ފިއުލް ފާމްގެ ބޮޑެތި މަސައްކަތްތަކެއް ނިންމާލައިފި

އެއާޕޯޓުގެ ފިއުލް ފާމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމް ކުރާ ފިއުލް ފާމްގެ ބޮޑެތި މަސައްކަތްތަކެއް ނިންމާލައިފިއެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގައި ގާއިމްކުރާ އާ ފިއުލްފާމުގެ ބްރެސްޓިން ޑޮލްފިންގެ ސްޓްރަކްޗާގެ މަސައްކަތާއި ފަޔާ ފައިޓިން ޕްލެޓްފޯމުގެ މަސައްކަތް ވެސް ނިންމާލެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ޖެޓްފިއުލް އަދި ޕެޓްރޯލާއި ޑީސަލް ރައްކާކުރުމަށް ހަދާ ހުރިހާ ޓޭންކެއްގެ މަސައްކަތްވެސް މިހާރު ނިންމާލެވިފައިވާކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި އެއާސައިޑް ޑިސްޕެންސިން ސްޓޭޝަން ޓޭންކް އިންސްޓޯލު ކުރުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުންޏެވެ.

ވީއައިއޭގެ އާ ފިއުލް ފާމުގައި 37 މީޓަރުގެ ޑައިމީޓަރު ހުންނަ ތިން ޓޭންކު ވަނީ ބަނދެފައެވެ. ކޮންމެ ޓޭންކެއްގައި 15 މިލިއަން ލިޓަރުގެ ތެޔޮ ރައްކާކުރެވޭނެއެވެ. މިހާރު އެއާޕޯޓުގައި ޖުމްލަ ރައްކާކުރެވެނީ 15 މިލިއަން ލީޓަރުގެ ޖެޓް ފިއުލްއެވެ. އާ ފިއުލް ފާމުގައި ގާއިމް ކޮށްފައިވާ ތިން ޓޭންކުގައި ޖުމްލަ 45 މިލިއަން ލީޓަރުގެ ފިއުލް ރައްކާ ކުރެވޭނެއެވެ. މީގެ އިތުރުން ޑީސަލް ސްޓޓޯރޭޖަށް 500 މެޓްރިކްޓަނުގެ ދެ ޓޭންކު ބަނދެފައިވެއެވެ.

އެއާޕޯޓު ތަރައްގީގެ މަޝްރޫއު ނިމޭއިރު މުޅި އެއާޕޯޓަކީ ހައިޑްރަންޑް ބެސްޑް ތަނަކަށް ވާނެއެވެ. މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށް ބިމުގެ އަޑިން ހޮޅިތައް ގުޅާލާނެއެވެ.

ފިއުލް ފާމުގެ މަސައްކަތާ ގުޅިގެން މޫދުގައި ދެ ޕްލެޓްފޯމެއް ގާއިމް ކުރާއިރު އޭގެ ތެރެއިން އެއާޕޯޓުގެ ފިއުލް ފާމަށް ހާއްސަ ފަޔަ ފައިޓިން ޕްލެޓްފޯމެވެ. އެތަނުގައި ފަޔަފައިޓިން ޕަމްޕާއި ފޯމް ޓެންކު އަދި ފަޔަ ފައިޓިން އަށް ބޭނުންވާނެ އެހެން ވަސީލަތްތައްވެސް ގާއިމްކޮށްފައި ހުންނާނެއެވެ.

މީގެ އިތުރުން އެއާޕޯޓަށް ތެޔޮ ގެންނަ ތެޔޮބޯޓު ބަނދަރު ކުރާނެ ފާލަމެއް ގާއިމް ކުރާއިރު ފިޔުލް ޖެޓީއަށް ބޭނުންވާ ޕައިލިންގެ މަސައްކަތް ކުރިއަށްދާއިރު 40 މީޓަރު އަޑިއަށް ޕައިލް ޖަހާނެއެވެ. މި ޖެޓީއަށް 45000 މެޓްރިކްޓަނުގެ ތެޔޮބޯޓުތަކަށް ގާތްކުރެވޭނެއެވެ.

ފިއުލް ފާމްގެ މަސައްކަތަށް 373 މިލިއަން ޑޮލަރު ހަރަދުވާއިރު މި މަސައްކަތް ކުރިއަށް ގެންދަނީ އެއާޕޯޓު ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ކުރިއަށްގެެންދާ ޗައިނާގެ ބީޔޫސީޖީ އިންނެވެ.

comment ކޮމެންޓް