ނަސްލީ ތަފާތުކުރުން ހުއްޓުވުމަށް ޖޯޑަން 100 މިލިއަން ޑޮލަރު ހޭދަކުރަން ނިންމައިފި

އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ތަރި މައިކަލް ޖޯޑަން ---

ދުނިޔޭގައި މިފަހުން އަނެއްކާ ވެސް އިންތިހާއަށް ބޮޑުވެފައިވާ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ފަންޑް ކުރުމަށް އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ތަރި މައިކަލް ޖޯޑަންގެ ފަރާތުން 100 މިލިއަން ޑޮލަރު ހޭދަ ކުރަން އޭނާ ނިންމައިފި އެވެ.

ކަޅު ނަސްލުގެ މީހެއްގެ ކަމަށްވާ ޖޯޖް ފްލޮއިޑް،46، ފުލުހުން ހައްޔަރު ކުރުމުގެ ތެރޭގައި މަރުވި މައްސަލަ ހޫނުވެ، އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގައި މިހާރު ދަނީ ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. އެ ހަމަނުޖެހުންތަކުގެ ތެރޭގައި އާއްމުންނާއި ފުލުހުންނާއި ދެމެދުގައި ވެސް ކުރިމަތިލުންތަކެއް ހިނގާފައިވާ އިރު ފްލޮއިޑަށް އިންސާފު ހޯދުމަށް ގޮވާލާ އަޑު ދުވަހަކަށް ވުރެން ދުވަހެއް ދަނީ އިތުރުވަމުންނެވެ.

ފްލޮއިޑްގެ ދިފާއުގައި އަޑު އުފުލަމުންދާ މީހުންނާއި އެއްބައި ކިޔައި ގިނަ އަދަދެއްގެ ކުޅިވަރުގެ ތަރިންނާއި، އެހެނިހެން ސެލަބްރިޓީން ވެސް މިހާރު ވަނީ އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައިފަ އެވެ. އަދި ނަސްލީ ތަފާތު ކުރުންތަކުގެ ޝިކާރައަކަށްވެ އިންސާފު ނުލިބި ތިބި އެތައް ބަޔަކަށް އެހީތެރިވުމުގެ ގޮތުން އެ ތަރިން އަންނަނީ ފައިސާގެ ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ބާސްކެޓް ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު އިއްތިފާގުވާ ޖޯޑަން ވަނީ ނަސްލީ ތަފާތުކުރުންތަކުގެ ޝިކާރައަކަށްވެ އިންސާފު ނުލިބި ތިބި މީހުންނަށް އެހީތެރިވުމުގެ ގޮތުން 100 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ނިންމާފަ އެވެ.

މި ފައިސާ ހޭދަ ކުރާނީ، ޖޯޑަން އާއި ނައިކީ އާ ގުޅިފައިވާ އޭނާގެ ކުންފުނި ދަ ޖޯޑަން ބްރޭންޑުންނެވެ. މި ފަންޑުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް މަސައްކަތް ކުރަން ހިންގާ ހަރަކާތްތަކަށް ހޭދަ ކުރާނެ އެވެ.

ޖޯޑަން މިދިޔަ ހުކުރު ދުވަހުގެ ރޭ ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށާއި އިޖުތިމާއީ އަދާލަތު ގާއިމު ކުރުމަށް ބާރު އަޅާ ކެމްޕޭންތަކަށް ހަރަދު ކުރާނެ ކަމަށެވެ. އަދި އެކަމުގައި އޭނާ ކުރާ ހޭދައިން ގިނަ ބަޔަކަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދު ކުރާ ކަމަށެވެ.

އުމުރުން 57 އަހަރުގެ ޖޯޑަން ކުޅުމުން މިހާރު ރިޓަޔާކުރިތާ ދުވަސްތަކެއް ވެފައިވާ އިރު އޭނާ އަކީ އަދިވެސް ބާސްކެޓުގެ މީހެކެވެ. އެމެރިކާގެ ބާސްކެޓްބޯޅަ ކުލަބެއް ކަމަށްވާ ޗާލެޓް ހޯނެޓްސްގެ މެޖޯރިޓީ ޝެއާ ހޯލްޑަރަކީ ޖޯޑަން އެވެ.

comment ކޮމެންޓް