ޓުއަރިޒަމަށް ހުޅުވޭ އިރު މާމިގިލީ އެއާޕޯޓު އިންޓަނޭޝަލް ކުރެވޭނެ: ނަހުލާ

ނާހުލާ އަދި ފިރިކަލުން ގާސިމް އިބްރާހިމް -- ފޮޓޯ/ ރައީސް އޮފީސް

ޓުއަރިޒަމް އަލުން ހުޅުވޭއިރު މާމިގިލީ އެއާޕޯޓް އަލުން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވެގެން ދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ނަހުލާ މިހެން ވިދާޅުވީ، މިރޭ ބޭއްވި މަޖިލީހުގެ ސަރުކާރު މަސްއޫލިއްތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގައި ދަގެތީ ދާއިރާ މެމްބަރު މުހައްމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މާމިގިލީ އެއާޕޯޓަކީ ކުރިން ވެސް އިންޓަނޭޝަލް އެއާޕޯޓެއްގެ ގޮތުގައި ހިންގި އެއާޕޯޓެކެވެ. ނަމަވެސް ފަހުން އެ އެއާޕޯޓް ވަނީ ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކޮށްފަ އެވެ.

"މީގެ ކުރީގައި އިންޓަނޭޝަލް އެއާޕޯޓެއްގެ ގޮތުގައި މާމިގިލީ އެއާޕޯޓު ބޭނުންކޮށްފައި ވަނީ. ނަމަވެސް ފަހުން ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ވަރަށް ގިނަ ދުވަހު ބޭނުން ކުރުމުން ގެންދިޔުމާ ގުޅިގެން އަނެއްކާވެސް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރާނަމަ، އަޅުގަނޑުމެން ސިވިލް އޭވިއޭޝަން ގައިޑްލައިން ތެރެއިން ފޮލޯ ކުރަން ޖެހޭ ކަންތައްތަކެއްވުމާ އެކު އެ ކަންތައްތައް ފޮލޯ ކުރަމުން ގެންދާކަން އިއްޒަތްތެރި މެމްބަރުގެ މައުލޫމަތަށް ޓަކައި ދަންނަވަން،" މާމިގިލީ އެއާޕޯޓު އިންޓަނޭޝަަލް ކުރެވޭނީ ކޮންއިރަކުތީ މެމްބަރު ނާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ، ސިވިލް އޭވިއޭޝަންގެ ގައިޑްލައިންތަކާ އެއްގޮތަށް ކަންކަން ކުރުމަށް ފަހު ޓުއަރިޒަމް ހުޅުވާލެވޭ އިރު، އެގޮތަށް އެދިފައިވާ ހުރިހާ އެއާޕޯޓެއް ވެސް އިންޓަނޭޝަލް ކުރެވޭނެ ކަމަށެވެ.

"އެކަންތައްތައް ފޮލޯކޮށް ނިމުމާ އެކުު، ﷲ އިރާދަކުރެއްވިއްޔާ ޓުއަރިޒަމް ހުޅުވިގެންދާއިރު، މިގޮތަށް އެދިފައިވާ އެއާޕޯޓުގެ މަސައްކަތްތައް ފެށިގެންދާނެ،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހިމްގެ ވިލާ އެއާއިން ހިންގާ މާމިގިލި އެއާޕޯޓް އިންޓަނޭޝަންލް ފްލައިޓްތައް ޖެއްސުމުގެ ހުއްދަ މިދިޔަ ސަރުކާރުގައި ދީފައި ނުވެ އެވެ.

ޓުއަރިޒަމް އަލުން ފެށުމަށް ހަަމަޖެހިފައި ވަނީ އަންނަ މަހުގަ އެވެ.

comment ކޮމެންޓް