ކޫމަން: އަދިވެސް ހުރީ ބާސެލޯނާއަށް ކޯޗުކަން ކޮށްދިނުމުގެ އިންތިޒާރުގައި

ނެދަލެންޑުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ރޯނަލްޑް ކޫމަން---

ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން އަދިވެސް ހުރީ އޭނަގެ ފުޓުބޯޅަ ކެރިއަރުގައި ބޮޑުބައި ހޭދަކުރި ސްޕެއިނުގެ ބާސެލޯނާއަށް ކޯޗުކަން ކޮށްދިނުމުގެ އުންމީދުގައި ކަމަށް އޭނާ ބުނެފި އެވެ.

ނެދަލެންޑުގެ ފުޓުބޯޅަ ދަތި އުނދަގޫ ހާލަތެއްގައި އޮއްވާ، އެ ޓީމުގެ ކޯޗުކަމާ ހަވާލުވި ކޫމަންގެ އިރުޝާދާ އެކު އަލުން އަނބުރާ އެ ޓީމު ދުނިޔޭގެ ގަދަބާރަކަށް ވެގެން ދިޔަ ހިނދު ގިނަ ކުލަބުތަކަކުން ވަނީ އޭނާ ހޯދުމަށް މަސައްކަތް ފަށައިފަ އެވެ. އެހެން ނަމަވެސް އެ ހުރިހާ ކުލަބަކަށް ނޫނެކޭ ބުނަން ތައްޔާރަށް ކޫމަން ހުރީ ބޮޑު އުންމީދެއްގައި ކަން އޭނާ ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ހާމަކޮށްފަ އެވެ.

ކޫމަން އަބަދުވެސް އެންމެ ބޭނުންވި އެއްކަމަކީ އޭނަގެ ފުޓުބޯޅަ ކެރިއަރުގައި 197 މެޗު ކުޅެ 67 ގޯލު ޖަހައިދިން ބާސެލޯނާގެ ކޯޗުކަން ކުރަން ކަމަށް އޭނާ އަބަދުވެސް ބުނެ އެވެ. އަދި އޭނާގެ ހިތް އަދިވެސް ބާސެލޯނާގައި އޮތްކަން ހާމަކުރުމުގެ ގޮތުން 2022 ގެ ވޯލްޑް ކަޕަށް ފަހު ބާސެލޯނާއަށް ދާނެ ބޭނުންވާކަމަށް ވެސް ކޫމަން ވަނީ މިފަހަކުން ބުނެފަ އެވެ.

"ބާސެލޯނާއިން ވަރަށް ފަހަކުން ވެސް އަހަރެންނަށް ގުޅި. އެކަމަކު މިވަގުތު އަހަރެންގެ މަސްއޫލިއްޔަތަކީ ނެދަލެންޑުގެ ގައުމީ ޓީމުގެ ކޯޗުކަން. އެހެންވެ ބާސެލޯނާއަށް ޖަވާބެއް ދިނުމަށް ދަތިވީ،" ކޫމަން ބުންޏެވެ.

ނެދަލެންޑުގެ ކޯޗު ރޮނާލްޑް ކޫމަން ބާސެލޯނާގައި ކުޅުން ޒަމާނުގައި --- ފޮޓޯ// އޭޕީ

ކޫމަން ބުނީ އަންނަ އަހަރުގެ ޔޫރޯއަށްފަހު ނެދަލެންޑުގެ ކޯޗުކަމުން ވަކިވެ އެހެން ޓީމަކަށް ދިއުމުގެ ފުރުސަތު އޭނަގެ ކޮންޓްރެކްޓުގައި އެބައޮތް ކަމަށެވެ. އެކަމަކު އޭރުން ކަންތައް ކުރާނެ ގޮތަކާ މެދު އަދި ނުވިސްނާކަމަށް އޭނާ ބުންޏެވެ.

"އެންމެންނަށް ވެސް އެނގޭނެ ހަގީގަތެއް މިއީ އަހަރެންގެ ހިތް އަބަދުވެސް އޮންނާނީ ބާސެލޯނާއާ އެކު ކަން. އެ ޓީމަށް ކޯޗުކަން ކޮށްދިނުމަކީ އަބަދުވެސް ވަރަށް ބޮޑު އުންމީދެއް."

ނެދަލެންޑްސް ގައުމީ ޓީމަށް 1982 އިން 1994 އަށް ކުޅެ 1988 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ކޫމަން ކޯޗިން ކެރިއަރު ފެށީ 1997 ވަނަ އަހަރު ފެށީ ނެދަލެންޑްސްގެ އެސިސްޓަންޓް ކޯޗުގެ މަގާމުންނެވެ. އޭނާ ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ފެބުއަރީ މަހުގަ އެވެ. އޭނާ ހަވާލުވި ފަހުން އެ ޓީމު ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.

އަދި އަހަރުތަކަށް ފަހު ބައިނަލްއަގުވާމީ ބޮޑު މުބާރާތަކަށް ނެދަލެންޑް ކޮލިފައި ކޮށްދިން އިރު ކޫމަންގެ ކޯޗު ކަމުގައި އެ ޓީމުން ވަނީ ޔުއެފާ އިން މިދިޔަ އަހަރު ބޭއްވި ނޭޝަންސް ލީގުގެ ފައިނަލުގައި ކުޅެފަ އެވެ.

އުމުރުން 56 އަހަރުގެ ކޫމަން މި ވަގުތު ނެދަލެންޑްސްގެ ކޯޗުކަމުގައި ހުރީ 2022 ގެ ނިޔަލަށެވެ. ނެދަލެންދްސްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ސްޕޯޓިން ޑިރެކްޓަރު ނިކޯ ޔޭން ހޫއިމާ ވިދާޅުވީ ކޫމަންގެ ކޮންޓްރެކްޓްގައިވާ ގޮތުން މުއްދަތު ހަމަވުމުގެ ދެ އަހަރު ކުރިން އޭނާ ބޭނުންވެއްޖެ ނަމަ މަގާމު ދޫކޮށްލުމުގެ އިހުތިޔާރު އޮވެ އެވެ. އެކަމަކު އެކަން ކުރެވެނީ އޭނާ ދެން ހަވާލުވާ ޓީމަކުން ކޮމްޕެންސޭޝަން ފީ އެއް ދެއްކުމުންނެވެ.

comment ކޮމެންޓް