ވޯލްޑްކަޕާ ދިމާކޮށް 3 ވަނަ ސްޓޭޑިއަމް ގަތަރުން ނިންމައިފި

ވޯލްޑްކަޕާއި ދިމާކޮށް ގަތަރުގައި ހަދާފައިވާ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް --- ފޮޓޯ/ އޭއެފްސީ

ގަތަރުގައި ބާއްވަން ހަމަޖެހިފައިވާ 2022 ވަނަ އަހަރުގެ ވޯލްޑްކަޕާއި ދިމާކޮށްް އެގައުމުގައި މުޅިން އަލަށް ހަދަން ފެށި ތިންވަނަ ސްޓޭޑިއަމުގެ މަސައްކަތް ނިންމައިފި އެވެ.

މިހާތަނަށް ދުނިޔޭގައި ބޭއްވިގެންދާނެ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ވޯލްޑްކަޕަށް ވާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރަމުންދާ ގަތަރު 2022 އަށް ތައްޔާރުވުމުގެ ގޮތުން އެގައުމުން އަންނަނީ ރެއާ ދުވާލި ކެނޑިނޭޅި ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މުޅިން އަލަށް އެގައުމުގައި ހަދާ ތިން ސްޓޭޑިއަމެއްގެ މަސައްކަތް މިހާތަނަށް އެއްކޮށް ނިންމާފައިވާ އިރު އަދި ވެސް އިތުރު ފަސް ސްޓޭޑިއަމެއް ދަނީ ހަދަމުންނެވެ.

އެގޮތުން ގަތަރުގެ އެޑިއުކޭޝަން ސިޓީގައި ހަދަމުން ދިޔަ 45,350 ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމްގެ މަސައްކަތް މިިދިޔަ ހަފުތާގެ ތެރޭގައި އެގައުމުން ނިންމާފައިވާ އިރު އެ ސްޓޭޑިއަމް ރަސްމީކޮށް ހުޅުވުން އޮތީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމުގެ ނަމުން ނަންދީފައިވާ މި ދަނޑު ހުޅުވުމަށް ބޮޑު ރަސްމިއްޔާތެއް ބޭއްވުމަށް ގަތަރުން އަންނަނީ ތައްޔާރުވަމުންނެވެ. އަދި މި ރަސްމިއްޔާތު ހާއްސަ ކުރާނީ ކޮރޯނާ ވައިރަހުގެ ސަބަބުން ގައުމުތަކަށް ޖެހިފައިވާ އުނދަގޫ ދަތި ހާލަތްތަކުން ސަލާމަތް ކުރުމަށް ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށެވެ.

މީގެ ކުރިން ގަތަރުން ވަނީ ވޯލްޑްކަޕާއި ދިމާކޮށް އިތުރު ދެ ސްޓޭޑިއަމެއްގެ މަސައްކަތް ނިންމައިފަ އެވެ. އެގޮތުން 2017 ވަނަ އަހަރު ޙަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގެ މަސައްކަތް ނިންމި އިރު 2019 ވަނަ އަހަރު ވަނީ އަލް ޖަނޫބް ސްޓޭޑިއަމް ނިންމާފަ އެވެ.

ވޯލްޑްކަޕަށް ތައްޔާރުވުމަޑް ގަތަރަށް ބާކީ އަދި ދެއަހަރެއްހާ ދުވަސް އޮތް އިރު ބާކީ ހުރި ސްޓޭޑިއަމްތަކުގެ މަސައްކަތްތައް ވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންދާ ކަމަށް އެގައުމުން ވަނީ ބުނެފަ އެވެ.

ގަތަރުގައި ބާއްވާ މި މުބާރާތް ފެށުމަށް ފީފާއިން ޝެޑިއުލްކޮށްފައިވާ ތާރީހަކީ 2022 ވަނަ އަހަރުގެ ނޮވެމްބަރު 21 ގަ އެވެ. ޖުމުލަ 28 ދުވަހަށް ދެމިގެންދާ މި މުބާރާތުގެ ފައިނަލް ކުޅޭނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގަ އެވެ. ފައިނަލް ކުޅެން ހަމަޖައްސާފައި މިވަނީ ގަތަރުގެ ގައުމީ ޗުއްޓީ ދުވަހަކާ ދިމާކޮށެވެ.

comment ކޮމެންޓް