އިންޓަނޭޝަނަލް ފްލައިޓުތަކަށް ހިދުމަތްދޭނެ ކެޕޭސިޓީއެއް މާފަރު އެއާޕޯޓުގައި ނެތް

މާފަރު އެއާޕޯޓު -- ސަން ފޮޓޯ: އާއިޝަތު ފަރީހާ އަބްދުﷲ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް އިންޓަނޭޝަނަލް ޕެސެންޖާ ފްލައިޓްސް ޖަައްސައި ހިދުމަތް ދޭނެ ކެޕޭސިޓީ ނެތްކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ މާފަރު އެއާޕޯޓަށް ދީފައި އޮންނާނީ ވަގުތީ އިންޓަނޭޝަނަލް ހުއްދަ އެއް ކަމަށެވެ.

"މާފަރު އިންޓަނޭޝަނަލް ނަންބޯޑު ތިބޭފުޅުންނަށް ފެނުނު ނަމަވެސް، އަޅުގަނޑުމެން އިންނާނީ ޓެމްޕޮރަރީ ޕާމިޓެއް ދީފައި އިންޓަނޭޝަނަލް އޮޕަރޭޝަންސް އަށް،" ޒުހައިރު ވިދާޅުވި އެވެ.

ޑިސެންބަރ، 1 2019: ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވުން-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާފަރު އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހުޅުވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. މެންބަރު ހާރޫން ސުވާލު ކުރެއްވީ އެ އެއާޕޯޓަށް އިންޓަނޭޝަނަލް ޕެސެންޖާ ފްލައިޓުތައް ފެށޭނެ ދުވަހަކާ ގުޅޭގޮތުންނެވެ.

ސްޓޭޓު މިނިސްޓަރު ޒުހައިރު ވިދާޅުވީ މާފަރު އެއާޕޯޓަށް ޓެމްޕޮރަރީ ހުއްދަ އެއް ދީފައި އޮންނާނީ ޕްރައިވެޓް ޖެޓުތައް ހޭންޑްލް ކުރުމަށް ކަމަށެވެ.

އިންޓަނޭޝަނަލް ފްލައިޓުތައް ހޭލްޑްލް ކުރުމަށް މާފަރު އެއާޕޯޓު ތައްޔާރު ނޫންކަމަށް ޒުހައިރު ވިދާޅުވި އެވެ.

"އެ އެއާޕޯޓުގެ ޓާމިނަލްގައެއް ނެތް އިންޓަނޭޝަނަލް ފްލައިޓްސް ހޭންޑްލް ކުރުމަށް ތައްޔާރުވެފައެއް. އެއީ އިމިގްރޭޝަން ކައުންޓަރެއް ނެތް، އިންޓަނެޝަނަލް ޕެސެންޖާސް އާއި ޑޮމެސްޓިކް ޕެސެންޖާސް ވަކި ކުރެވޭނެ ގޮތެެއް ނެތް،" ސްޓޭޓު މިނިސްޓަރު ވިދާޅުވި އެވެ.

ޒުހައިރު ވިދާޅުވީ މާފަރު އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަށް އިންޓީރިއާ ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

ޑިސެންބަރ، 1 2019: ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"ދެން ޓާމިނަލް ކެޕޭސިޓީ އަށް ބަލާއިރު ހިޔެއް ނުވޭ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެކީގައި ކުރިއަށް ގެންދެވޭނެ ކެޕޭސިޓީ އެއް އަދި ހުރިހެންނެއް. އެތަނުގައި އަޅުގަނޑަށް ހީވަނީ އެންމެ ގިނަވެގެންވެސް 150 ނުވަތަ 100 ޕެސެންޖާސް މި ހޭންޑްލް ކުރެވެނީ. އެހެންވީމާ އިންޓަނޭޝަނަލް ފްލައިޓަށް ބަލާއިރު ރާއްޖެއަށް އަންނަ އެންމެ ކުދި އިންޓަނޭޝަނަލް ފްލައިޓު އޭ320 އަށް ބަލާއިރުވެސް އެއީ 200 ޕެސެންޖާސް. އެހެންވީމާ ކެޕޭސިޓީ ބިލްޑުވީ އިރަކުން އިންޓަނޭޝަނަލް އޮޕަރެޝަންސް އަށް ހުއްދަ ދެވޭނެ. އެޑްހޮކް ޗާޓާސްގެ ގޮތުގައި އެގޮތަށް ރިކުއެސްޓް އަތުވެއްޖެއްޔާ އެ ދާނީ ކޮންސިޑާ ކުރަމުން،" ޒުހައިރު ވިދާޅުވި އެވެ.

މީގެ އިތުރުން ދާއިމީކޮށް އިމިގްރޭޝަން، ކަސްޓަމަސް އަދި ހެލްތު ބޭފުޅުން މާފަރު އެއާޕޯޓުގައި ތިބޭ ދުވަހަކުން ޕްރައިވެޓް ޖެޓްސްތައް ޖެއްސުމަށްވެސް ދާއިމީ ހުއްދަ ދޫކުރެވޭނެ ކަމަށެވެ.

"މިހާރު މި އިންނަނީ ހަމަ އެޑްހޮކް ކޮށް އަޅުގަނޑުމެން މިދެނީ ހުއްދަ،" އޭނާ ވިދާޅުވި އެވެ.

މާފަރު އެއާޕޯޓު --- ސަން ފޮޓޯ

ޒުހައިރު ވިދާޅުވީ އެއާޕޯޓެއް ފުލީ އިންޓަނޭޝަނަލް ވުމަށް ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށާއި، އެއާޕޯޓެއް އިންޓަނޭޝަނަލް ވެގެންދާއިރު ފިޔުލް ލިބެން ހުންނަން ޖެހޭނެ ކަމަށާއި، އެއާކްރާފްޓެއްގެ ސައިޒަށާއި ޕެސެންޖަރުންގެ އަދަދަށް ބަލާފައި އިމަޖެންސީއެއްގައި އެމީހުންނަށް މެޑިކަލް އެޓެންޝަން ދެވޭނެ ވަރުގެ ފެސިލިޓީސްވެސް އެތަނެެއްގައި ހުންނަން ޖެހޭނެ ކަމަށެވެ.

"ވަރަށް މުހިއްމު ކަމެއް ކަންނޭނގެ ރިފިޔުލިން. މާފަރަށް ފްލައިޓު ޖައްސާފައި ކޮންމެވެސް އެހެންތަނަކަށް ފިޔުލް އަޅަން ދިޔުމުގެ މާނައެއް ނެތް ކަންނޭނގެ،" ޒުހައިރު ވިދާޅުވީ މިފަދަ ފެސިލިޓީތައް ފުރިހަމަކޮށް، އެކަން އިއުލާނު ކުރުމުން އެއާލައިންތަކުން ބަލާފައި، ބޭނުންވާ ހިދުމަތްތައް ލިބޭނަމަ އެއާލައިންތަކުން އޮޕަރޭޓު ކުރާނެ ކަމަށެވެ.

މިކަންތައް ފުރިހަމަކުރެވޭނެ ދުވަހެއް ނިންމާނީ އެއާޕޯޓް އޮޕަރޭޓް ކަމަށް ޒުހައިރު ވިދާޅުވި އެވެ.

މާފަރު އެއާޕޯޓު ހިންގަނީ އައިލެންޑް އޭވިއޭޝަނުންނެވެ.

މާފަރު އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ އަބޫދާބީ ފަންޑުގެ އެހީގައެވެ. އެ އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. އެ މަސައްކަތް ކޮށްފައިވަނީ ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ ބޯއިން 777 ޓްވިން ޖެޓް ޖެއްސޭ ވަރަށް ބޮޑު ކުރުމަށް ނިންމާ، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާނު ކޮށްފަ އެވެ.

comment ކޮމެންޓް