ރައީސް ނަޝީދު މުލިއާގެއަށް ވަޑައިގެން ރައީސް ސޯލިހްއާ ބައްދަލު ކުރައްވައިފި

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ވ) މުލީއާގެ އަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މިރޭ ބައްދަލު ކުރައްވަނީ --

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރިޔާސީ ގެކޮޅު، މުލިޔާގެއަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތް ދެ ބޭފުޅުން މަޝްވަރާތަކެއް ކުރައްވައިފި އެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލު ކުރައްވައި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން، ތަރައްގީ ގެނައުމުގައި އިސްކަން ދޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވައިފަ އެވެ. އެކަމުގައި ރައްޔިތުންގެ މަޖިލީހަކީ މުހިންމު ބައިވެރިއެއް ކަމަށް ވެސް ރައީސް ސޯލިހުގެ ޓުވީޓްގައި ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ދިވެހި ރައްޔިތުންނަށް ޓަކައި އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުގެ ހިންގުމަށް މަޖިލީހުން އަތްފޯރުވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށް، ރައީސް ސޯލިހު އާއި ރައީސް ނަޝީދުއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ނަޝީދަށް ރައީސް އިސްތިގުބާލު ކުރައްވާއިރު، މަގުމަތީން ދިޔަ މީހަކާ ދެ ބޭފުޅުން ވާހަކަ ދައްކަވައިލައްވަނީ --

ނަމަވެސް އެ ދެ ބޭފުޅުން މީގެ ކުރިން ވެސް ބުނެފައި ވަނީ، ދެ ބޭފުޅުންގެ ގުޅުން އަބަދު ވެސް ބަދަހި ކަމަށާއި ގުޅުން ކެނޑޭވަރުގެ ކަމެއް ދިމާ ނުވާނެ ކަމަށެވެ. އަދި އެ ޔަގީންކަން އެކިފަހަރު މަތިން ވަނީ ސަޕޯޓަރުންނަށް ދެއްވައިފަ އެވެ.

comment ކޮމެންޓް