ޓޫރިޒަމް ރަނގަޅުވާނީ އަންނަ އަހަރު، އިތުރު ވަޒީފާތައް ގެއްލޭނެ

ރަންދެލި ރިސޯޓުގައި މުވައްޒަފުންތަކެއް--

ކޮވިޑް-19 އާ އެކު ރިސޯޓުތައް ބަންދުކުރުމާ ގުޅިގެން އެތައް މުވައްޒަފަކަށް އޭގެ ސަބަބުން އަސަރު ކުރާއިރު ޖުލައި މަހަށްފަހު ގިނަ މުވައްޒަފުންގެ ވަޒީފާ އޮތުމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ރެޕިޑް ރެސްޕޮންސް އެސެސްމެންޓް ރިޕޯޓުން ދައްކައިފި އެވެ.

މިހާރު ފެތުރެމުންދާ ވައިރަސް އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓިފައިވާއިރު އެތައް މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި ވަޒީފާއިން ވަކިކޮށްފައި ނުވާ މުވައްޒަފުންގެ ތެރެއިން އެއްބަޔަކު ނޯޕޭ ލީވް އަށް ބަދަލުކޮށްފައިވާއިރު އަނެއްބައި މުވައްޒަފުންގެ މުސާރަ ވަނީ ކުޑަކޮށްފަ އެވެ.

ރިޕޯޓުގައި ބުނެފައިވާގޮތުގައި ވަޒީފާ ގެއްލިފައި ނުވާ ފަރާތްތަކުންގެ ވަޒީފާތައް ޖުލައި މަހަށް ފަހުގައި އޮތުމާ މެދުގައި ސުވާލު އުފެދޭ ކަމަށް ފަތުރުވެރިކަމާ ގުޅޭ ދާއިރާގެ މާހިރުން ވިދާޅުވެ އެވެ.

ކަމާ ގުޅޭ މާހިރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަން މިއަހަރުގެ ތެރޭގައި ފަށައިގަތް ނަމަވެސް ކުރިއެރުން ވަރަށް ލަސްވާނެ އެވެ. އަދި ހަމަ އެއާއެކު ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ ލެވެލް މިއަހަރު ތެރޭގައި ހަމައަކަށް އެޅޭނެ ކަމަށް ނުބެލެވޭ ކަމަށާއި އާންމު ހާލަތަކަށް ދާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޖުލައި މަހުގެ ތެރޭގައި ރިސޯޓުތައް ހުޅުވުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް އެ މަސައްކަތް ކުރަމުންދާނީ އެންމެ އަސާސީ ހިދުމަތްތަކާއި އެންމެ މަދު އަދަދެއްގެ މުވައްޒަފުންނާއެކުގައި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެހެންކަމުން ގިނަ މުވައްޒަފުންގެ ވަޒީފާ މިވަގުތު އެއް ހަމައެއްގައި ހުރި ނަމަވެސް ޖުލައި މަސް ނިމޭ އިރަށް އެ ފަރާތްތަކުގެ ވަޒީފާތައް ގެއްލުމުގެ ބިރު އޮތް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ސަބަބަކީ ރިސޯޓުތަކަށް އާމްދަނީއެއް ލިބިފައި ނެތް އިރު މުވައްޒަފުންނަށް ދޭނެ އެއްވެސް ފައިސާއެއް ނެތުމެވެ.

ރިސޯޓު މުވައްޒަފުންގެ ވަޒީފާއަށް ކުރާ އަސަރާ ގުޅިގެން އާއިލާތަކަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އިންޓަވިއުކޮށްފައިވާ ރިސޯޓު މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުން ފާހަގަކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހަށްފަހު ގެއަށް ހަރަދުކުރާނެ ފައިސާ ނެތް ކަމަށެވެ. އަދި އެ މުވައްޒަފުން ރައްކާކޮށްފައިވާ ފައިސާވެސް މިހާރު ހުސްވެފައިވާ ކަމަށް މުވައްޒަފުން ވަނީ ފާހަގަކޮށްފަ އެވެ.

އެހެން ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް އަސަރުކުރުމުން ޖުމްލަކޮށް މުޖުތަމައަށް ގެއްލުމެއް ކުރާނެ ކަމަށް ނުބެވެލޭ ކަމަށް މުވައްޒަފުން ފާހަގަކޮށްފައިވެ އެވެ.

މުވައްޒަފުން ފާހަގަކޮށްފައިވަނީ ރަލާއި މަސްތުވާ ތަކެތީގެ އެއްވެސް ކަހަލަ ރެކޯޑެއް އޮތް މުވައްޒަފެއް ވަޒީފާ ގެއްލުމުން އޭނާ ފަރާތުން ފަހަރުގައި މުޖުތަމައަށް ގެއްލުން ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެއީ އެފަރާތެއްގެ ވަޒީފާ ގެއްލި މުޖުތަމައަށް ގިނަ ވެއްޖެ ނަމަ ކަމުގައި އެ ފަރާތްތަކުން ފާހަގަކުރެ އެވެ.

comment ކޮމެންޓް