ހުޅަނގު އައްސޭރި އިސްރާއީލްގެ ބަޔަކަށް ހެދުމާ ދެކޮޅަށް އެގައުމުގައި މުޒާހަރާކޮށްފި

އިސްރާއީލުގައި ވަނީ ހުޅަނގު އައްސޭރި އެގައުމުގެ ބަޔަކަށް ހެދުމާ ދެކޮޅަށް މުޒާހަރާކޮށްފަ -- ފޮޓޯ: ރޮއިޓާސް

ތެލްއަވީވް (ޖޫން 7): ހުޅަނގު އައްސޭރީގައި އިސްރާއީލުން މީހުން ވަޒަންވެރިކޮށްފައިވާ ސަރަހައްދުތަކާއި އުރުދުން ވާދީ އިސްރާއީލުގެ ބަޔަކަށް ހަދަން އެގައުމުން ކުރާ މަސައްކަތާ ދެކޮޅަށް ތެލް އަވީވްގައި އެތައް ހާސް މީހުން މުޒާހަރާކޮށްފި އެވެ.

އިސްރާއީލްގައި އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި ކޮރޯނާވައިރަސް ފެތުރުން ކުޑަ ކުރުމުގެ ގޮތުން މީހުން ތިބީ މާސްކު އަޅައިގެން، ދުރުދުރުގަ އެވެ. އަދި އެ މީހުން ވަނީ ހުޅަނގު އައްސޭރީގެ ބިންތައް އެގައުމުގެ ބަޔަކަށް ނެހެދުމަށާއި ސުލްހަވެރިކަމާއި ޑިމޮކްރަސީ ގާއިމު ކުރުމަށް ގޮވާލާފަ އެވެ. ބައެއް މީހުން ވަނީ ފަލަސްތީނުގެ ދިދަވެސް ވިހުރުވާލާފަ އެވެ.

އެ މުޒާހަރާ އިންތިޒާމު ކުރީ ވާތު ފިޔައިގެ މީހުންނާއި މިނިވަން ޖަމްއިއްޔާތަކުންނެވެ. ނަމަވެސް އިސްރާއީލްގެ ގިނަ މީހުން އެ މުޒާހަރާގެ ބައިވެރިންގެ ހިޔާލަށް ތާއިދު ނުކުރާ ކަމާއި، ހުޅަނގު އައްސޭރި އެގައުމުގެ ބަޔަކަށް ހަދަން އާބާދީގެ ދެބައިކުޅަ އެއްބައި ވަރަކަށް މީހުން ތާއިދު ކުރާ ކަން އިސްރާއިލްގައި ދާދި ފަހުން ހެދި ހިޔާލު ހޯދުމުގެ ވޯޓަކުން ވަނީ ދައްކާފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ޖެނުއަރީ މަހު އިއުލާން ކުރެއްވި މެދުއިރުމަތީގެ ސުލްހައިގެ ރޭވުމުގައި ވަނީ، ހުޅަނގު އައްސޭރީގައި އިސްރާއީލުން މީހުން ވަޒަންވެރި ކޮށްފައިވާ ސަރަހައްދުތައް އެގައުމުގެ ބަޔަކަށް ހެދޭނެ ކަމަށް ބުނެފަ އެވެ. އަދި މިދިޔަ މަހު، ފަސް ވަނަ ދައުރަކަށް ވެރިކަން ކުރައްވަން ފެއްޓެވި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެގައުމުން ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކޮށްފައިވާ ސަރަހައްދުތައް މިލްކު ކުރާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ފަލަސްތީނުން ވަނީ އިސްރާއީލުގެ އެ ރޭވުމުގެ ދަށުން ހުޅަނގު އައްސޭރީގެ 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ ސަރަހައްދެއް އިސްރާއީލްގެ ބަޔަކަށް ވެގެންދާނެ ކަމަށް ބުނެފަ އެވެ. އަދި އިސްރާއިލްގެ ރޭވުމާ ދެކޮޅު ހަދާފަ އެވެ.

އިސްރާއީލާއި އަރަބި ގައުމުތަކާ ދެމެދު 1967ގައި ކުރި ހަ ދުވަހުގެ ހަނގުރާމައިގެ ތެރޭ އެގައުމުން ވަނީ ހުޅަނގު އައްސޭރި އާއި ޣައްޒާ ހިފާފަ އެވެ. އަދި އިސްރާއީލުން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އެސަރަހައްދުތަކުގައި ޔަހޫދީން ވަޒަންވެރި ކުރަމުންނެވެ.

ހުޅަނގު އައްސޭރީގެ ބިމާއި ޣައްޒާގެ ބިމަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފަލަސްތީނުން އުންމީދުކުރާ ދެ ސަރަހައްދެވެ. ހުޅަނގު އައްސޭރިއަކީ މުޅި ފަލަސްތީނުގެ 22 އިންސައްތަ ބިމެވެ. ޣައްޒާއަކީ މުޅި ފަލަސްތީނުގެ 5 އިންސައްތަ ބިމެވެ.

comment ކޮމެންޓް