ވާދޫ ފެހި ރަށަކަށް، އިލެކްޓްރިކް ބަހާއި ބައިސްކަލް

ވާދޫ އަށް ގެންދިޔަ މިނީ ބަސް -- ފޮޓޯ: ކައުންސިލް

ރ. ވާދޫ އަކީ ތެޔޮ އަޅައިގެން ދުއްވާ ވެހިކަލްތަކުގެ ބަދަލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދުއްވޭ ވެހިކަލް ދުއްވާ ރަށަކަށް ހެދުމަށް މަސައްކަތް ފަށައިފި އެވެ.

ވާދޫ ކައުންސިލާއި އެރަށުގެ ޖަމްއިއްޔާ އެއް ކަމަށްވާ ވާދޫ އެސޯސިއޭޝަންފޯ ފިޔުޗާ ޑިވެލޮޕްމެންޓް (ވަފްދު) ގުޅިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓް ތިން ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ޔޫއެންޑީޕީގެ ޖީއީއެފް/އެސްޖީޕީ ސްމޯލް ފްރާންޓުގެ ހިލޭ އެހީގެ ދަށުން ވާދޫގައި ކުރިއަށްގެންދާ "އިއާދަ ކުރަނިވި ހަކަތަ އަށް ރައްޔިތުން ބަދަލުވުމުގެ" ޕްރޮޖެކްޓުގެެ ދަށުން ވާދޫގައި ސޯލާ ޗާޖިން ސްޓޭޝަނެއް ބަހައްޓައި، އިލެކްޓްރިކް މިނީ ބަހުގެ ހިދުމަތް ތައާރަފުކޮށް ކުއްޔަށް ބައިސްކަލު ދޫކުރާނެ އެވެ.

އެރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަހުމަދު ޒިޔާއު މިއަދު "ސަން" އަށް ވިދާޅުވީ މި ޕްރޮޖެކްޓުގެ ބޭނުމަކީ "ރައްޔިތުން ގެންގުޅޭ ވެހިކަތައްވެސް އިއާދަކުރަނިވި ހަކަތައިން ދުއްވާ އެއްޗެއްސަށް ހަދަން ބާރުއެޅުން ކަމަށެވެ.

އެގޮތުން ރަށުގައި ގާއިމްކުރާ ސޯލާ ޗާޖިން ސިސްޓަމުން ރައްޔިތުންގެ ވެހިކަލްތައް ހިލޭ ޗާޖު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުން ރައްޔިތުންނަށް އިތުރު ހިތްވަރެއްވެސް ލިބޭނެތާ ކަރަންޓު ވެހިކަލް ބޭނުން ކުރުމަށް،" ޒިޔާއު ވިދާޅުވި އެވެ.

މި ސިސްޓަމް ބެހެއްޓުމަށް ބޭނުންވާ ތަކެތި މިހާރު ވަނީ އެރަށަށް ގެންގޮސްފަ އެވެ. މި ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް އޮތް އެއްމަސް ތެރޭ ފެށޭވަރު ވާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެ ރަށަށް ވަނީ 14 މީހުންގެ ޖާގައިގެ އިލެކްޓްރިކް މިނީ ބަހެއް ގެންގޮސްފަ އެވެ. މި ބަހުގައި ސްކޫލު ކުދިންނަށާއި އާންމުނަށްވެސް ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭނެ އެވެ. މީގެ ބޭނުމަކީ ރަށުގައި ދުއްވާ ވެހިކަލްތަކުގެ އަދަދު މަދުކޮށް ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުން ކަމަށް ޒިޔާއު ވިދާޅުވި އެވެ.

ވާދޫ އަކީ "ގްރީން އައިލެންޑަކަށް" ހެދުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ދަށުން އެރަށުގައި ގާއިމް ކުރާ ސޯލާ ޗާޖިން ސްޓޭޝަނުގެ ކައިރީ ކުއްޔަށް ދޫޫކުރާ ބައިސްކަލްތައް ވެސް ބަހައްޓާނެ އެވެ. މިއާއެކު ރަށަށް އަންނަ މީހުންނަށް ރަށުތެރޭގައި އުޅޭއިރު ދުއްވާ އެއްޗެއްގައި އުޅެލުމަށް މަގުފަހިވާނެ އެވެ. ރަށު ރައްޔިތުންގެ ބޭނުމަށްވެސް މިތަނުން ބައިސްކަލް ދޫކުރާނެ އެވެ.

"ބޭނުމަކީ ތިމާވެއްޓަ ރައްޓެހި ވެހިކަލްތައް ބޭނުން ކުރަން ބާރު އެޅުން،" ޒިޔާއު ވިދާޅުވި އެވެ.

މިއީ މިފަދަ ޕްރޮޖެކްޓެއް ރާއްޖޭގެ ރަށެއްގައި ކުރިއަށްގެންދާ ފުރަތަމަ ފަހަރު ކަމަށް ޒިޔާއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވާދޫގައި މީގެ ކުރިންވެސް ތިމާވެއްޓާ ރައްޓެހި މިފަދަ ޕްރޮޖެކްޓުތައް ކުރިއަށް ގެންގޮސްފައި ވާނެ ކަމަށެވެ. އެގޮތުން އެރަށު ކައުންސިލު ފުރާޅުގައި ސޯލާ ހަރުކޮށް، ކުނި ކޮށީގައި ވެސް ސޯލާ ހަރުކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

މި ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމަށް ވަފްދު ޖަމްއިއްޔާ އާއި ކައުންސިލް ގުޅިގެން ކުރާ މަސައްކަތް ޒިޔާއު ފާހަގަ ކުރެއްވި އެވެ.

"މި ޕްރޮޖެކްޓުގެ ވަރަށް މުހިއްމު އެއްމަގުސަދެއް އެއީ ސޯލާ ހަކަތަ ބޭނުން ކޮށްގެން ރާއްޖޭގައި އުޅަނދު ދުއްވޭނެކަން ސާބިތު ކުރުުން،" ޒިޔާއު ވިދާޅުވި އެވެ.

ވާދޫ އަކީ 612 މީހުންގެ އާބާދީ އެއް އޮންނަ ރަށެކެވެ.

comment ކޮމެންޓް