ޖާބިރުގެ ހެލިކޮޕްޓަރު ރާއްޖެ ގެނައުމުން ހުއްދަ ދޭނަން: މިނިސްޓަރު

ޖާބިރު ގެންނަން ނިންމާފައިވާ ބްރޭޑުގެ ހެލިކޮޕްޓަރެއް ---

ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހެލިކޮޕްޓަރު ރާއްޖެ ގެނައުމުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ހުއްދަ ދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިނިސްޓަރު ނަހުލާ ހާޒިރު ކުރީ ޖާބިރު އެ ކޮމިޓީގައި ނަހުލާ ހާޒިރުކޮށްދެއްވުމަށް އެދުމުންނެވެ. ވާޗުއަލްކޮށް ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި ޖާބިރު ބައިވެރިވެ ވަޑައިގެންނެވީ، އޭނާއަށް ރިސޯޓް ހަދަން ދޫކޮށްފައިވާ ވ އަތޮޅު ބޮޑު މޮހޮރާގައި ހުންނަވައިގެންނެވެ.

"އަޅުގަނޑު ހެލިކޮޕްޓަރެއް ގެންނާނަން. އެ ހެލިކޮޕްޓަރު ތިބޭފުޅުންނާ ބައްދަލުކުރާނަން. މިނިސްޓަރު ހުއްދަ ދެއްވާނެ ކަމަށް އުންމީދު ކުރަން. އެއީ ޕްރައިވެޓް ހެލިކޮޕްޓަރެއް ވަރަށް މުހިންމު ވާނެ ނޫންތޯ ގެންނަން،" ޖާބިރު ކޮމިޓީގައި ވިދާޅުވި އެވެ.

ހެލިކޮޕްޓަރަށް ހުއްދަ ހޯދުމާ ބެހޭގޮތުން ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެ ހެލިކޮޕްޓަރު ރާއްޖެ ގެނައުމުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ލިބިގެންދާނެ ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުގެ ހެލިކޮޕްޓަރު އައުމުން ފޮލޯ ކުރަން ޖެހޭ ޕްރޮސެސްތައް ފޮލޯކޮށްފައި ހަމަ އެދޭން ޖެހޭ ހުއްދަތައް އަޅުގަނޑުމެން ދިނުމުގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވަން." މިނިސްޓަރު ނަހުލާ ވިިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ އެގޮތަށް ޖަވާބު ދެއްވުމުން ޖާބިރު ވިދާޅުވީ، އޭނާ ގެންނަ ހެލިކޮޕްޓަރުގައި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ހިލޭ ދަތުރުކުުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުން ޖާބިރު ގެންނަން ނިންމަވާފައިވަނީ، ބެލް ޓެކްސްޓްރޯން އިންކް ކުންފުނިން އުފައްދާ "ބެލް 206" މަރުކާގެ ހެލިކޮޕްޓަރެކެވެ. ނަމަވެސް އެ ހެލިކޮޕްޓަރު ގެންނާނެ އިރެއް އަދި ސާފެއް ނުވެ އެވެ. އެ މަރުކާގެ ހެލިކޮޕްޓަރުގައި ޕައިލެޓާ ނުލާ އާންމުކޮށް ހަތަރު މީހުންނަށް ތިބެވެ އެވެ.

މިވަގުތު ރާއްޖޭގައި ހަމައެކަނި އޮޕަރޭޓް ކުރަނީ އިންޑިއާ ސިފައިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކޮށްފައި އޮންނަ މިލިޓަރީ ދެ ހެލިކޮޕްޓަރެކެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހެލިކޮޕްޓަރު އޮޕަރޭޓްކޮށްފައި ވަނީ، މީގެ 20 އަހަރުކުރިން "ހަމިންބާޑް އައިލެންޑް އެއާވޭސް"އިންނެވެ. ނަމަވެސް ހެލިކޮޕްޓަރު ވެއްޓުުމުގެ ހާދިސާތައް ކައިރިކައިރީގައި ދިމާވާން ފެށުމުން ހެލިކޮޕްޓަރު އޮޕަރޭޓް ކުރުން ހުއްޓާލި އެވެ.

comment ކޮމެންޓް