ވިޓަމިންސީ، ކޮވިޑް-19 ޖެހިފައިވާ މީހުންގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ: ދިރާސާ

ހުމާއި އާދައިގެ ރޯގާތަކާ ދެކޮޅަށް ހަށިގަނޑުގައި ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ބައެއް ވިޓަމިންތައް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމަށް ސައެންސްވެރިންނާއި ޑޮކްޓަރުން ވަނީ ވަރަށް ކުރިންވެސް ކަށަވަރު ކޮށްދެއްވައިފަ އެވެ.

އެމެރިކާގެ ކެންސަސް ޔުނިވާސިޓީގައި ދާދިފަހުން ކުރި ދިރާސާއަކުންވެސް ވިޓަމިން ސީ އާއި ޑީ ން ދިފާއީ ނިޒާމު ވަރުގަދަކޮށްދޭކަން ސާބިތުވެފައިވެ އެވެ. ޑޮކްޓަރުން ލަފާދެއްވަނީ ބޭހުގެގޮތުގައި ވިޓަމިން ސީ އާއި ޑީ އާއި އޭގެ ސަޕްލިމެންޓްތައް ބޭނުންކުރުން ރަނގަނޅީ ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ކަމުގައެވެ. ނަމަވެސް ވިޓަމިން ސީ އާއި ޑީ ހިމެނޭ ގުދްރަތީ ކާނާ (މޭވާއާއި ތަރުކާރީ) އަމިއްލައަށް ބޭނުންކުރުން މައްސަލައެއް ނެތެވެ.

ވިޓަމިން ސީއަކީ އެސްކޯބިކް އެސިޑެވެ. އެއީ ފެނުގައި ގިރޭ ވިޓަމިންއެކެވެ. އެންޓިއޮކްސިޑެންޓްސްގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ވިޓަމިން ސީއަކީ ހުންއައުމުގެ ސަބަބުންނާއި އެނޫންވެސް ގޮތްގޮތަށް ހަށިގަނޑުގައި އުފެދޭ ވިހަ ހަށިގަނޑުން ބޭރުކޮށްދޭ އެއްޗެކެވެ. އަދި މިނޫންވެސް ހަށިގަނޑުގެ ފިޒިއޮލޮޖިކަލް ވަޒީފާތައް އަދާކުރުމުގައި ވިޓަމިން ސީ މުހިއްމު ދައުރެއް އަދާކުރެއެވެ

.ވިޓަމިން ސީ ލިބޭ ކާނާގެ ތެރޭގައި އޮރެންޖް، ލުނބޯ އަނބު، ޓޮމާޓޯ ފޭރު، އާފަލު، ސްޓްރޯބެރީ، ކިވީ، ބްރޮކޮލީ، މިރުސް، ގްރެޕް ފުރުޓް، އަލަނާސި، ޓެންޖެރިންސް (މެންޑަރިން) ހިމެނެއެވެ.

ވިޓަމިން ސީ ހިމެނޭ ބައެއް ތަކެތި

ނަމަވެސް ދާދިފަހުން ޗައިނާގެ ޑޮކްޓަރުން ވަނީ ވިޓަމިން ސީ އާއި އޭގެ ސަޕްލިމެންޓްތައް ބޭނުންކުރުމުން ކޮވިޑް-19 ގެ ބަލިމީހުންގެ ދިފާޢީ ނިޒާމު ވަރުގަދަވެ އެމީހުންނަށް އަވަސް ޝިފާއެއް ލިބިފައިވާކަން ކަމާބެހޭ ދިރާސާއަކުން ކަށަވަރު ކޮށްދެއްވާފަ އެވެ. ޗައިނާގެ ޖިޔާންޓޮންގް ހޮސްޕިޓަލުގައި ވަނީ ވިޓަމިންސީގެ އަސަރު ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ކުރާމިންވަރު ބެލުމަށްޓަކައި ޚާއްސަ ދިރާސާއެއް ހަދާފައެވެ.

މި ދިރާސާގައި ކޮވިޑް-19 ޖެހިފައިވާ 300 މީހުންނަށް 30 ޑޮކްޓަރުންގެ ބެލުމުގެ ދަށުން ވިޓަމިން ސީ އިންޖެކްޝަންގެ ގޮތުގައި ވަކިވަރަކަށް ދީފައިޥާއިރު ވިޓަމިން ސީ މިގޮތަށް ނުދޭ ބަލި މީހުންނަށްވުރެ ވިޓަމިން ސީ ދިން މީހުންނަށް އެރޯގާއިން އަވަހަށް ޝިފާލިބުނުކަންވަނީ ހާމަވެފައެވެ. ޗައިނާގެ މިދިރާސާ ޖަރުމަނުގެ ޑޮކްޓަރުންނާ ހިއްސާކުރިކަމަށް އެގައުމުގެ ޑޮޗްވެލް ނޫހުން ބުނެފައިވެއެވެ. ޗައިނާގެ ޑޮކްޓަރުން ކޮވިޑްގެ ބަލިމީހުންނަށް ވިޓަމިން ސީ ދީފައިވަނީ އިންޖެކްޝަންގެ ގޮތުގައި އެމީހުންގެ ލެއަށް ފޮނުވާލައިގެންނެވެ.

ވިޓަމިން ޑީ ހިމެނޭ ބައެއް ތަކެތިދެން އޮތީ ވިޓަމިން ޑީ ގެ ވާހަކައެވެ. ވިޓަމިން ޑީ އަކީ އިންސާނާގެ ހަށިގަނޑުގެ ކައްޓާއި މަސް (މަސްލްސް)ގެ އިތުރުން ދަތްތަކާއި ނިޔަފަތި ފަދަ ތަކެތި ވަރުގަދަކޮށް ދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ވިޓަމިން ޑީ ދިނުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ޑޯޒަކީ ބޮޑެތި މީހުންނާ އަދި އެއްއަހަރު ވެފައިވާ ކުޑަކުދިންނަށް ދުވާލެއްގެ މައްޗަށް 400 އައިޔޫ އެވެ.

ވިޓަމިން ޑީ އަކީ ހުމާއި އާދައިގެ ރޯގާ (އިންފްލުއެންޒާ) ފަދަ ބަލިތަކާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ އެއްޗެއްކަން ދިރާސާތަކުން ސާބިތުވެފައިވެއެވެ. ނަމަވެސް ކޮވިޑް-19 އާ ދެކޮޅަށް ހަށިގަނޑުގައި ދިފާޢީ ނިޒާމު ވަރުގަދަ ކުރުމުގައި ވިޓަމިން ޑީ އަދާކުރާ ދައުރާ ދައުރާބެހޭ ޚާއްސަ ދިރާސާއެއްގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ. އެހެންކަމުން ވިޓަމިންޑީ ން ކޮވިޑް-19 ގެ ބަލިމީހުންގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދީ އެމީހުންނަށް އަވަސް ޝިފާއެއް ލިބޭކަން ދިރާސާއަކުން ކަށަވަރުވެފައެއް ނުވެއެވެ.

ވިޓަމިން ޑީ ލިބޭ ކާނާގެ ތެރޭގައި ކިރާއި ޔޯގަޓް ފަދަ ކިރުގެ ބާވަތްތައް ހިމެނެއެވެ. މީގެއިތުރުން އެކިބާވަތުގެ ނަޓްސް އާއި ބައެއް ބާވަތުގެ ތޮޅިއާއި ބިހާއި ބަރަބޯއަކީވެސް ވިޓަމިން ޑީ މުއްސަނދި ކާބޯތަކެއްޗެވެ.

ޖަރުމަނުގެ ނިޓްރިޝަން އެސޯސިއޭޝަން ބުނާގޮތުން ބޮޑު މީހަކަށް ދުވާލަކަށް ވިޓަމިން ސީ ބޭނުންވާނީ 95 މިލިގްރާމް އާއި 110 މިލިގްރާމާ ދެމެދުގެ މިންވަރެކެވެ. ބޭހުގެގޮތުގައި އުފައްދާފައިވާ ވިޓަމިންތަކާއި އޭގެ ސަޕްލިމެންޓްތައް ބޭނުންކުރުމަށްވުރެ ވިޓަމިން ހޯދުން އެންމެ ރަނގަނޅީ ގުދްރަތީ ކާނާ އިންކަމަށް ސިއްހަތާ އަދި ކާނާއާބެހޭ ތަޖްރިބާކާރުން ވިދާޅުވެއެވެ. (ޑޮޗްވެލޭ + ބީބީސީ)

comment ކޮމެންޓް