ޖަޕާނުގެ އަނެއްކާ ވެސް 86.4 މިލިއަން ރުފިޔާގެ އެހީއެއް ދީފި

ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖެއަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ގަތުމަށް، ޖަޕާނުން ރާއްޖެއަށް 600 މިލިއަން ޖަޕަނީޒް ޔެން (86.4 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

މިއަދު ސޮއިކުރި އެހީގެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާ ހޮސްޕިޓަލްތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް 10 ބެޑްސައިޑް އެކްސްރޭ މެޝިން، 65 ބެޑްސައިޑް މޮނީޓަރު، 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ސިސްޓަމް، 200 އޮޓޮމޭޓެޑް އެކްސްޓާނަލް ޑިފިބްރިލޭޓަު އަދި 160 ސިރިން ޕަމްޕް ހޯދުމަށް ހަމަޖެހިފައިިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ޖަޕާނުން ދީފައިވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރާއްވާފައެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ ކޮވިޑް19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ބައިނަލްއަގްވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، އެ އެއްބާރުލުން ޖަޕާނުން ލިބޭނެކަމަށް ވިދާޅުވެފައެވެ.

ނިމިދިޔަ މަހުވެސް ޖަޕާނުން ވަނީ ޔުނިސެފް މެދުވެރިކޮށް 5.6 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ރެޑް ކްރެސެންޓް މެދުވެރިކޮށް ރާއްޖެއަށް 2.9 މިލިއަން ރުފިޔާގެ އެހީއެއް ދީފައެވެ.

އަދި ހަމައެއާއެކު ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް، ޔޫއެންޑީޕީ މެދުވެރިކޮށް، ކުދި ވިޔަފާރިތަކަށް އެހީވުމަށް 21.5 މިލިއަން ރުފިޔާގެ އެހީވެސް އެގައުމުން ވަނީ ރާއްޖެއަށް ދީފައެވެ.

comment ކޮމެންޓް