އަމީތާބް ބައްޗަންގެ ޝައުގުވެރިކަން ކީރިތި ޤުރްއާނަށް

އަމިތާބް ހަރިވަންޝް ބައްޗަން ނުވަތަ އަމީތާބަކީ ހިންދުސްތާނުގެ ފިލްމީ ދާއިރާގައި އެންމެ މަޝްހޫރު އެއް ނަމެވެ. 1942 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު، އިންޑިޔާގެ އުއްތަރްޕްރަދޭޝްގެ އިލާހުއާބާދަށް އުފަންވި އަމީތާބުގެ ބައްޕަ ޑރ.ހަރިވަންޝް ރާއީ ބައްޗަން އަކީ ހިންދޫއެކެވެ. ހިންދީ ލިޔުންތެރިއެކެވެ. އަދި ޅެންވެރިއެކެވެ. އަމީތާބުގެ މަންމަ ތޭޖީ ބައްޗަން އަކީ ޕަންޖާބީ ސިކެކެވެ. ތޭޖީ ބައްޗަން އުފަންވެފައިވަނީ ލާއޭލްޕޫރަށް ނުވަތަ މިހާރުގެ ޕާކިސްތާނުގެ ފައިސަލްއާބާދަށެވެ. އަމީތާބުގެ ބައްޕައެކޭ އެއްފަދައިން އަމީތާބަކީ ވެސް މިހާތަނަށް ހިންދޫއެކެވެ.

1983 ވަނަ އަހަރު އަމީތާބު ކުޅުނު ފިލްމެއް ކަމުގައިވާ ކޫލީގައި، އިޤްބާލް ޚާން ނަމަކަށް ކިޔާ މުސްލިމެއްގެ ރޯލު އަމީތާބު އަދާކޮށްފައިވެއެވެ. ފިލްމުތަކުގައި މުސްލިމުންގެ ރޯލު ތަމްސީލު ކުރުމުގައި ހައްޖުގެ ތަލްބިޔާ އާއި ޝަހާދަތް ފަދަ އިސްލާމީ ޝިއާރުތައް އަމީތާބުގެ ދުލުން އެތައް ފަހަރަކު ކިޔައިފައިވެއެވެ. އަމީތާބުގެ ފޭނުންގެ ތެރޭގައި ހިމެނޭ ބައެއް މުސްލިމުން އަމީތާބަކީ ސިއްރުން އިސްލާމްދީން ގަބޫލުކޮށްގެން ހުރި މުސްލިމެއް ކަމުގައި ވެސް ބުނެއެވެ. އެހެން ނަމަވެސް އަމީތާބު ދުވަހަކު ވެސް މިކަމާ ބެހޭ ގޮތުން ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ދުވަސްތަކަކަށް ފަހު އަނެއްކާ ވެސް މިވަނީ އެފަދަ ވާހަކައެއް ފެންމަތިވެފައެވެ. އެއީ ހާއްސަ ޝައުގުވެރިކަމަކާއެކު އަމީތާބް ކީރިތި ޤުރްއާން މުތާލައާ ކުރަމުންދާ ވާހަކައެވެ. ކީރިތި ޤުރުއާނަށް ހާއްސަ ޝައުގުވެރިކަމެއް ދީގެން މުތާލައާ ކުރަން އަމީތާބު ފަށައިފައިވަނީ ޓްވިޓަރުން ދިމާވި ރައްޓެސަކު ބުނި ބުނުމަކަށް ކަމަށް އަމީތާބު ޓްވިޓަރުގައި ލިޔެފައިވާ ކަމަށް ތަފާތު މީޑިޔާތަކުގައި ދަނީ ހަބަރު ފަތުރަމުންނެވެ.

ޓްވިޓަރުގައިވާ އަމީތާބުގެ ރަސްމީ އެކައުންޓުން ޓްވީޓްކޮށްފައިވާ މެސެޖުތަކުގެ ތެރޭގައި ކީރިތި ޤުރުއާނުގެ ބައެއް އާޔަތުގެ އިނގިރޭސި ތަރުޖަމާ ލިޔެފައިވެއެވެ. އެހެންކަމުން ހަގީގަތުގައި ވެސް އަމީތާބް ކީރިތި ޤުރްއާން މުތާލައާ ކުރަމުންދާކަން ޔަގީން ކުރެވެއެވެ.

އަމީތާބު ޓްވިޓަރުގައި ލިޔެފައިވާ ގޮތުން، ސިކުނޑިއަށް އަރާމާއި ހަމަހިމޭންކަން ލިބިގަތުމަށާއި، ދުނިޔޭގެ ހަޔާތުގެ ހަގީގަތް ދެނެގަތުމަށްޓަކައި ކީރިތި ޤުރްއާން ކިޔެވުމަށް އޭނާގެ ރައްޓެއްސަކު އޭނާގެ ގާތުގައި ބުންޏެވެ. އެހެންކަމުން އޭނާ އެކަން ކުރަމުން ގެންދާ ކަމަށް އަމީތާބު ލިޔެފައިވެއެވެ.

ކީރިތި ޤުރްއާނުގެ ދެ އާޔަތެއްގެ އިނގިރޭސި ތަރުޖަމާ މި ހަފްތާގައި ޓްވިޓަރުގައި ނަކަލުކޮށްފައިވާއިރު، އެއީ ރަޢުދު ސޫރަތުގެ 11 ވަނަ އާޔަތާއި އިސްރާ ސޫރަތުގެ 37 ވަނަ އާޔަތެވެ.
ރަޢުދު ސޫރަތުގެ 11 ވަނަ އާޔަތުގެ ދިވެހި ތަރުޖަމާއަކީ "ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތު އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށް ދާންދެން، ﷲ އެ ޙާލަތު ބަދަލެއް ނުކުރައްވާނެތެވެ." މިއެވެ.
އިސްރާ ސޫރަތުގެ 37 ވަނަ އާޔަތުގެ ތަރުޖަމާއަކީ "އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެންވެސް ތިބާޔަކަށް ނުދެވޭނެތެވެ." މިއެވެ.

އަމީތާބު ކީރިތި ޤުރުއާން މުތާލައާ ކުރަމުންދާ ހަބަރު އެންމެ ބާރަށް ފެތުރެމުންދަނީ އިންޑިޔާ އާއި ޕާކިސްތާނުގެ ޓީވީ ޗެނަލްތަކާއި ވެބްސައިޓުތަކާއި ބްލޮގްތަކުގައެވެ. ބްލޮގްތަކުގައިވާ މި ހަބަރަށް ކޮމެންޓުކޮށްފައިވާ ބައެއް މީހުން މިކަމާމެދު އުފާވެރިކަމުގެ ޝުއޫރު ފައުޅުކޮށްފައިވާއިރު، އެއް ބަޔަކު ވަނީ އަމީތާބަށް ހިދާޔަތް ދެއްކެވުން އެދި ކޮމެންޓުތަކުގައި ދުއާކޮށްފައެވެ. ޕާކިސްތާނުގެ މަޝްހޫރު ނޫހެއް ކަމުގައިވާ ސިޔާސަތުގައި ވެސް ވަރަށް މުއުތަބަރުކޮށް މި ހަބަރު ލިޔެފައިވެއެވެ. ހަމަ އެހެންމެ "ދިން ޓީވީ" އިން ވެސް މި ހަބަރު ގެނެސްދީފައިވެއެވެ.

ކީރިތި ޤުރްއާން މުތާލައާ ކުރުމުގެ އިތުރުން، އިންޑިޔާގެ މުސްލިމުންގެ މެދުގައި ވަރަށް ބޮޑު ގަދަރެއް ދެވިފައިވާ "އަޖްމީރް ޝަރީފް" ދަރްގާއަށް ދާދި ފަހުން އަމީތާބް ޒިޔާރަތްކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. އަޖްމީރުގައި ހުންނަ ދަރްގާއަކީ ސޫފީ ތަރީގާގެ މުސްލިމުން ވަރަށް ގަދަރުކުރާ ޒިޔާރަތެކެވެ. އަމީތާބު އެތަނަށް ގޮސްފައި ވަނީ އެތަނަށް ނަދުރު ބުނެ ބައެއް އަގުރު ތަކެތި ވެސް ހިފައިގެންނެވެ. މިތަކެތި އުފުލައިފައި ވަނީ ވެސް އަމީތާބު އަމިއްލަ ބޯމަތީގައި ބަހައްޓައިގެންނެވެ. މިއީ އޭރު އަމީތާބަށް ކާފަ ދަރިފުޅަކު ލިބެން އުޅޭތީ، އެ ކުއްޖާއަށް ބަރަކާތް ލެއްވުން އަދައިގެން ކުރި ކަމެއް ކަމަށް ބޮލީވުޑުގެ ހަބަރުތައް ލިޔާ މަޝްހޫރު ވެބްސައިޓުތަކުގައި ލިޔެފައިވެއެވެ.

އަމީތާބު އަޖްމީރުގެ ދަރްގާއަށް ކުރި ޒިޔާރަތުގެ ފޮޓޯތައް އާންމުވެފައިވާއިރު، އަމީތާބުގެ ދަރިފުޅު އަބީޝެކް ވެސް މުސްލިމުން އަޅާ ކަހަލަ ތާކިހަލެއް އަޅައިގެން މިސްކިތެއް ކައިރީގައި ހުއްޓައި ނަގާފައި ހުރި ފޮޓޯތަކެއް ވަނީ އާންމުވެފައެވެ. މިކަންކަމާ ގުޅިގެން މީޑިޔާގައި ދެކެވޭ އެއްވެސް ވާހަކައެއް އަމީތާބު ވެސް އަދި އާއިލާއިން ވެސް ދޮގުކޮށްފައެއް ނުވެއެވެ.

ކޮންމެއަކަސް ކީރިތި ޤުރްއާން މުތާލައާ ކުރުމަށްފަހު އަމީތާބުގެ ކުރިމަގު ބައްޓަންވެގެންދާ ގޮތް ޝައުގުވެރިކަމާއެކު ދިރާސާ ކުރާ އެތައް ބަޔަކު ތިބޭނެކަން ކަށަވަރެވެ. އިންޑިޔާގެ އާބާދީގައި ހިމެނޭ އެތައް މިލިޔަން މުސްލިމުން ވެސް މިކަން ވަރަށް ގާތުން ބަލާނެއެވެ. އިންޑިޔާއަކީ އިންޑޮނޭޝިޔާ ފިޔަވައި ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް