހޭ އޭރިއާއެއް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި، ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކަށް އިތުރަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކާބޯތަކެތީގެ ކަންކަން މިހާރު އޮތް ހާލަތަށް ބަލާއިރު، ފަށައިގަންނަ މަރުހަލާގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަން ޖެހޭ މަސައްކަތަކީ ރައްޔިތުންގެ މެދުގައި ކާބޯތަކެތީގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

މިނިސްޓަރު އަމީން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން މޯލްދިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މުވައްޒަފުން ކުރާ މަސައްކަތަށް ޝުކުރު އަދަކުރައްވައިފައެވެ.

މިއީ ކާބޯތަކެތީގެ ރައްކާތެރިކަމަށް ވަކި ދުވަހެއް ކަނޑައަޅާ މި ދުވަސް ދުނިޔޭގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ. ކޮންމެ އަހަރެއްގެވެސް ޖޫން ހަތް ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ކަމުގައި އދ. ގެ ޖެނެރަލް އެސަމްބްލީން ނިންމާފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުވައި، ކާބޯތަކެތީގެ ޒަރީއާއިން ދިމާވާ އިގްތިސޯދީ އަދި ސިއްހީ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން، ޖަރާސީމާއި ތަފާތު ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަނަށް ވުރެ ގިނަމީހުން ތަހައްމަލުކުރެއެވެ. މީގެތެރެއިން އަހަރަކު ގާތްގަޑަކަށް 420،000 މީހުން މަރުވެއެވެ.

މި އަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކާބޯތަކެތީގެ ރައްކާތެރިކަން، އެންމެންގެ ކަމެއް" އެވެ.

comment ކޮމެންޓް