ގުޅީފަޅު ހިއްކުން ވަގުތުން ހުއްޓާލުމަށް ސޭވްމޯލްޑިވްސް އިން ގޮވާލައިފި

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ކަނޑަށް ވެއްޔާއި ކިސަޑު ފެތުރިގެންދާ ގޮތް އީޕީއޭއިން ދަނީ ބަލަމުން -- ފޮޓޯ/ އީޕީއޭ

މޫސުމާ ބެހޭ ކުއްލި ނުރައްކަލަށާއި އިގްތިސޯދީ ހަގީގަތްތަކަށް އިޖާބަދީ، މިހާރުން މިހާރަށް ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލުމަށް ސޭވް މޯލްޑިވްސް އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައިފިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ސޭވް މޯލްޑިވްސްއިން ނެރުނު ބަޔާނުގައި ބުނީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެއަށްވެސް ކޮވިޑް19ގެ މުސީބާތާއެކު ޔަގީންކަމެއް ނެތް ދުވަސްތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ދިވެހި ސަރުކާރުން އެތައް ޒަމާންތަކެއްވަންދެން ތަރައްގީ އާއި ތިމާވެއްޓާއި ދެމެދު ދެކެމުން ގޮސްފައިވާ އަސާސީ އުނިކަންތައްތައް މިހާރު ރަނގަޅަށް ހާމަވަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސޭވް މޯލްޑިވްސްގެ ބަޔާނުގައި ބުނީ ކޮވިޑާއެކު މީގެ ކުރިން ފެނިފައިނުވާ މިންވަރަށް ގިނަ ބައެއްގެ ވަޒީފާތައް ކުއްލިޔަކަށް ގެއްލި، އެތައް ހާސް އާއިލާތަކަކަށް މިހާރު ވަނީ މާލީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ކޯވިޑް މުސީބާތަކީ އަހަރެމެން ހޭވެރިކަންވުމަށް ލިބިފައިވާ ފުރުސަތެއްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހާލަތު މިހެންއޮތް ނަމަވެސް މުޅިރާއްޖެ ލޮކްޑައުންގައިވާ މި ވަގުތުގައިވެސް ސަރުކާރުން ކ.އަތޮޅު ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ފަދަ ދެމެހެއްޓެނިވި ތަރައްގީއާއި ބީރައްޓެހި މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުންދާކަމަށް އެ ބަޔާނުގައި ބުންޏެވެ.

"މުއައްސަސާތަކުން ދަނީ އާންމުންގެ ހިޔާލުހޯދުމުގެ ނަމުގައި މީސްމީޑިއާގައި އިއުލާނެއްކޮށް މަދުދުވަސްކޮޅެއްގެ ތެރޭގައި މަޝްރޫއުގެ އިޖުރާއީ ނުކުތާއެއްގައި ފާހަގަލުމަށްޓަކައި ގޫގުލް ފޯމަކުން ހިޔާލުހުށަހެޅުމުގެ ކަންކަން ކުރަމުންނެވެ. މިކަމަށް ލިބެނީ ފިނިތަރުހީބެއްކަން އެނގެނީ މިއަށް އިޖާބަދޭމީހުންގެ މަދުކަމުންނެވެ،" އެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ 300 މިލިއަން ޑޮލަރުގެ ބޭރުގެ ލޯނު އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތާއި އިދިކޮޅަށް، ތޮއްޖެހިފައިވާ މާލެ ސަރަހައްދުގައި ހިދުމަތްތައް އިތުރަށް މަރުކަޒު ކުރެވިގެން ދާނެކަމެއް ކަމަށެވެ.

"މި މަޝްރޫއުގެ ސަބަބުން ގުޅީފަޅު ފަރު އިޔާދަނުކުރެވޭނެ މިންވަރަށް މުޅިން ހަލާކުވުމުގެ އިތުރުން 13 އަކަ ކިލޯމީޓަރު ގެ ކަނޑުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންލިބޭނެއެވެ. މިމަޝްރޫއުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ތިމާވެށްޓަށް ލިބޭނޭ ގެއްލުންތައް މިހާރުވެސް ފެންނަންފަށައިފިއެވެ. ބޮޑު ސަރަހައްދެއްގައި ކިސަޑު ފެތުރި، ވަށައިގެން އޮތް ވިލިނގިލި ފަރަށާއި ކައިރީގައި ހުރި ޑައިވް ކުރާ ސަރަހައްދުތަކަށް ދަނީ އަސަރުކުރަމުންނެވެ." ބަޔާނުގައި ބުނީ މީގެ ސަބަބުން ޑައިވަރުންނަށާއި، މަސްވެރިންނަށާއި، ބައެއް ރިސޯޓުތަކާއި އެހެން ވިޔަފާރިތަކަށް އަސަރުކުރާނެ ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން ޒަމާނުއްސުރެ ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ އެތައް ޤުދުރަތީ ތަރިކައަކަށް ގެއްލުންލިބޭނޭ ކަން ސަރުކާރަށް ރަނގަޅަށް އިނގޭނެ ކަމަށާއި މިއީ ހިމާޔަތް ކޮށްފައިވާ ކަނޑުއަޑީގެ ސަރަހައްދުތަކަށް ސަރުކާރުން އަޅާލުމެއް ނުބަހައްޓާކަމާއި އަހަރެމެންގެ މަދު އަދި ނާޒުކު ގުދުރަތީ ތަރިކަތަކަށް ހައިރާންވާ މިންވަރަށް ސަރުކާރުން އިހުމާލުވާ ކަމުގެ ހެއްކެއް ކަމަށް ބަޔާނުގައި ބުންޏެވެ.

"ނަމަވެސް މިއަދު މުޅި ދުނިޔެ ތިމާވެށީގެ ދުވަހުގެ ޝިއާރު ކަމުގައިވާ 'މިއީ ގުދުރަތީވެށީގެ ވަގުތު' ކަން ބަލައިގަންނަ ހިނދު، 1 ޖޫން 2020 ގައި ރާއްޖޭގެ ބަނދަރަށް މަރުހަބާ ކީ ނެދަލަންޑްސް ގެ ބޮސްކާލިސް ކުންފުނީގެ ބޮޑު ކޮންނަބޯޓަކަށެވެ. މި ބޯޓުގެ މަސައްކަތުގެތެރެއިން ތިމާވެށީގެ ގޮތުން ބޮޑެތި ގެއްލުން މިހާރުވެސް ލިބިފައިވާ ގްރޭޓަރ މާލޭ ސަރަހައްދުގައިވާ ގުޅީފަޅު ފަރު އިޔާދަނުކުރެވޭ މިންވަރަށް ކޮނެ، ހިއްކާ ފަނާކޮށް، އެފަޅުގައި 1995 އިންސުރެން ހިމާޔަތްކޮށްފައިވާ ޑައިވް ސަރަހައްދު ހާންސް ހާސް ޕްލޭސް އެއްކޮށް ނެތިދާނެކަމުގެ ބިރުއެބައޮތެވެ" ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީ ދެ ބަޔަކަށް ބެހިފައިވާ މި މަޝްރޫއު ގައި 20 މިލިއަން ކޮޑިމީޓަރުގެ (30 މިލިއަން ޓަނުގެ) ވެލި ބޭނުންކުރާނެ ކަމަށް ބެލެވޭއިރު، މީގެ ތެރޭގައި ކަނޑުއަޑީގެ ދިރުންތަކަށް ގެއްލުންވެ، މީހުންގެ އާމުދަނީ ހޯދުމުގެ ވަސީލަތް ހަލާކުވެ މޫސުމީ ބަދަލުތަކުން ސަރަހައްދުގެ ވިލުންވެރިކަމަށް އަސަރުކުރާނެ ކަމަށެވެ.

"މި ގެއްލުންތައް ދޭތަން ބަލާކަށް އަހަރެމެންނަކަށް ނުތިބެވޭނެއެވެ. ރައީސް ސޯލިހަށް އަހަރެމެން ގޮވާލަނީ މޫސުމާބެހޭ ކުއްލި ނުރައްކަލަށާއި އިގްތިސޯދީ ހަޤީޤަތްތަކަށް އިޖާބަދީ މިހާރުން މިހާރަށް ގުޅީފަޅު ފަނާކުރުން ހުއްޓުވުމަށެވެ" ސޭވް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ރައީސަށް ގޮވާލާފައި ވެއެވެ.

އެ ބަޔާނުގައި ގޮވާލާފައިވަނީ ސަރުކާރުގެ މިހާރުއޮތް ދެމެހެއްޓެނިވި ތަރައްގިއާއި ބީރައްޓެހި މިސްރާބު އަލުން މުރާޖައާކޮށް، ކޮވިޑް-19 މުސީބާތާއެކު ދިމާވެފައި މިވާ އިޖުތިމާއީ-އިގުތިސާދީ ހަގީގަތްތަކަށް ރިއާޔަތްކޮށް އަގުބޮޑު، މުހިންމުނޫން، ދަރަނިބޮޑު އަދި ފަނާކުރުވަނިވި ތަރައްގީގެ މަޝްރޫއުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށެވެ.

ސަރުކާރުން މިފުރުސަތުގެ ބޭނުން ހިފަންވާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ވިސްނުންތެރިކަމާއެކު ހިކުމަތްތެރި ނިންމުންތައް ނިންމާ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާފަދައިން އަދާއި މާދަމާގެ ޖީލުތަކުގެ މަންފާއަށްޓަކައި ރާއްޖޭގެ ގުދުރަތީ ތިމާވެށި ވަޒަންކޮށް، ރައްކާކޮށް ދެމެހެއްޓޭނެ ގޮތަކަށް އަލުން ކަންކަން ރޭވުމަށް ކަމަށް ސޭވް މޯލްޑިވްސްގެ ބަޔާނުގައި ބުނެފައިވެއެވެ.

"ރާއްޖޭގެ ގުދުރަތީ ދިފާއީ ނިޒާމުތައް ކަމަށްވާ ފަރުތަކާއި ކަނޑުގެ ދިރުންތައް ދެމެހެއްޓުމަކީ ސަރުކާރުގެ ޒިންމާއެއްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދަނޑިވަޅުގައި ހަނދާންކޮށްދެމެވެ. އަހަރެމެންގެ ޖީލަކީ އަންނާންއޮތް ޖީލުގެ ގެދޮރު ސަލާމަތްކުރުމަށް ނުކުޅެދުނު ޖީލަށް ވާކަށް ނެތީމެވެ،" ސޭވް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން ރައްޔިތުން ގެ މަސްލަހަތު އެއްފަރާތްކޮށް، ސިޔާސީ ބޭނުމުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ޔަގީންކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއިން އެކިފަހަރު މަތިން ނުކުޅެދިފައިވާ ކަމަށައި އީޕީއޭ އަކީ އެންވައިރަމަންޓް މިނިސްޓަރުގެ ނުފޫޒުން އެއްކިބާވެފައިވާ، އަހަރެމެންގެ މަދު، ގުދުރަތީ ވަސީލަތްތަކާއި ނާޒުކު ތިމާވެއްޓަށް އިޔާދަނުކުރެވޭފަދަ ގެއްލުން ލިބޭ މަޝްރޫއުތައް ހުއްޓުވުމުގެ ފުރިހަމަ އާރާއި ބާރު ލިބިފައިވާ، މުޅިން މިނިވަން މުއައްސަސާއަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރުން މިހާރަށް ކުރުމަށް ސަރުކާރަށާއި މަޖިލީހަށް ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް