އަމިއްލަ ދެ ޖަމިއްޔާއަކުން ޓެކްސީ ޑްރައިވަރުންނަށް ޕީޕީއީ ހަދިޔާކޮށްފި

ނާޒިމް އަފާ ފައުންޑޭޝަނުން ދިވެހި ޑްރައިވާސް އެސޯސިއޭޝަނަށް ހަދިޔާކުރި ޕީޕީއީ-- ފޮޓޯ/ ދިވެހި ޑްރައިވާސް އެސޯސިއޭޝަން

އަމިއްލަ ދެ ޖަމިއްޔާއަކުން ދިވެހި ޑްރައިވާސް އެސޯސިއޭޝަނަށް ސިއްހީ ރައްކާތެރިކަމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ތަކެތި (ޕީޕީއީ) ހަދިޔާކޮށްފި އެވެ.

އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް "ސަން"އަށް ވިދާޅުވީ، ނާޒިމް އަފާ ފައުންޑޭޝަނުންނާއި ޝަރީފާ ފައުންޑޭޝަނުން ޓެކްސީ ޑްރައިވަރުންނަށް ބެހުމަށް ޕީޕީއީ (ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް) ހަދިޔާކޮށްފައިވާ ކަމަށެވެ.

ނާޒިމް އަފާ ފައުންޑޭޝަނުން ދިވެހި ޑްރައިވާސް އެސޯސިއޭޝަނަށް ހަދިޔާކުރި ޕީޕީއީ-- ފޮޓޯ/ ދިވެހި ޑްރައިވާސް އެސޯސިއޭޝަން

"ނާޒިމް އަފާ ފައުންޑޭޝަނުން އަޅުގަނޑުމެންނަށް ދެއްވީ 3000 އަންގިއާއި 2000 މާސްކު އަދި 1000 ސެނިޓައިޒާ ފުޅި. އަޅުގަނޑުމެން މި ތަކެތި ހުރިހާ ސެންޓަރަކަށް ބަހާނަން، [މާލޭގައި އޮންނަ 10 ސެންޓަރަށް]." އަބްދުﷲ ވިދާޅުވި އެވެ.

ޝަރީފާ ފައުންޑޭޝަނުގެ ފަރާތުން ޑްރައިވަރުންނަށް ހަދިޔާކޮށްފައިވަނީ 1000 އަންގިއާއި 1000 މާސް ކެވެ.

ޝަރީފާ ފައުންޑޭޝަނުން ދިވެހި ޑްރައިވާސް އެސޯސިއޭޝަނަށް ހަދިޔާކުރި ޕީޕީއީ-- ފޮޓޯ/ ދިވެހި ޑްރައިވާސް އެސޯސިއޭޝަން

އަބްދުﷲ ވިދާޅުވީ ދެ ޖަމިއްޔާގެ ފަރާތުން ލިބުނު ތަކެތި ސެންޓަރުތަކަށް ބެހުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.

މިއީ އެ ޖަމިއްޔާއަށާއި ޓެކްސީ ޑްރައިވަރުންނަށް މިފަދަ އެހީތެރިކަމެއް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށް އޭނާ ވަނީ ނާޒިމް އަފާ ފައުންޑޭޝަނަށާއި ޝަރީފާ ފައުންޑޭޝަނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

comment ކޮމެންޓް