އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހިދާނެ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން އުފެދުނު ހަމަނުޖެހުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ލިބުނު އަނިޔާއަށް އިތުރަށް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ޑޮކްޓަރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކުގެ ދައުރު ހަމަވާތީވެ، އިންތިހާބެއް ބޭއްވެންދެން އެ ކައުންސިލަރުން މަގާމުގައި ތިބެވޭނެ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 1:30ގައި ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވުމުން ރިޔާސާތުން އޭނާގެ ނަން އިއްވެވި އެވެ. އެއާ އެކު އެމްޑީޕީ މެމްބަރުން އޭނާ ގަދަކަމުން ނެރެން އުޅުމުގެ ތެރޭގައި ތަޅުމުގައި ވަނީ ބޮޑު ހަމަނުޖެހުމެއް ހިނގައި ދެ ޕާޓީގެ މެންބަރުންނަށް ވެސް އަނިޔާވެފަ އެވެ.

އެކަމާ ގުޅިގެން މިއަދު މެމްބަރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހަމަނުޖެހުމުގައި އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އެގޮތުން މައިބަދައިގެ ތިރީ ބަދައެއް ކޮންމެވެސް ވަރަކަށް އެތެރެއަށް ޖެހި ބަދައިގައި ރެނދު ލައި މޭކަށިގަނޑަށްވެސް އަނިޔާވެފައިވާ ކަމަށް ޓެސްޓުން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އަނިޔާއާ ގުޅިގެން މިހާރު ހިނގާބިނގާވެ އުޅެން ދަތިކަމަށާއި ރާއްޖެއިިން ބޭރަށް އިތުރަށް ފަރުވާ ކުރުމަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތްކޮށްފައިވާތީ އެކަމަށް ތައްޔާރު ވަމުންދާ ކަމަށެވެ.

މަޖިލީސް ތަޅުމުގައި އެފަދަ އަމަލެއް ހިނގާފައިވާތީ އެ މައްސަލައަކީ ޖިނާއީ ކުށެއް ކަމަށް ބެލެވޭތީ އެ މައްސަލަ ބަލައިދިނުމަށް މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދުމަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކު މި މައްސަލަ ބައްލަވައި ދެއްވުމެވެ،" ޝިޔާމް ވިދާޅުވި އެވެ.

comment ކޮމެންޓް