ބަލި މީހާ މާލެ ނުފޮނުވާ ކުޅުދުއްފުށީ ހޮސްޕިޓަލުން ބޮޑު އޮޕަރޭޝަނެއް

ކުޅުދުއްފުށީ ހޮސްޕިޓަލުން ކުރި އޮޕަރެޝަނުގައި ނެގި އޯވަރީ ސިސްޓް -- ފޮޓޯ: ހޮސްޕިޓަލް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އަންހެނެއްގެ ބަނޑުގައި އުފެދިފައިވާ އޯވަރީ ސިސްޓެއް ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއް އިއްޔެ ކޮށްފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުގެ ގައިނަކޮލަޖީ ޓީމާއި އޯޓީ ޓީމުން ކުރި މި ކާމިޔާބު އޮޕަރޭޝަނަކީ ހޮސްޕިޓަލަށް ލިބުނު ކާމިޔާބީއެއްް ކަމަށް ހޮސްޕިޓަލުންް ބުންޏެވެ. އޮޕަރޭޝަން ކުރުމުގައި އަށް މީހުންގެ ޓީމަކުން ހަރަކާތްތެރިވި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު މިއަދު "ސަން" އަށް ވިދާޅުވީ އަންހެން މީހާގެ ބަނޑުން ދެ ސިސްޓެއް ނަގާފައިވާ ކަމަށެވެ.

"ބޮޑު ސިސްޓުގައި ހުރި 10*11 ސެންޓިމީޓަރު. ކުޑަ ސިސްޓުގައި ހުރި 2*2 ސެންޓިމީޓަރު،" ދާއޫދު ވިދާޅުވިއެވެ.

ދާއޫދު ވިދާޅުވީ މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން އެ ހޮސްޕިޓަލުގައި މިފަދަ އޮޕަރޭޝަންތައް ކޮށްފައިވާ ކަމަށާއި ނަމަވެސް ފަޅައިގެން ނުގޮސް، ސިސްޓު ނެގުނު މިއީ ފުރަތަމަފަ ފަހަރު ކަމަށެވެ.

ދާވޫދު ވިދާޅުވީ އޮޕަރޭޝަނަށް ފަހު އަންހެން މީހާ މިއަދު ގެއަށް ދޫކޮށްލާނެ ކަމަށެވެ. އޭނާގެ ހާލު ރަނގަޅުކަމަށްވެސް ވިދާޅުވި އެވެ.

ދާވޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮސްޕިޓަލުގައި ވަސީލަތްތައް ގާއިމު ކުރެވިއްޖެނަމަ ބަލި މީހުން އިތުރު ފަރުވާއަށް މާލެ ފޮނުވަންޖެހުން މަދު ކުރެވޭނެ ކަމަށެވެ.

ހޮސްޕިޓަލަށް އެންމެ ބޮޑަށް ދިމާވެފައިވަނީ ޖާގައިގެ ދަތިކަން ކަން ފާހަގަކުރައްވައި އޭނާ މިއަދު ވިދާޅުވީ މިދިޔަ މަހުގެ 30 ގައި ހޮސްޕިޓަލަށް އިތުރު ކުރާ 30 އެނދުގެ ވޯޑުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އިތުރު ތަކެތި ލިބޭނަމަ މެނޭޖު ކުރެވޭނެ މާލެ ނުފޮނުވައި. ޖާގައިގެ ދަތިކަމާ ތަކެތީގެ ދަތިކަން ބޮޑީ،"

ކޮވިޑް19ގެ މިހާލަތުގައި ޑީސެންޓްރަލައިޒްޑް ހެލްތު ސިސްޓަމެއް ގާއިމްވެފައި އޮތުމުގެ މުހިއްމުކަން އެނގިގެންދާކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ދާދިފަހުން ވަނީ ދުވަސް ނުފުރާ 28 ހަފްތާގައި (ހަ މަހުގައި) ވިހެއި ކުއްޖަކަށް ވެސް ކާމިޔާބުކަމާއެކު ފަރުވާ ދީފަ އެވެ.

އުތުރުގެ އަތޮޅުތަކުގެ ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދާއިރު، އެ ހޮސްޕިޓަލުގެެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތަކެއް ކުރަމުންނެވެ.

comment ކޮމެންޓް