އިތުރު ހަތަރު މީހަކު ކޮވިޑުން ރަނގަޅު ވެއްޖެ

ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ވެރ-ިރަށް މާލޭގެ މަގެއްމަތީގައި އެމްބިއުލައިންސްއެއް: މިއަދު ވަނީ އެ ބަލި ޖެހިފައިވާ ހަތަރު މީހަކު ރަނގަޅުވެފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ޖެހިފައިވާ ހަތަރު މީހަކު މިއަދު އެ ބަލިން ރަނގަޅު ވެއްޖެ އެވެ.

ކޮވިޑްގެ ތަފާސް ހިސާބު އާންމުކުރުމަށް ހެލްތް މިނިސްޓްރީން ގާއިމްކޮށްފައިވާ ޑޭޝް ބޯޑުން ފެންނަ ގޮތުން މިއަދު ވަނީ ކޮވިޑުން ހަތަރު މީހަކު ރަނގަޅުވެފަ އެވެ.

ނަމަވެސް އެއީ ދިވެހިން ކަމެއް އަދި ބިދޭސީން ކަމެއް ނޭންގެ އެވެ.

މާލޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެން ފެށިފަހުން މަހަކަށް ވުރެން ގިނަ ދުވަސް ވެފައިވާއިރު އެ ބަލި ޖެހޭ މީހުންގެ އަދަދު މިހާރު އަންނަނީ ދަށް ވަމުންނެވެ. އެއާއި އެކު ފުލް ލޮކްޑައުންއަކަށް ގެނައިސްފައިވާ ވެރި ރަށް މާލެއަށް އަންނަނީ ކޮންމެ ވެސް ވަރެއްގެ ލުއިތަކެއް ދެމުންނެވެ.

މިހާތަނަށް ރާއްޖެ އިން ވަނީ 1872 މީހަކަށް ކޮވިޑް-19 ޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، 1015 ބަންގަލަދޭޝް މީހުންގެ އިތުރުން 617 ދިވެހީންނާއި 190 އިންޑިއާ ރައްޔިތުންނާއި 23 ނޭޕާލް ރައްުޔިތުންނާއި އިޓަލީގެ 11 ރައްޔިތަކާއި ސްރީލަންކާގެ ނުވަ ރައްޔިތުންގެ އިތުރުން ޕާކިސްތާނުގެ ތިން ރައްޔިތުން އަދި އެހެނިހެން ހަތަރު ގައުމެއްގެ ފަރާތްތަކެކެވެ.

އޭގެ ތެރެއިން 13 މީހަކަށް މިހާރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ކުރަމުން އަންނައިރު ހަތް މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

ކޮވިޑް ޖެހި ރަނގަޅުވި މީހުންގެ އަދަދު ވަނީ 648 އަށް އަރާފަ އެވެ.

comment ކޮމެންޓް