ގާނޫނުއަސާސީ ބަދަލުކުރުމަށް ވޯޓަށް އެހީ ތަޅުލައިގެން އިދިކޮޅު މެމްބަރުން ނުވައްދާ: އާދަމް ޝަރީފު

އާދަމް ޝަރީފު --- ފޮޓޯ/ މަޖިލިސް

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހު މެންދަމު ބޭއްވި ޖަލްސާގެ ފަހު ބައި ކުރިއަށް ދިޔައީ ތަޅުލައިގެން އިދިކޮޅު މެމްބަރުން ނުވައްދާ ކަމަށް، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އެރޭ ބޭއްވި ޖަލްސާ ހޫނުވެގެން ދިޔައީ، ރިޔާސަތުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝީޔާމްގެ ނަން އިއްވުމާގުޅިގެންނެވެ. ނަން އިވުމުން އޭނާ ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް ދެކޮޅު ހެދެވުމުން އެމްޑީޕީ މެމްބަރުން ވަނީ އޭނާ ގަދަކަމުން ބޭރަށް ނެރެލާފައެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފު ވިދާޅުވީ، މަޖިލީހުގައި އެވަގުތު ހިނގި ކަންތައްތަކަށްފަހު، އެތަނުގައި ތިބުމުގެ މާހައުލެއް ނެތުމުން އިދިކޮޅު މެމްބަރުން ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވިއެވެ. ނަމަވެސް ފަހުން ޖަލްސާއަށް ވަންނަ އައި އިރު، މެމްމަބަރުން ވަނުމަށް ހުންނަ ދޮރު ތަޅުލާފައި ހުރުމުން އިދިކޮޅު މެމްބަރުންނަށް ނުވަދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް އަންޑިމޮކްރެޓިކްކޮށް ކުރިއަށް ދިޔަ ޖަލްސާއެއް އެއީ. ފުރަތަމަ ކަމަކަށް މަޖިލިސް ގަވައިދާ ހިލާފަށް މެމްބަރުގެ ނަން އިއްވެވީ. ދެން އަޅުގަނޑުމެން ވަންނަން އައި އިރު ހުރީ ތަޅުލައިފައި. ތަޅުލައިގެން ޖަލްސާ ކުރިއަށް ދިޔުމަކީ ވަރަށް ނާތަހުޒީބު ކަމެއް،"ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތަޅުލާފައި ހުރުމުން މަޖިލީހުގެ ސެކެޓްރީ ޖެނެރަލްއަށް މެސެޖްވެސްް ކުރެއްވި ކަމަށާއި ނަމަވެސް އެ މެސެޖަށް ޖަވާބެއް ނުލިބުނު ކަމަށެވެ. ޖަލްސާއަށް ވަނުމުގެ ފުރުސަތު ލިބިވަޑައިނުގަތް މެމްބަރުން އެނބުރި އައީ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް ނިސްބަތްވާ ނުވަ މެމްބަރުން ހިމެނެއެވެ. އޭގެތެރެއިން ޖަލްސާ ދޫނުކުރައްވާ މަޖިލިސްގައި މަޑުކޮށްފައިވަނީ ފެލިދޫ ދާއިރާ މެމްބަރު ފަޒުލް ރަޝީދެވެ.

މަޖިލިސް ޖަލްސާގައި މެމްބަރުނާ ވާހަކަ ދައްކަވާ އެރޭ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ދެން މެމްބަރުން ބޭނުން ކުރައްވާނީ ރިޔާސަތުގެ ދޮރުކޮޅު ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އެހެން ވިދާޅުވި ސަބަބެއް އެވާހަކަައިން ސާފެއް ނުވެއެވެ.

މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.

ޖަލްސާގައި އެމްޑީޕީ މެމްބަރުން ޝިޔާމް ގަދަކަމުން ނެރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ހަމަނުޖެހުން ހިނގައި، މެމްބަރުންނަށް ވަނީ އަނިޔާވެފައެވެ. އިދިކޮޅުން ވަނީ އެކަން ކުއްވެރިކޮށް، ޝިޔާމަށް އަނިޔާކޮށްފައިވަނީ ރައީސް ނަޝީދު އަންގަވައިގެން ކުރެއްވި ކަމެއްކަމަށް ތުހުމަތު ކުރުވާފައެވެ.އަދި އެ މައްސަލަ ބަލައިދިނުމަށް އިދިކޮޅުން ވަނީ ފުލުހުންނަށްވެސް ގޮވާލާފައެވެ.

އެ ހަމަނުޖެހުންތަކަށްފަހު ޝިޔާމް ވަނީ ހޮސްޕިޓަލުން ފަރުވާވެސް ހޯދާފައެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން ޝިޔާމްގެ މޭކަށިގަނޑުގައި ރެނދުލައިފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ.

comment ކޮމެންޓް