ކަރަންޓީން ހަރަދުތަކުގެ ވާހަކައިން ޓީސީގެ ކަންބޮޑުވުން

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސްރީ ލަންކާގައި ހޭދަ ކުރި ކަރަންޓީން ދުވަސްތަކުގެ ހަރަދުތަކުގެ ތަފްސީލު އޮޅުން އަރާފަދަ ގޮތަކަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ހާމަކޮށް، ވާހަކަފުޅު ދެއްކުމުން ޓީސީ ސްޕޯޓްސް ކުލަބުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ލަންކާގައި ޓީސީ ކަރަންޓީނު ކުރީ މާޗް މަހުގެ 12 ވަނަ ދުވަހު އެވެ. އެއީ އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެނބުރި މާލެ އައި ދަތުރުގަ އެވެ. ލަންކާގައި 14 ދުވަސް ވަންދެން ޓީސީ ކަރަންޓީނު ކުރަން ނިންމީ ބަންގްލަދޭޝް އަކީ އެ ވަގުތު ރިސްކު އޮތް ގައުމެއް ކަމަށްވެފައި އެ ގައުމުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފައި އޮތުމުންނެވެ.

ލަންކާގައި ޓީސީގެ ކަރަންޓީނު މުއްދަތު ހަމަވީ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު އެވެ. އޭގެ ހަތަރު ދުވަސް ކުރިން ލަންކާ ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި ވައިގެ ދަތުރުތައް މެދުކަނޑާލި އެވެ. ލަންކާގެ މެރީނޯ ބީޗް ހޮޓަލުގައި 24 ދުވަހު ތިބުމަށް ފަހު ޓީސީ މާލެ އައީ ދިވެހި ސަރުކާރުން މޯލްޑިވިއަން މެދުވެރިކޮށް ހަމަޖެއްސި ދަތުރެއްގަ އެވެ.

ދާދި ފަހުން އެފްއޭއެމްއިން ގެނެސްދިން ޓޯކްޝޯއެއްގައި ޒުވާނުންނާއި ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މި ދަތުރުތަކަށާއި އެއްކޮށް ސަރުކާރުން ޓީސީއަށް މި އަހަރުގެ ތެރޭގައި 1.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

މަހްލޫފު ޝޯގައި ވިދާޅުވީ ސަރުކާރުން، ޓީސީއަށް އެހީތެރިވެ ނުދޭ ކަމަށް ބުނަމުންދާތީ އެކަމަށް ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެކަމަށް ރައްދު ދެއްވައި މިނިސްޓަރު މަހްލޫފު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ވެސް ސަރުކާރުން ޓީސީއަށް ބޮޑު އެއްޗެއް ހަރަދުކޮށްފައިވާ ކަމަށެވެ.

https://sun.mv/135419

"އަޅުގަނޑު ވަރަށް ދެރަވި ކުރީރޭ ތި ބޭފުޅުންގެ ޕްރޮގްރާމެއްގައި ސަރުކާރުގެ ފަރާތުން އެއްވެސް ސަޕޯޓެއް ނުލިބޭކަން ފާހަގަ ކުރީމައި. އެކަމަކު ޓީސީއަށް ހަމައެކަނި މިއަހަރު 1.5 މިލިއަން މިލިއަން ހަރަދުކޮށްފިން،" ޓީސީ ސްޕޯޓްސް ކުލަބުގެ މުއައްސިސް އަހްމަދު ނަޝީދު (ޑޭވް) ކުރިން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފްގެ މި ވާހަކަފުޅުތައް މީޑިއާގައި ރިޕޯޓް ކުރަން ފެށުމުން ޓީސީއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ކުޅިވަރާ ބެހޭ ވަޒީރު ދީފައިވާ އިންޓަވިއުއަކާ ހަވާލާދީ ޓީސީއަށް ބޮޑު އަދަދެއް ހަރަދުކުރި ކަމަށް ބުނެ މީޑިއާގައި ރިޕޯޓް ކުރަމުން އަންނަ ހަބަރުތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުންނާއި، ބޭރު ކުޅުންތެރިން ގެނައުމަށް ސަރުކާރުން އެ ކުލަބަށް 1.5 މިލިއަން ރުފިޔާ ދިން ވާހަކަ ދޮގު ކުރަމުން ޓީސީން ބުނީ އޭއެފްސީއަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން އެ މުބާރާތުގައި ބައިވެރިވި ދެ ޓީމަށް ވެސް ދިނީ 500،000 އެއްހާ ރުފިޔާ ކަމަށެވެ.

"ރާއްޖޭގެ ފަސްޓް ޑިވިޝަން ފުޓުބޯޅަ ޓީމުތަކަށް ކޮންމެ އަހަރަކުވެސް ސަރުކާރުން ދޭ 240،000 ރުފިޔާ ޓީސީއަށް ވެސް ވަނީ ލިބިފައި،" ޓީސީގެ ބަޔާނުގައި ބުނެފައިވެ އެވެ. "ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ދިވެހި ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި، މައިންބަފައިންނާއި، އަދި އަނބި ދަރިންނާއި ދުރުގައި ޓީސީ ޓީމްގެ ކުޅުންތެރިންނާއި، އޮފިޝަލުން ހޭދަކުރި 24 ދުވަހުގެ ހޮޓަލުގައި ތިބުމާއި، ކެއުމާއި، މުޅި ޓީމްގެ ފްލައިޓް ޓިކެޓްތަކަކީ ސަރުކާރުން ކުރާ ކަމަކަށްވީތީ އެހަރަދުތަކުގެ ތަފްސީލެއް ޓީސީ ސްޕޯޓްސް ކުލަބުގެ މެނޭޖްމެންޓަކަށް ނޭނގޭ."

ޓީސީއިން އިތުރަށް ބުނީ، ކުލަބުތަކަށް ދިން ފައިސާގެ ގޮތުގައި ކަރަންޓީނު ހަރަދުތަކުގެ ފައިސާ ހިމަނައިގެން ގުނަމުން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެއީ ކަމުގެ ހަގީގަތް އޮޅޭ ކަމެއް ކަމަށެވެ.

comment ކޮމެންޓް