ޕްރިމިއާ ލީގު: ފަހުގެ ހުރިހާ ޓެސްޓެއް ނެގެޓިވް ވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީން މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގު އަލުން ފަަށަން އަންނަ މަހަށް ތާވަލުކޮށްފައިވާއިރު، އެންމެ ފަހުން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް ވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން މާޗު މަހު މެދުކަނޑާލި ޕްރިމިއާ ލީގު މި މަހު 17 ގައި އަލުން ފެށުމަށްޓަކައި ހަ ބުރެއްގެ މަތިން ކުޅުންތެރިންނާއި ސްޓާފުން ވަނީ މިހާތަނަށް ޓެސްޓްކޮށްފަ އެވެ. އެއީ ހަފުތާއަކު ދެ ފަހަރުގެ މަގުންނެވެ، އެގޮތުން މިހާތަނަށް ހެދި 6,274 ޓެސްޓުގެ ތެރެއިން ފެނިފައިވަނީ ޕޮޒިޓިވް އެންމެ 13 ކޭހެވެ.

އެގޮތުން އެންމެ ފަހުން ސާމްޕަލް ނެގި 1195 ކުޅުންތެރިންނާއި، އޮފިޝަލުންގެ ހުރިހާ ނަތީޖާއެއްވެސް ވައިރަހަށް ވަނީ ނެގެޓިވް ވެފައެވެ. މިއީ މި މަހުގެ ފަސްވަނަ ދުވަހާއި، ހަވަނަ ދުވަހު ނެގި ޓެސްޓްތަކުގެ ނަތީޖާ އެވެ. މިދިޔަ ހަފުތާ ފަހުކޮޅު ކުރި ފަސްވަން ބުރުގެ ސާމްޕަލްތަކުގެ ޕޮޒިޓިވްވީ އެންމެ މެމްބަރެކެވެ.

މާޗު މަހުގެ އަށްވަނަ ދުވަހު ޕްރިމިއާ ލީގު ކުޅުން ހުއްޓާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ 9 މެޗެވެ. ދެން އޮތް 4 ޓީމަށް 10 މެޗު އެބައޮތެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް 25 ޕޮއިންޓުގެ ލީޑަކާ އެކު އޮތްއިރު، 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގުގެ ތަށި އުފުލާލަން އެ ޓީމަށް ބޭނުންވަނީ ދެ މޮޅެވެ. އެކަމަކު ލީގު ފުރަތަމަ ފަށާއިރު ސިޓީ އަތުން އާސެނަލް މޮޅުވެ، ލިވަޕޫލް ކުޅޭ މެޗުން އެ ޓީމު އެވަޓަން ބަލިކޮށްފިނަމަ ލީގު ޗެމްޕިއަން ޔަގީންވާނެ އެވެ.

ޕްރިމިއާ ލީގުގެ ޗީފް އެގްޒެކެޓިވް ރިޗަޑް މާސްޓަސް ދާދި ފަހުން ވިދާޅުވެފައިވާ ގޮތުގައި ޖޫން 17 ގައި އަލުން ފަށަން އެއްބަސްވި ނަމަވެސް ސަލާމަތީ ކަންކަން ފުރިހަމަނުވާ ނަމަ މި ދުވަސް ކަށަވަރެއް ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި އެންމެ އިސްކަންދޭނެ ކަމަކީ ހުރިހާ ބައިވެރިންނާއި ސަޕޯޓަރުންގެ ސިއްހަތު ކަމަށްވާތީ އެވެ.

comment ކޮމެންޓް