ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ސިއްހީ އާލާތްތައް އިންސްޓޯލްކޮށް ނިމުމަކާ ގާތަށް

ކޮވިޑަށް ފަރުވާދިނުމަށް ހުޅުމާލޭގައި ގާއިމް ކޮށްފައިވާ މެޑިކަލް ފެސިލިޓީ --- ފޮޓޯ/ އެސްޓީއޯ

ރާއްޖޭގައި ކޮވިޑް-19 ވައިރަސް ފެތުރި ގިނަ އަދަދެއްގެ މީހުންނަށް އެއްފަަހަރާ ފަރުވާދޭން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވުމަށް ހުޅުމާލޭގައި ގާއިމް ކުރަމުންދާ ފެސިލީޓީގައި އެސްޓީއޯގެ ފަރާތުން ސިއްހީ އާލާތްތައް އިންސްޓޯލް ކޮށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ހުޅުމާލޭގައި ގާއިމް ކުރަމުންދާ ފެސިލިޓީއަކީ ސަރުކާރުން 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުންދާ 300 އެނދުގެ ފެސިލިޓީއެކެވެ. އެތަން ހުންނަނީ ޓްރީޓޮޕް ހޮސްޕިޓަލު ކައިރީގަ އެވެ.

އެސްޓީއޯ އިން ބުނީ، ސިއްހީ އާލާތައް އިންސްޓޯލް ކޮށް ނިންމުމުގެ އިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކްއުޕްމެންޓް (ޕީޕީއީ) ވެސް ސަޕްލައިކޮށް ނިންމާފައިވާ ކަމަށެވެ.

އެ ތަނުގެ މަސައްކަތް އޭޕްރީލް މަހުގެ ފަހުކޮޅު ނިންމާލެވޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ހާމަކުރި އެވެ. ނަމަވެސް އެތަނުގައި މަސައްކަތް ކުރި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމުން މަސައަކަތް މަޑު ޖެހި އެ ތާރީހަށް ވަނީ ނިމޭ ގޮތް ނުވެފަ އެވެ.

ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިދިޔަ މަހުގެ 11 ވަނަ ދުވަހު ވިދާޅުވީ އޭރު ލަފާ ކުރެވޭ ގޮތުގައި ދެ ހަފްތާގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އެ ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅެނީ ސިފައިންނެވެ. އޭގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންވެސް އެ މަސައްކަތުގައި ބައިވެރިވެ އެވެ.

އެ ފެސިލިޓީއަށް ހަރަދު ކުރާ 40 މިލިއަން ރުފިޔާގެ ތެރެއިން 12 މިލިއަން ރުފިޔާ އަކީ ކޮންސްޓްރަކްޝަނަށް ކުރާ ހަރަދެވެ. އަދި ބާކީ 28 މިލިއަން ރުފިޔާ އަކީ އެތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓަށް ހަރަދު ކުރާ ފައިސާ އެވެ.

comment ކޮމެންޓް