45،000 އަށް ވުރެ ގިނަ ރިސޯޓް މުވައްޒަފުންގެ ވަޒީފާއަށް އަސަރުކުރި

ރިސޯޓް މުވައްޒަފުންތަކެއް މަސައްކަތުގައި: ރިސޯޓްތަކުގެ 16 ޕަސެންޓް މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައި -- ފޮޓޯ/ މަސްރާހު ނަސީމް، ޔޫއެންޑީޕީ މޯލްޑިވްސް

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައިވާއިރު އޭގެ ސަބަބުން ރިސޯޓުތަކުގައި މަސައްކަތްކުރާ 45،000 އަށްވުރެ ގިނަ މުވައްޒަފުންނަށް އަސަރުކޮށްފައިވާކަމަށް ޔޫއެންޑީޕީއިން ހެދި ރެޕިޑް ލައިވްލިހުޑް އެސެސްމެންޓް އިން ދައްކައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ އިން ގުޅިގެން ތައްޔާރުކޮށްފައިވާ ރެޕިޑް ރިސްޕޮންސް އެސެސްމެންޓް އަކީ ކޮވިޑް-19 އާ ގުޅިގެން ކުރާ އަސަރުތައް ދެނެގަނެ އެކަންތައްތައް ހައްލުކުރުމަށް ދެވިދާނެ އިރުޝާދުތަކުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓު ތައްޔާރު ކުރާނީ އެކި ފިޔަވައްސަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި އަލި އަޅުވާލާނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްފައިވާ އަސަރުތަކާއި ކުރަމުންދާ އަސަރުތަކުގެ މައްޗަށެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން ރިސޯޓުތަކުގައި މަސައްކަތްކުރާ 45،000 އަށްވުރެ ގިނަ މުވައްޒަފުންނަށް އަސަރުކޮށްފައިވާއިރު އޭގެތެރޭގައި 22،000 އަށްވުރެ ގިނަ ދިވެހި މުވައްޒަފުން ހިމެނޭ ކަމަށެވެ. އެގޮތުން އެ މުވައްޒަފުންގެ ތެރޭގައި ވަޒީފާ ގެއްލިފައިވާ މުވައްޒަފުންނާއި ވަޒީފާގައި ތިބި އެހެން ނަމަވެސް މުސާރަ ނުލިބޭ (ނޯޕޭ)ގައި ތިބި އަދި ވަޒީފާގައި ތިބި މުސާރަ ކުޑަކޮށްފައިވާ މުވައްޒަފުން ތިބޭނެ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިސޯޓު މެނޭޖްމެންޓް ސާވޭއިން ދައްކާގޮތުގައި ކޮވިޑް-19 އާ ގުޅިގެން ރިސޯޓު މުވައްޒަފުންގެ 16 ޕަސެންޓް ފަރާތްތައް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި ބާކީ 84 ޕަސެންޓު މުވައްޒަފުން ވަޒީފާއިން ވަކި ކޮށްފައި ނުވި ނަމަވެސް އެ ފަރާތްތަކުގެ މުސާރަ ކުޑަކޮށްފައިވާ ކަމަށް އެ ސާވޭ އިން ދައްކަ އެވެ.

ކޮވިޑްގެ ރޯގާއާ ގުޅިގެން ވަޒީފާއަށް އެއްވެސް ކަހަލަ އަސަރެއް ކޮށްފައިވާނަމަ އެ މައްސަލަ ހުށަހެޅުމަށް އެކުލަވާލި ޖޮބް ސެންޓަރު ޕޯޓަލް އިން ދައްކާގޮތުގައި ރިސޯޓުތަކުގައި މަސައްކަތްކުރާ 724 މީހަކު ވަނީ ވަޒީފާއަށް އަސަރުކޮށްގެން މައްސަލަ ހުށަހަޅާފަ އެވެ. އޭގެތެރެއިން 16 ޕަސެންޓް ފަރާތްތަކަކީ ވަޒީފާ ގެއްލިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތްތައް ކަމަށް ރިޕޯޓުގައިވެ އެވެ. އަދި 49 ޕަސެންޓް ނޯ ޕޭ ލީވްގައި ވަޒީފާގައި ބައިތިއްބާފައިވާއިރު 35 ޕަސެންޓު މުވައްޒަފުންނަކީ މުސާރަކުޑަކޮށްފައިވާ މުވައްޒަފުންނެވެ.

އެސެސްމެންޓް އިން ދައްކާގޮތުގައި ކޮވިޑް-19 އާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންގެ 55 ޕަސެންޓް އަށް ވުރެ ގިނަ ފަރާތްތަކަކީ ތިން މަހަށްވުރެ ކޮންޓްރެކްޓް ދިގު ނޫން މުވައްޒަފުންނެވެ. އެ މުވައްޒަފުންނަކީ ޕްރޮބޭޝަންގައި ތިބި ނުވަތަ އިންޓާންޝިޕްގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފުން ކަމަށް އިންޓަވިއުތަކުން ހާމަވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ވަޒީފާ ގެއްލިފައިވާ ނުވަތަ ނޯ ޕޭގައި ތިބި މުވައްޒަފުންގެ ތެރެއިން އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް މުވައްޒަފުންގެ މުސާރައިން 600 ޑޮލަރާއި 1000 ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ އުނިކޮށްފަ އެވެ.

މެނޭޖީރިއަލް ނޫން މަގާމުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން މުސާރަ ކުޑަކޮށްފައިވާ މުވައްޒަފުންނަށް އެވަރެޖުކޮށް ލިބޭނީ 5000 ރުފިޔާ ކަމަށް ވެސް ސާވޭ ރިޕޯޓްގައިވެ އެވެ.

މިކަމުގެ ސަބަބުން އާއިލާތަކަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

"ވަޒީފާ ގެއްލިފައިވާ ގިނަ ފަރާތްތަކުގެ އަތުގައި އޭޕްރިލް މަހު އެއްވެސް ފައިސާއެއް ނެތް ކަމަށް ބުނޭ. އެ ފަރާތްތަކުގެ ސޭވިންވެސް ހުސްވެފައިވާ ކަމަށް ބުނެފައިވޭ،" ސާވޭގައިވެ އެވެ.

comment ކޮމެންޓް