"ނަސްލީ ތަފާތުކުރާ މީހުންގެ ސިކުނޑި މުޅިއަކުން ހަމައެއްނޫން"

މެންޗެސްޓާ ސިޓީގެ ފޯވާޑް ގެބްރިއަލް ޖީސުސް ---

ނަސްލީ ތަފާތު ކުރުމަކީ މިއަދަކު އިއްޔެއަކު ފެށިގެން އުޅޭ ކަމެއް ނޫންކަމަށާއި، އެކަން ކުރާ މީހުންނާއި، އެކަމަށް ހިތްވަރުދޭ މީހުންގެ ސިކުނޑި މުޅިއަކުން ހަމަ ކަމަކަށް ގަބޫލު ނުކުރާ ކަމަށް މެންޗެސްޓާ ސިޓީގެ ތަރި ގެބްރިއަލް ޖީސުސް ބުނެފި އެވެ.

ޖީސުސް މި ވާހަކަތައް ދެއްކީ އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައި މަރާލުމުން އެކަމަށް އިންސާފު ހޯދައިދޭން އެކި ފަރާތްތަކުން އަޑުއުފުލަމުންދާ ދަނޑިވަޅެއްގަ އެވެ. ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް މި ދުވަސްވަރު ގިނަ ބައެއް ދަނީ އަޑުއުފުލަަމުންނެވެ.

އެ މައްސަލަ ހޫނުވެ، އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގައި މިހާރު ދަނީ ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. އެ ހަމަނުޖެހުންތަކުގެ ތެރޭގައި އާއްމުންނާއި ފުލުހުންނާއި ދެމެދުގައި ވެސް ކުރިމަތިލުންތަކެއް ހިނގާފައިވާ އިރު ފްލޮއިޑަށް އިންސާފު ހޯދުމަށް ގޮވާލާ އަޑު ދުވަހަކަށް ވުރެން ދުވަހެއް ދަނީ އިތުރުވަމުންނެވެ.

އެމެރިކާގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން--

ފްލޮއިޑްގެ ދިފާއުގައި އަޑު އުފުލަމުންދާ މީހުންނާއި އެއްބައި ކިޔައި ގިނަ އަދަދެއްގެ ކުޅިވަރުގެ ތަރިންނާއި، އެހެނިހެން ސެލަބްރިޓީން ވެސް މިހާރު ވަނީ އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައިފަ އެވެ. އެގޮތުން މީގެ ކުރިން އެތައް ފަހަރަކު ނަސްލީ ތަފާތުކުރުމުގެ ޝިކާރައަކަށްވެފައިވާ ބްރެޒިލްގެ މެންޗެސްޓާ ސިޓީ ފޯވާޑް ޖީސުސް ވަނީ މިކަމާ ވިދިގެން ގިނަ ވާހަކަތަކެއް ދައްކާފަ އެވެ.

"ނަސްލީ ތަފާތު ކުރުމަކީ އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ ކަމެއް ނޫން. އަދި މިއީ އާދައިގެ ކަމެއް ވެސް ނޫން. މީހުންނަށް މިކަމުން ލިބޭ އަނިޔާއަށް ކެތް ނުވެގެން އެތައް ހިތާމަވެރި ހާދިސާތަކެއް އަބަދުވެސް ހިނގާ،" ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތަކަށް ތާއީދު ކުރަމުން ޖީސުސް ބުންޏެވެ.

ޖީސުސް ބުނީ، "ކަޅު ނަސްލަށް އިންސާފު ހޯދުން" މި ބަސްކޮޅަކީ ފުން މާނައެއް އޮތް ބަސްކޮޅެއް ކަމަށެވެ. އެހެނީ އެ ބަހުގެ މާނަ ގިނަ ބަޔަކަށް ހަގީގަތުގައި ނޭންގޭ ކަމަށާއި، ނަސްލީ ތަފާތު ކުރުމަކީ ކަޅު ނަސްލުގެ މީހުންނަށް އެކަނި އޮތް ކަމެއް ނޫން ކަމަށެވެ.

"ކަޅު ނަސްލުގެ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެދި މި ކުރާ ކެމްޕޭނަކީ އެހެނިހެން ނަސްލުތަކަށް ބުނާ ބަދު ބަހެއް ނޫން. ހުރިހާ އެންމެންގެ ފުރާނަ ވެސް މުހިއްމު،"

ޖޯޖް ފްލޮއިޑްގެ ހަނދާނުގައި ފާރެއްގައި ކުރަހާފައިވާ އޭނާގެ ފޮޓޯ ޖެހި ކުރެހުމެއް---

ޖީސުސް ބުނީ، ރޭސިޒަމް ނުވަތަ ނަސްލީ ތަފާތު ކުރުމަކީ ޒަމާނުއްސުރެން މުޖުތަމައުއަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އެކަން މަޑު މަޑުން މަދު ކުރެވުނު ނަމަވެސް އަދިވެސް އެކަމަކީ އާލަމީ ވަބާއެއް ފަދަ ކަމެއް ކަމަށެވެ.

"ނަސްލީ ތަފާތު ކުރުމަށް ތާއީދުކޮށް އެކަން ކުރާ މީހުންގެ ސިކުނޑި މުޅިއަކުން ހަމައެއް ނޫން. އަހަރެންނަކީ ވެސް އެކަމުގެ ޝިކާރައަކަށް އެތައް ފަހަރު ވެފައިވާ މީހެއް. އެކަމުން ހިތަށް ލިބޭ ނުތަނަވަސްކަމާއި، ލިބޭ ދެރައަކީ އެކަން ތަޖުރިބާ ކުރުމުން ނޫނީ އިހުސާސް ކުރެވޭނެ ކަމެއް ނޫން."

comment ކޮމެންޓް