ކޮވިޑް-19 ގެ ތަފާސް ހިސާބު ޝާއިއު ނުކުރުމަށް ބްރެޒިލްގެ ރައީސް އަމުރުކުރައްވައިފި

ބޮލްސޮނާރޯ

ވޮޝިންޓަން (7 ޖޫން 2020): ބްރަޒީލްގައި ކޮވިޑް-19 ގެ ހާލަތު ބަޔާންކޮށްދޭ ރަސްމީ ސައިޓް ބަންދު ކުރުމަށް ރައީސް ޖައިރު ބޮލްސޮނާރޯ އަމުރު ކުރައްވައިފިއެވެ.

މިއަމުރު ދިފާއު ކުރައްވަމުން ބޮލްސޮނާރޯ ވިދާޅުވީ ސިއްހަތާބެހޭ ސައިޓުގައިވާ މައުލޫމާތު ސައްހަ ނޫންކަމަށާއި ބްރަޒިލްގައި ކޮވިޑް-19 ގެ ކަންތައްތައް އޮތް ހާލަތު އެސައިޓުން ދައްކައި ނުދޭކަމުގައެވެ. ނަމަވެސް އެއީ ބްރަޒިލްގެ ސިއްހަތާބެހޭ ވުޒާރާއިން އެގައުމުގައި ކޮވިޑް-19 ޖެހޭމީހުންނާއި އެބަލިން ރަނގަނޅުވާ މީހުންނާ އަދި އެބަލީގައި މަރުވާ މީހުންގެ ތަފާސްހިސާބު އާންމުކުރާ ސައިޓެވެ. މިހާރު ބްރަޒީލްގައި ކޮވިޑް-19 ގެ ތަފާސް ހިސާބު ޝާއިއު ކުރަނީ އާންމު ފަރާތްތަކުން ނުރަސްމީ ގޮތެއްގައެވެ.

ސިއްހަތާބެހޭ ވުޒާރާގެ ސައިޓްގައި ކޮވިޑް-19 ޖެހޭމީހުންނާއި އެބަލީގައި މަރުވާމީހުންގެ އަދަދުވަނީ ބޮޑުކޮށް ކަމަށާ އެގޮތަށް މައުލޫމާތު ޝާއިއު ކުރުމަކީ އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭނެކަމެއްކަމަށާ އެކަން ކޮށްގެން ނުވާނެކަމަށް ޖައިރު ބޮލްސޮނާރޯ ވިދާޅުވިއެވެ.

ބޮލްސޮނާރޯ އަކީ ކޮވިޑް-19 ގެ ހަގީގަތް ގަބޫލުކުރައްވާ ބޭފުޅެއްނޫނެވެ. ބޮލްސޮނާރޯ ވަނީ ކޮވިޑް-19 އަކީ ނުރައްކާތެރި ރޯގާއެއްނޫންކަމަށާއި އެއީ އާދައިގެން އަރިދަފުސް ރޯގާ ނުވަތަ އިންފްލުއެންޒާ ފަދަ ރޯގާއެއްކަމަށް އެތަށް ފަހަރަކު ވިދާޅުވެފައެވެ. އަދި ކޮވިޑް-19 ޖެހިދާނެކަމުގެ ކުޑަވެސް ބިރެއްނެތި އެކި ތަންތަނަށް ވަޑައިގެން މާސްކާ ނުލައި ބޮލްސޮނާރޯ އުޅުއްވައެވެ. އަދި އަންގިއާ ނުލައި މީހުންނާ ސަލާމް ކުރައްވައި އުޅުއްވައެވެ.

މީގެއިތުރުން ކޮވިޑް-19 އާ ދެކޮޅަށް އެހެންގައުމުތަކުން އެޅިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބްރަޒިލްގެ ސިއްހަތާބެހޭ ވުޒާރާއިން ތަންފީޒު ކުރުމުން ބޮލްސޮނާރޯ ވަނީ އެވުޒާރާގެ ދެވަޒީރުން ފާއިތުވި 3 މަސް ތެރޭގައި މަގާމުން ދުރުކުރައްވާފައެވެ. އެދެވަޒީރުން ގެ ދުވަސްވަރު ބްރަޒިލްގެ ރައްޔިތުން ކޮވިޑް-19 އިން ސަލާމަތް ކުރުމަށްޓަކައި އެޅުއްވި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްވެސް ބޮލްސޮނާރޯ ވަނީ ގޮންޖައްސަވާފައެވެ. އަދި އެފިޔަވަޅުތަކަށް ބޯނުލެނބުމަށް ބޮލްސޮނާރޯ ރައްޔިތުންނަށް ހިއްވަރު ދެއްވާފައިވެސް ވެއެވެ.

އެންމެ ފަހުން ހުންނެވި ބްރަޒީލްގެ ސިއްހަތާބެހޭ ވަޒީރު މަގާމުން ދުރުކުރުމަށްފަހު އެ ވުޒާރާ ހިންގުން ބޮލްސޮނާރޯ ހަވާލުކުރައްވާފައިވަނީ އޭނާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމުގައި ހުންނަވާ ސިފައިންގެ ޖެނެރަލެއް ކަމަށްވާ ވޯލްޓާ ސޫޒާ އާއެވެ. ބޮލްސޮނާރޯގެ މި އަމަލުތަކާ ދެކޮޅަށް އެގައުމުގެ ރައްޔިތުންގެ ގިނަބަޔަކު ފާޑުކިޔައި އަޑުއުފުލަމުން ގެންދާއިރު ބްރަޒިލްގެ ޕްރޮވިންސްތަކުގެ ގިނަ ގަވަރުނަރުން ގެންދަވަނީ ބޮލްސޮނާރޯއަށް ގޮންޖައްސަވައި އެބޭފުޅުންގެ ސްޓޭޓްތަކުގައި ކޮވިޑް-19 އާ ދެކޮޅަށް އަޅަންޖެހޭ ސިއްހީ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް އަޅުއްވަމުންނެވެ.

ބްރަޒީލްގައި ކޮވިޑް-19 ގެ ހާލަތު ބަޔާންކޮށްދޭ ރަސްމީ ސައިޓް ބަންދު ކުރުމަށް އަމުރު ކުރެއްވުމަށްފަހު ބޮލްސޮނާރޯ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން ބްރަޒިލްގެ އިގްތިސާދު ހަލާކުވަމުންދާކަމަށާ އެއަށްވުރެ އިގްތިސާދު މާ މުހިއްމު ކަމުގައެވެ.

އެހެންކަމުން ބްރަޒިލްގެ އިގްތިސާދީ ގިނަ ހަރަކާތްތައް ކޮވިޑް-19 އާ ގުޅިގެން ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ބްރަޒީލްގައި ކޮވިޑް-19 ވަނީ ވަރަށް ބާރަށް ފެތުރެން ފަށާފައެވެ.

ކޮވިޑް-19، ޗައިނާއަށްފަހު ޔޫރަޕްގައި ފެތުރުނު އިރުވެސް ބްރަޒީލްއަކީ އެ ރޯގާގެ އަސަރުވެސް ގާތްގަނޑަކަށް ނެތްގައުމެކެވެ. އެއަށްފަހު ކޮވިޑް-19 ގެ މައި މަރުކަޒަކަށް އެމެރިކާ ވެގެންދިޔައިރުވެސް ބްރަޒީލް ގައި އެރޯގާ މާ ބޮޑަށް ފެތުރިފައެއް ނުވެއެވެ. ނަމަވެސް ބޮލްސޮނާރޯ ގެ އަމުރަށް ބްރަޒީލްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމާއި އިގްތިސާދީ ހަރަކާތްތައް މަޑުޖައްސާނުލުމުގެ ނަތީޖާއަކަށްވީ އެމެރިކާއެކޭ ދާދި އެއްވަރަށް ބްރަޒީލްގައިވެސް ކޮވިޑް-19 ފެތުރޭން ފެށުމެވެ.

މިހާރު ބްރަޒީލްއަކީ އެމެރިކާ ފިޔަވައި ކޮވިޑް-19 ގެ ކޭސްތައް އެންމެ ގިނަ ގައުމެވެ. ބްރަޒީލްގައި 6 ލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު ދުވާލެއްގެ މައްޗަށް ޖެހޭވަރު 15 ހާހަށްވުރެ ގިނައެވެ. އެ ރޯގާގައި ބްރަޒީލުން މަރުވާމީހުންގެ އަދަދުވަނީ 36 ހާހަށް ވުރެ އިތުރުވެފައެވެ. މިއާއެކުވެސް ބްރަޒީލްގައި އެރޯގާ ކޮންޓްރޯލްވާނެ ދުވަހެއް ނޭނެގޭ ކަމަށް ވިދާޅުވެ އެގައުމުގެ ސިއްހަތާބެހޭ ތަޖްރިބާކާރުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް