"މިސެލޭނިއަސް" ހުއްދަ ދެ ފަހަރަށް ހޯދަން ޖެހޭނެ

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން

އެކި ބޭނުންތަކުގައި ބޭރަށް ދާން ހުއްދަ ދޭއިރު "މިސެލޭނިއަސް" ކެެޓަގަރީއަށް ހުއްދައަށް އެދޭނަމަ ދެ ފަހަރު ހުއްދައަށް އެދެން ޖެހޭނެކަމަށް ފުލުހުން ބުނެފި އެވެ.

އާންމުކޮށް ބޭރަށް ދާން ހުއްދަ ދީފައި ހުންނަނީ އޭޓީއެމްއަށް ނުވަތަ ވިޔަފާރުކުރަށް ދިއުމަށާއި ވިޔަފާރި، ނޫނީ ޑިއުޓީއަށް ނުވަތަ މެޑިކަލް އެމެޖެންސީއާއި ދަތުރެއް ކުރަން ޖެހިއްޖެނަމަ އެެވެ. ނަމަވެސް އެ ކެޓެގަރީތަކަށް ނުފެތޭނަމަ ހުއްދައަށް އެދެން އޮންނަނީ "މިސެލޭނިއަސް" ކެެޓެގަރީގެ ތެރެއިންނެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ "މިސެލޭނިއަސް" ކެެޓަގަރީގެ ދަށުން ހުއްދައަށް އެދޭއިރު ހުއްދަ ދެނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ވާތީ އާންމުންގެ ޝަކުވާ ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.

"އަޅުގަނޑުމެން ދޭ އެވަގުތު ކޮޅަކީ އެ ހުންނަވާ ތަނަކުން ވަޑައިގަންނަވާ ތަނަކަށް ނުވަތަ ދުރުވަން ބޭނުންވާ ތަަނަކަށް ދެވޭނެ ވަގުތެއް ބަލާލައިފައި ދޭ ވަގުތެއް އެއީ. މިސާލަކަށް އެއީ 20 މިނެޓް ނުވަތަ 30 މިނެޓް ކަމުގައި ވިޔަސް އެއީ އެތަނަށް ގޮއްސަ އަންނަން ދޭ ވަގުތުކޮޅެއް ނޫން،" ނަވީން ވިދާޅުވި އެވެ.

އެހެންކަމުން ދާ ތަނަކަށް ދިއުމަށް ފަހު އަލުން އެނބުރި އައި ތަނަށް ދާން ބޭނުންނަމަ އަލުން ހުއްދައަަށް އެދޭ ޕޯޓަލްއަށް ވަދެ ހުއްދަ ހޯދުމަށް އެދުމަށް ނަވީން ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

ނަވީން އިތުރަށް ވިދާޅުވީ "މިސެލޭނިއަސް" ފާސްތަކަކީ 24 ގަޑިއިރަށް ދޭ ފާސްތަކަަކަށް ވާތީ އެ ފާސްތައް ވީހާވެސް އަވަހަށް ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެެ.

"މިސެލޭނިއަސް ފާސްއަށް އެދޭއިރުވެސް 24 ގަޑިއިރު ވަގުތުގެ ގޮތުގައި ޖަހަން ޖެހޭނެ. ޕާމިޓް ނަންގަވާއިރު ރޭގަނޑު 7 ޖަހާއިރު ވެއްޖިއްޔާ ޖަހަން ޖެހޭނީ 19:00 މިނެޓް. ބައެއް ބޭފުޅުން ހަތެއް އެބަޖަހާ. އެ މައްސަލަ ދިމާވެފައި އެބަހުރި. ދެން އެއްތަނުން އަނެއްތަނަށް ދިއުމަށް މިދޭ ވަގުތުކޮޅުގެ ތެރޭގައި އެނބުރި ވަޑައިގަންނަވަންޏާ އެހާ ބޮޑު ވަގުތެއް ނުދެވޭނެ. އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުން އެދާ ތަނަކަށް ދިއުމަށް ފަހު އެނބުރި އާދޭތޯ." ނަވީން ވިދާޅުވި އެވެ.

comment ކޮމެންޓް