ދުވަސްނުފުރާ ވިހެއި އެއްމާބަނޑު ދެކުދިން މަރުވެއްޖެ

ދ. ކުޑަހުވަދޫ: އެ ރަށުގައި ދުވަސްފުރާ ވިހެއި އެމާބަނޑު ދެކުދިން ވަނީ މަރުވެފައި -- ފޮޓޯ/ އެމްއާރްޑީސީ

ދ. ކުޑަހުވަދޫގައި ދުވަސް ނުފުރާ ވިހެއި އެއްމާބަނޑު ދެކުދިން މަރުވެއްޖެއެވެ.

އެ ދެކުދިން މަރުވިކަން އެރަށު ކައުންސިލްގެ ރައީސް އަހްމަދު ޝާމް ވަނީ "ސަން" އަށް ކަށަވަރުކޮށްދީފައެވެ.

ޝާމް ވިދާޅުވީ، އަންހެން މީހާ ވިހެއީ ބަނޑަށް ފަސް މަހުގައި ކަމަށެވެ. އަދި ދެކުދިންވެސް މަރުވެފައިވަނީ ވިހެއި ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދެކުދިން ވިހާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

ދެކުދިން މަރުވި އިރު، އުތުރު ފަރުވާއަށް މާލެ ދިޔުމުގެ ހުއްދަ ނުލިބުނު ކަމަށް ޝޯޝަލް މީޑިއާގައ ވަނީ ވާހަކަ ދެކެވިފައެވެ. އެކަމާ ގުޅިގެން ސުވާލު ކުރުމުން ޝާމް ވިދާޅުވީ، ދެކުދިންގެ ހާލަތުވެސް އެއަށްވުރެ ސީރިއަސް ކަމުން ނުގެންދެވުނީ ކަމަށެވެ.

"ނޫން. ކްރިޓިކަލް ކަމުން ނުގެންދެވުނީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބުނީ. ފްލައިޓްވެސް ގެނައި. އެހެން ނަމަވެސް ފްލައިޓް ގެނެވުނީ އެއް ކުއްޖަކު ނިޔާވިފަހުން. ދެވަނަ ކުއްޖާ ނިޔާވީ ފްލައިޓް އައި ފަހުން. ބޭބީ ކުޑަވީމަ ދުވަސް ނުފުރާ ވިހެއިމަނުގެންދެވުނީ، އަދި ހޮސްޕިޓަލަކީވެސް މާބޮޑު ފަރުވާ ދެވޭ ތަނެއް ނޫން،" ޝަމް ވިދާޅުވިއެވެ.

ޝާމް ވިދާޅުވީ، މަންމަގެ ހާލު ރަނގަޅު ކަމަށާއި ދެކުދިން ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ކުޑަހުވަދޫ ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބެއެވެ.

ދުވަސް ނުފުރާ ވިހެއި ދެކުދިން މަރުވިއިރު، މިދިޔަ މަހު އއ. ތޮއްޑޫ އަދި ށ. ނަރުދޫ އިން ވަނީ ބަނޑަށް ދަރިފުޅު މަރުވެފައެވެ. އެ އެއާއިލާތަކުން ތުހުމަތު ކުރަނީ ދަރިފުޅު މަރުވެފައިވަނީ ފަރުވާ ލިބުން ލަސްވުމުން ކަމަށެވެ. މި ދެ މައްސަލަވެސް ހެލްތް މިނިސްޓްރީ އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް