އިންޑިޔާ ކަނޑުގައި ކުރެވުނު ދަތުރުތަކާއި ދިވެހިރާއްޖެ

އިންޑިޔާ ކަނޑުގައި ދިވެހިރާއްޖެ އޮތް މަޤާމުގެ ސަބަބުން، އެފްރިކާ އާއި ޕަރޝިޔަން ގަލްފުގެ ޤައުމުތަކުގެ މީހުން އިރުމައްޗަށް ކުރާ ދަތުރުތައް ކޮށްފައިވަނީ ރާއްޖޭގެ މަގުން ކަމަށް ވާތީ، ދިވެހިރާއްޖޭގެ މައްޗަށް ވެރިކަން ހިންގުމަށް ދެކުނު އިންޑިޔާގެ މަލާބާރުގެ ވެރީން މަސައްކަތްކޮށްފައިވެއެވެ. މި ގޮތުން ދެކުނު އިންޑިޔާގެ ސަންގަމް ލިޔުންތަކުން އެނގޭ ގޮތުގައި ކަނޑު ދަތުރުގެ މަގުތައް މަލާބާރީންގެ ބާރުގެ ދަށަށް ގެނައުމަށް މީލާދީން ފުރަތަމަ ޤަރުނުގެ ތެރޭގައި އެ މީހުންގެ ހަނގުރާމަވެރި ނައުފަހަރު ދިވެހިރާއްޖެއަށާއި ލަކްޝަދީބަށް ދަތުރުކޮށްފައިވެއެވެ. އޭރުގައި ލަކްޝަދީބާއި ދިވެހިރާއްޖޭގައި ހިނގަމުން ދިޔައީ އެއް ވެރިކަމެއްކަން ދަނބިދޫ ލޯމާފާނުން އެނގެއެވެ. އެހެން ކަމުން ހަނގުރާމައެއް ކޮށް ރާއްޖޭގެ ސަރަޙައްދު ހިފުމުގެ ޝައުޤުވެރިކަމެއް ބައެއްގެ ކިބައިގައި އުފެދިގެން ދިޔައީ ވެސް އިންޑިޔާ ކަނޑުގައި ކުރެވުނު ވިޔަފާރީގެ ސަބަބުން ކަން އެނގެއެވެ. އެހެންވީމާ މިއީ ވެސް ޤަދީމީ ޒަމާނުގައި އިންޑިޔާ ކަނޑުގައި ކުރެވުނު ވިޔަފާރީގެ ދަތުރުފަތުރާއި ރާއްޖެއާ އޮތް ގުޅުމުގެ ބޮޑުކަން ދައްކައިދޭ ހެތްކެކެވެ.

އިންޑިޔާ ކަނޑުގައި ދަތުރުކުރި ޤައުމުތަކުގެ ތެރެއިން އިންޑިޔާއިން ފެށިގެން ގަޑީގެ ކަށި ހިނގާ ބުރުން ބަލައިފި ނަމަ ދެން ފާހަގަ ކުރެވެނީ އޮޅުދޫކަރައެވެ. ނުވަތަ ސިލޯނެވެ. ސިލޯނުގެ މީހުންނަކީ ހުޅަނގު އިންޑިޔާގެ މީހުން ފަދައިން މާ ގިނަ ދަތުރުތަކެއް ކުރި ބައެއް ނޫނެވެ. އަދި އެ މީހުންގެ ވިޔަފާރި ބޮޑަށް ގުޅިފައި އޮތީ އިރުމަތީ އިންޑިޔާއާ ކަމަށް ވެފައި، ސިލޯނު އޮތީ ދިވެހިރާއްޖޭގެ އިރުމަތީގައި ކަމަށް ވާތީ، ދިވެހިރާއްޖެ އޮތް މަގުން ލާފައި ސިލޯނުގެ މީހުން ވިޔަފާރި ދަތުރުތަކެއް ކުރާކަށެއް ނުޖެހެއެވެ. އޮޅުދޫ ކަރައިން ދިވެހިރާއްޖެއަށް ދަތުރުކޮށްފައި ވަނީ އެ ޤައުމުގައި ހިނގި ހަނގުރާމަތަކާއި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން އެހެން ރަށަކަށް ދަތުރުކުރަން މަޖުބޫރުވެގެން ކަމާއި މިކަން ދިވެހިރާއްޖޭގެ ތާރީޚުން ފެންނަ ކަމަށް ނަސީމާ މުޙައްމަދު ލިޔުއްވައިފައިވެއެވެ. ސިލޯނު މީހުން ދިވެހިރާއްޖެ އޮތް މަގުން ވިޔަފާރި ދަތުރުތަކެއް ނުކުރި ކަމަށް ވިޔަސް، ޤަދީމީ ޒަމާނުން ފެށިގެން ދިވެހީން ވިޔަފާރި ދަތުރުތަކުގައި އޮޅުދޫކަރައަށް ދާކަން އެނގެއެވެ. ދިވެހިރާއްޖޭގެ އުތުރުގެ ރަށްތަކުގެ މީހުން ވިޔަފާރި ދަތުރުތަކުގައި ހުޅަނގު އަދި ދެކުނު އިންޑިޔާއަށާއި އިރުމަތީ އިންޑިޔާގެ ބަންގާޅާއި ގަންޖާމު ފަދަ ތަންތަނަށް ދަތުރުކޮށްފައިވާއިރު، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މީހުން ގިނައިން ދަތުރުކޮށްފައި ވަނީ އޮޅުދޫ ކަރައަށެވެ. މިކަމުގެ ސަބަބުން ދެކުނުގެ ބަހުރުވަތަކުން އުތުރުގެ ބަހުރުވަތަކަށް ވުރެ މާ ބޮޑަށް ސިންގަޅަ ބަހުގެ އަސަރު ފެންނަކަން ވެސް ފާހަގަ ކުރެއްވޭ ކަމަށް އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ (1997) ލިޔުއްވައިފައިވެއެވެ.

އިންޑިޔާ ކަނޑުގެ އިރުމަތީ ބިތުގައި އޮތް ސިޔާމުގެ މީހުން ރާއްޖެ މަގުން ނުވަތަ ހުޅަނގަށް މާ ގިނަ ދަތުރުތަކެއް ކުރި ކަން އެނގެން ނެތް ކަމުގައި ވިޔަސް، އަސޭ ކަރައިގެ މީހުން މަޑަގަސްކަރަ ފަދަ ތަންތަނަށް ދަތުރު ކުރި ކަމާއި މި މީހުން ވެސް ރާއްޖެއަށް އައިސްފައިވާ ކަން ތާރީޚުން އެނގެއެވެ (މުޙައްމަދު އިބްރާހީމް ލުޠުފީ، 1987، ޞަފްޙާ 31).
ދިވެހިރާއްޖޭގައި އަސޭކަރަ ނުވަތަ މިހާރުގެ އިންޑޮނޭޝިޔާ އާއި މެލޭޝިޔާގެ މީހުންގެ ސިފަ ހުރި މީހުން ތިބި ކަމަށް ޕްރޮފެސަރ ސްޓޭންލީ ގަރޑިނަރ ދިވެހީންގެ ނަސްލާ މެދު ކުރެއްވި ދިރާސާއިން ހާމަވެފައި ވާ ކަމަށް ނަސީމާ މުޙައްމަދު (2011) ލިޔުންތެރިޔާ ގާތު ވިދާޅުވިއެވެ. ހަމަ އެހެންމެ ދިވެހި ބަހުގައި މެލޭ ބަހުގެ ލަފްޒުތައް ހުރި ކަމަށް ވެސް ނަސީމާ މުޙައްމަދު ވިދާޅުވިއެވެ. މަސްހުނި ދިވެހި ނަސްލުގައި އަސޭކަރައިގެ މީހުންގެ ސިފަ ހުރުމުން ދިވެހީންނާއި އަސޭކަރައިގެ މީހުންނާ ދެމެދު ލޭގެ ގުޅުން ހިނގާފައި ވާ ކަން އެނގެއެވެ. ދިވެހި ބަހުގައި މެލޭ ބަހުގެ އަސަރު ހުރި ކަމުން ނުވަތަ މެލޭ ބަހުގެ ލަފްޒުތަކެއް ދިވެހި ބަހުގެ ތެރޭގައި ބޭނުން ކުރެވޭ ކަމީ ދިވެހި ބަހަށް އިރުމަތީ އޭޝިޔާގެ ނުފޫޒު ފޯރާފައިވާ ކަން އެނގޭ ހެތްކެކެވެ. އެހެން ކަމުން ޤަދީމީ ޒަމާނުގައި އިންޑިޔާ ކަނޑުގައި ކުރެވުނު ވިޔަފާރި ދަތުރުތަކުގެ ސަބަބުން އަސޭކަރައިގެ މީހުންގެ ބަހާއި ނަސްލުގެ ނުފޫޒު ދިވެހީންގެ ބަހަށާއި ނަސްލަށް މި ވަނީ ކޮށްފައެވެ.
ބައެއްގެ ބަހަށާއި ނަސްލަށް އެހެން ބަހަކާއި ނަސްލެއްގެ ނުފޫޒު ފޯރާފައިވާ ނަމަ އެއިން ދައްކައިދެނީ އެ ދެބައެއްގެ ދެމެދުގައި ވަރުގަދަ ގުޅުންތަކެއް ހިނގައިފައިވާ ކަމެވެ. މި ގޮތުން ބަލާއިރު އަސޭކަރަ އާއި ދިވެހިންނާ ދެމެދު އޮތް ގުޅުމުން ވެސް ޤަދީމީ ޒަމާނުގައި އިންޑިޔާ ކަނޑުގައި ކުރެވުނު ވިޔަފާރިތަކާއި ދިވެހިރާއްޖެއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަން ސާބިތުވެއެވެ.

ޤަދީމީ ޒަމާނުގައި އިންޑިޔާ ކަނޑުގައި ވިޔަފާރި ދަތުރުތައް އެންމެ ގިނައިން ކޮށް އުޅުނީ އަރަބީންނާއި ފާރިސީންނެވެ (ޙަސަން އަޙްމަދު މަނިކު، 1983). ޓިމް ގޮޑްފްރޭ (1998) ހާމަ ކުރައްވާ ގޮތުގައި އަރަބި ވިޔަފާރިވެރީން ސީނު ކަރަ އާއި ސުމަޓްރާއާ ދެމެދު ވިޔަފާރީގެ ގުޅުން ހިންގިއެވެ. އަދި އެއިރު އެބައިމީހުން މަޑުކޮށްލާ މަންޒިލަކަށް ވެފައި އޮތީ ދިވެހިރާއްޖެއެވެ.

މުޙައްމަދު އިބްރާހީމް ލުޠުފީ (1992) ލިޔުއްވާ ގޮތުގައި ބީ.ސީގެ 2 ވަނަ ޤަރުނުގެ ކުރީކޮޅުން ފެށިގެން ސީނު ކަރައިގެ ވިޔަފާރި ނައުފަހަރު އިންޑިޔާ ކަނޑުގައި ދަތުރުކޮށް އުޅެފައިވެއެވެ. އަދި ސީނު ކަރައިގެ މި އުޅަނދުތައް ޕަރޝިޔަން ގަލްފާއި ރަތްކަނޑުގެ ބަނދަރުތަކަށް ގޮސްފައިވެއެވެ.

ދިވެހިރާއްޖެ އިސްލާން ކުރެއްވި މައުލާނާ ޖަލާލު ޔޫސުފު އައްތަބްރޭޒީ އަކީ ވެސް ފާރިސްކަރައަށް ނުވަތަ އީރާނަށް ނިސްބަތްވާ ބޭކަލެކެވެ (މުޙައްމަދު އިބްރާހީމް ލުޠުފީ، 1997). ދިވެހީންގެ ދީނީ ބަސްކޮށާރުގައި ހުރި ފާރިސީ ލަފްޒުތަކުން ވެސް ދިވެހީންނާއި އީރާނާ ދެމެދު ދީނީ ގޮތުން ގުޅުމެއް ހިނގާފައިވާކަން ސާބިތުވެއެވެ. ފާރިސްކަރައިގެ މީހުންނެކޭ އެއް ގޮތަށް އަރަބީން ވެސް ވަރަށް ގިނައިން ރާއްޖެއަށް އައިސްފައިވެއެވެ. މި ގޮތުން އައި ބައެއް މީހުން ދިވެހިރާއްޖޭގެ ފަނޑިޔާރުކަމާއި ރަސްކަން ވެސް ކޮށްފައިވާއިރު ބައެއް މީހުން ވަނީ ދިވެހިރާއްޖެއިން މީހުންނާ އިނދެ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ކަމަށް ނަސީމާ މުޙައްމަދު (2011) ލިޔުންތެރިޔާ ގާތު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޢަރަބީންގެ ތެރޭގައި އެންމެ ގިނައީ ޙަޟްރަމައުތަށް ނިސްބަތްވާ މީހުން ކަމަށާއި، ދިވެހިރާޢްޖޭގައި ތިބި ސައްޔިދު ދަރިކޮޅުތައް ގުޅެނީ މި ގޮތުން ރާއްޖެއަށް ވަޑައިގެންނެވި ޢަރަބި ސައްޔިދުންނާ ކަމަށް ފާޠިމަތު މުނީރާ (2011) ލިޔުންތެރިޔާ ގާތު ވިދާޅުވިއެވެ.

ޕްރޮފެސަރ ސްޓޭންލީ ގަރޑިނަރގެ ދިރާސާއިން ވެސް ދިވެހީންގެ ނަސްލުގައި ޢަރަބި އަދި އީރާނީ ސިފަތައް ހުރިކަމަށް ބަޔާން ކުރައްވާފައިވާތީ، ދިވެހީންނާއި އެމީހުންނާ ދެމެދު ކައިވެންޏާއި ޅިޔަން ފަހަވެރިކަމުގެ ގުޅުން ހިނގާފައިވާކަން އެނގެއެވެ. ދިވެހީންގެ ނަސްލާއި ދީނާއި އާދަކާދައަށާއި ބަހަށް އަރަބި އަދި ފާރިސީ ނުފޫޒު ފޯރީވެސް ޤަދީމީ ޒަމާނުގައި އިންޑިޔާ ކަނޑުގައި ކުރެވުނު ދަތުރުތަކުގެ ސަބަބުންކަން މިކަންތައްތަކުން ސާބިތުވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް