އަނިޔާވެރިކޮށް މަރުވި އެތަކާ ގުޅިގެން އާންމުން ރުޅިގަދަވެއްޖެ

އިންޑިއާގެ ކެރެލާގައި އަނިޔާވެރިގޮތަކަށް މަރުވެފައިވާ އެތެއް ކޯރެއްގެ ތެރޭގައި --- ފޮޓޯ : ބީބީސީ

މޭވާތަކެއްގެ ތެރެއަށް ފަޓާސްތަކެއް އަޅާފައި ހުރުމުގެ ސަބަބުން މާބަނޑު އެތަކަށް ބޮޑެތި އަނިޔާތަކެއްވެ، މަރުވި މައްސަލައެއް އިންޑިއާގައި ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.

އިންޑިއާގެ ކެރެލާގައި މާބަނޑު އެތަކަށް މޭވާތަކެއް ދިން އިރު އޭގެ ތެރޭގައި ފަޓާސްތަކެއް ފޮރުވާފައި ހުރުމުން އެ އެތް މޭވާ ކެއުމުގެ ތެރޭގައި ފަޓާސްތައް ވަނީ އަނގައަށް ގޮވާފަ އެވެ. އެ އާއެކު ލިބުނު އަނިޔާގައި އެ މާބަނޑު އެތް މަރުވި މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އިންޑިއާގެ ކެރެލާގައި އެ އެތް މަރުވެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ އެތް މަރުވެފައިވަނީ ކެރެލާގެ ކޯރެއްގެ ތެރޭގައި އޮއްވަ އެވެ.

އެ އެތް މަރުވިތާ ހަތަރު ދުވަސް ފަހުން، އެ އެތް މަރުވެފައި އޮއްވައި ފެނުނީ ކެރެލާގެ ވަލު ބަލަހައްޓާ އޮފިސަރެއް ކަމަށްވާ އާޝިކީ އަލީ އަށެވެ.

"ޕޯސްޓްމޯޓަމް އިން ދައްކާގޮތުގައި އެތުގެ އަނގަޔަށް އެއްޗެއް ގޮވާފައިވާކަން އެނގޭ. އެ މައްސަލައިގައި ހިމެނޭ އެއްވެސް މީހެއް އަދި ހޯދިފައެއް ނުވޭ. އަދި އެކަންތައް ވެގެން ދިޔަ ގޮތެއްވެސް އަދި އެނގިފައެއް ނުވޭ." އަލީ ހާމަކުރި އެވެ.

އެ އެތް މަރުވި އިރު އޭތިގެ ބަނޑައަށް އެއް މަސްވެފައިވާ ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ.

ކެރެލާގެ ޗީފް ވައިލްޑްލައިފް ވޯޑެން ސުރެންދްރަ ކުމާރު ވިދާޅުވީ މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ކުމާރު ވިދާޅުވީ ކެރެލާގައި ޖަންގަލި އޫރު ފަދަ ތަކެތި ފެއްސުމަށްޓަކައި އަވަށުގެ މީހުން ބައެއް ފަހަރު މޭވާތަކުގައި ފަޓާސް ފަދަ ތަކެތި ބަހައްޓާ ކަމަށެވެ. އޭގެ ސަބަބުން އަޑުގަދަވެ އެތަކެތި ބިރުން ދާ ކަމަށް ކުމާރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިފަދަ މައްސަލައެއް މީގެ ކުރިން ކުރިމަތިވެފައި ނުވާ ކަަމަށްވެސް އޭނާ ފާހަގަކޮށްފައިވެެެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް