ފަރުމަހަށް ދާން ބޭނުން މީހުންގެ މައުލޫމާތު އެއްކުރަން ފަށައިފި

މެއި 14، 2020: ކޮވިޑް-19 ފެތުރޭތީ، ވެރިރަށް މާލެ ފުރަބަންދުގައި އޮތް އިރު މަސްވެރިން މަސްބާނައިގެން އައިސް މާރުކޭޓް ސަރަހައްދުގައި ދޯނުތަކުގައި ތިބެގެން މަސް ވިއްކުމުގެ މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ތިބި ފަރުމަހަށް ދާން ބޭނުންވާ މަސްވެރިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މާލޭ ސިޓީކައުންސިލުން ފަށައިފި އެވެ.

މާލެ ފުރަބަންދު ކޮށްފައި އޮތުމާއެކު ފަރުމަސްވެރިކަން ކޮށްގެން އާމްދަނީ ހޯދާ މީހުންނަށް ވަނީ އާމްދަނީ ލިބޭނެ މަގު ބަންދުވެފައެވެ. ފުރަބަންދާއެކު އިގްތިސޯދަށް އައިސްފައިވާ ލޮޅުމުގެ އަސަރު އިންފޯމަލް ސެކްޓާގެ ގިނަ ބަޔަކަށް ކުރަމުންދެއެވެ.

ފަރުމަސްވެރިންގެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުގެ މަސްވެރިންގެ ނަންނޯޓު ކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިޙާރު ފަށާފައިވާ ކަމަށެވެ.

"މިހާރު އަންނަ އެންމެ ބޮޑު މައްސަލައަކީ ފަރުމަހަށް ދާން ބޭނުން މަސްވެރިންނަށާއި ކުދި ދޯނި ފަހަރުގެ މަސްވެރިންނަށް މަހަށް ފުރޭނެ ގޮތެއް ނެތުން،" މޭޔަރު ވިދާޅުވިއެވެ.

ނަން ނޯޓު ކުރަން ހަދަން ޖެހޭ ގޮތެއް އަދި ސާފެއް ނުވެ އެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދާލުމަށް މޭޔަރު ޝިފާއަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ކޮވިޑް 19 ގެ ސަބަބުން ރާއްޖޭހެ އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކުރި ނަމަވެސް މަސްއޮޑިފަހަރަށް މަހަށް ފުރުމުގެ ހުއްދަ ސަރުކާރުން ދިނެވެ. އަދި ކޮވިޑް ނެތް ރަށްރަށުގެ ފްރީލާންސް މަސްވެރިންނަށް، ކައުންސިލްގައި ނަންނޯޓު ކުރުމަށްފަހު، މަހަށް ފުރޭނެ އިންތިޒާމުވެސް އޮތީ ހަމަޖެހިފައެވެ.

comment ކޮމެންޓް