ޖޯޖް ފްލޮއިޑްގެ ދަރިފުޅަށް އެހީވާން ކާންޔޭ ވެސްޓް ޔުނިވާސިޓީ ފަންޑެއް ހުޅުވާލައިފި

ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ވަނީ ފްލޯއިޑްގެ ދަރިފުޅަށް ޔުނިވާސިޓީ ފަންޑެެއް ހުޅުވާލަފަ -- ފޮޓޯ: ގެޓީ

އެމެރިކާގެ ދޮން ނަސްލުގެ ފުލުހެއްގެ އަނިޔާވެރި އަމަލުގެ ސަބަބުން މަރުވި ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޯއިޑްގެ ދަރިފުޅު ޔުނިވަސިޓީއަށް ފޮނުވުމަށް ބޭނުންވާ ފައިސާ އެއް ކުރުމަށް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ފަންޑެއް ހުޅުވާލައިފި އެވެ.

ފްލޯއިޑްގެ ހަ އަހަރުގެ ދަރިފުޅު ޖިއާނާއަށް ޔުނިވާސިޓީ ފަންޑެއް ހުޅުވާލުމުގެ އިތުރުން ކާންޔޭ ވަނީ ޗެރިޓީތަކަށް ދެ މިލިއަން ޑޮަލަރު ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ފްލޯއިޑް އާއި މިއަހަރު ތެރޭ މަރާލާފައިވާ ކަޅު ނަސްލުގެ އިތުރު ދެ މީހެއް ކަމަށްވާ ބްރިއާނާ ޓެއިލާ އާއި އަހުމަދު އާބަރީއާ ގުޅުން ހުރި ޗެރިޓީތައް ހިމެނެ އެވެ.

މިދިޔަ މާޗް މަހުގެ 13އިގައި ޓެއިލާ މަރާލާފައި ވަނީ ފުލުހުން އޭނާގެ އެޕާޓްމެންޓަށް ވަދެ، ބަޑި ޖަހައިގެންނެވެ. ޓެއިލާގެ ގެޔަށް ފުލުހުން ވަނީ އެގޭގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް ތުހުމަތުކޮށް، 'ނޯ ނޮކް ވޮރެންޓެއް' ނުވަތަ ޓަކި ޖެހުން ފަދަ ގޮތަކަށް ކުރިން އެންގުމަކާ ނުލައި އެ ގެޔަށް ވަދެވޭ އަމުރަކާ އެކުގަ އެވެ. އެ މައްސަލަައިގައި ތުހުމަތު ކުރެވޭ ފުލުހުން އަދި ހައްޔަރުކޮށްފައި ނުވެ އެވެ.

އާބަރީއަކީ މިދިޔަ ފެބްރުއަރީ މަހު ދުވަން ދަނިކޮށް، ދޮން ނަސްލުގެ ދެ މީހަކު ވެގެން ބަޑި ޖަހާ މަރާލި މީހެކެވެ. އެ މައްސަލައިގައި އެ ދެ މީހުން ހައްޔަރުކޮށް މީހަކު މެރުމުގެ ދައުވާ ކުރީ މިދިޔަ މަހުގަ އެވެ.

ފްލޯއިޑްގެ މަރުވެފައި ވަނީ މިދިޔަ މަހުގެ 25ގައި ފުލުސް އޮފިސަރު ޑެރެކް ޝޮވިން އާއި އިތުރު ތިން ފުލުހަކު ތިބެގެން އޭނާ ހައްޔަރު ކުރި އިރު، ޝޮވިން ފްލޯއިޑްގެ ކަރަށް ފައި އަރުވައިގެން ހުުރުމާ ގުޅިގެންނެވެ.

ފްލޯއިޑްގެ މަރާ ގުޅިގެން ޝޮވިންގެ މައްޗަށް ވަނީ ދެވަނަ ގިންތީގެ މަރުގެ ދައުވާ އުފުލާފަ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެނާ ގިނަވެގެން 40 އަހަރުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. އަދި ބާކީ ތިން ފުލުހުންގެ މައްޗަށް ވަނީ ފްލޯއިޑްގެ މަރަށް ވާގިވެރިވުމުގެ ދައުވާ އުފުލާފަ އެވެ.

comment ކޮމެންޓް