މަރުވި ޖޯޖް ފްލޮއިޑް ކޮވިޑް-19 އަށް ޕޮޒިޓިވްކަމަށް އޮޓޮޕްސީ ރިޕޯޓުން ހާމަ ވެއްޖެ

ޖޯޖް ފްލޮއިޑްގެ ހަނދާނުގައި ފާރެއްގައި ކުރަހާފައިވާ އޭނާގެ ފޮޓޯ ޖެހި ކުރެހުމެއް---

މިނެސޯޓާ (ޖޫން 4): ނަހަމަގޮތުގައި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން މޭ 25 ވަނަ ދުވަހު މަރުވި ޖޯޖް ފްލޮައިޑް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް އޭނާގެ އެންމެ ފަހުގެ އޮޓޮޕްސީ ރިޕޯޓުތަކުން ހާމަވެއްޖެ އެވެ.

ޕޯސްޓް މޯޓަމްގެ ދަށުން ކުރެވުނު ޕީސީއާރު ޓެސްޓުތަކުން ފްލޮއިޑް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް މިނެސޯޓާގެ އެންމެ އިސް އެއް މެޑިކަލް އެގްޒެމިނަރު ޑރ. އެންޑްރިއު ބޭކާރ ވަނީ ސީއެންއެންއަށް ޔަގީންކޮށްދީފަ އެވެ.

އެހެންނަމަވެސް ފްލޮއިޑްގެ މަރާއި ކޮވިޑް-19 އާއި އެއްވެސް ގުޅުމެއް ހުރި ކަމަކަށް ގަބޫލު ނުކުރާކަމަށް ޑރ. ބޭކާރ ވަނީ ބުނެފަ އެވެ.

ޑރ. ބޭކާރ ބުނިގޮތުގައި މިފަދަ ޕީސީއާރު ޓެސްތުތަކަކީ ބަލިން ރަނގަޅުވުމަށްފަހުވެސް ބަލި ޖެހުނުކަން އަންގައިދޭ ޒާތުގެ ޓެސްތުތަކެކެވެ. އަދި މި ޓެސްޓުތަކުން ބަލިން ފަސޭހަވުމަށްފަހު އެތައް ހަފްތާއެއްފަހުންވެސް ޕޮޒިޓިވްކަމަށް ދައްކުވައިދޭނެ އެވެ.

ޑރ. ބޭކާރު ބުނި ގޮތުގައި މި ޓެސްޓުތަކުން ދައްކުވައިދެނީ ފްލޮއިޑްއަށް ކޮވިޑު ޖެހި އަލާމާތެއް ނުފެނި އެ ބަލިން ރަނގަޅުވިފަހުން ހަށިގަނޑުގައި އެ ބަލީގެ އިންފެކްޝަން ކުރިން ހުރި ކަމަށެވެ. ނަތީޖާއަކީ، އޮޓޮޕްސީގައި ކޮވިޑް-19 އަށް ފްލޮއިޑް ޕޮޒިޓިވްވުމެވެ.

ޑރ. ބޭކާރ ބުނި ގޮތުގައި ފްލޮއިޑްގެ ފަރާތުން އެހެން މީހަކަށް މި ބަލި ޖެހުމަކީ ވަރަށް ނާދިރުކަމެކެވެ.

އެމެރިކާގައި ގާތްގަނޑަކަށް 1.8 މިލިއަން ކޮވިޑް-19 ކޭސް ފެނިފައިވާއިރު މި ބަލީގެ ސަބަބުން 107،000 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.

އެމެރިކާގެ މުޒާހަރާތަކުގެ ހާލަތަކީ ކޮބާ؟

ފްލޮއިޑްގެ މަރާއި ދެކޮޅަށް އެމެރިކާގެ އެތައް ސަތޭކަ ސިޓީއެއްގައި މުޒާހަރާކުރަމުންދާއިރު މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދުގައި މިއަދުވެސް ވަނީ ކުރިމަތިލުންތަކެއްވެސް ހިނގައިފައެވެ.

ފްލޮއިޑްގެ މަރަކީ އެމެރިކާގައި ނަސްލީ ތަފާތުކުރުން އަދި ކަޅު ނަސްލުގެ ފަރާތްތަކާއި ދެކޮޅަށް ކުރެވޭ ލާއިންސާނީ އަނިޔާތަކުގެ މިސާލެއްކަމަށް ބުނެ އެތައް ހާސް ބަޔަކު މުޒާހަރާކުރަމުންދާއިރު އެ ފަރާތްތަކުން ވަނީ މިފަދަ އަނިޔާތައް ހުއްޓުވައި، ގާނޫނެއްގެ ދަށުން އެމެރިކާގެ އާންމުންނަށް ފުލުހުންގެ ކިބައިން ރައްކާތެރިކަން ހޯދައިދިނުމަށް ގޮވާލައިފަ އެވެ.

މޭ 28، 2020: އެމެރިކާގައި ޖޯޖް ފްލޮއިޑް ނަމަކަށްކިޔާ ކަޅު ނަސްލުގެ މީހަކު ފުލުހުން މަރާލުމުގެ ސަބަބުން އެކަމާއި ދެކޮޅަށް ކުރިޔަށްދާ މުޒާހަރާތަކުގެ ތެރެއިން.

މިފަދަ ބައެއް މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ އެމެރިކާގެ ބައެއް ސިޓީތަކުގައި ލޫޓުވުމުގެ އަމަލުތައްވެސް ވަނީ ހިނގައިފައެވެ. ހަމަނުޖެހުންތައް ހުއްޓުވުމަށް އެމެރިކާގެ ނެޝަނަލް ގާޑުން މިހާރު ހަރަކާތްތެރިވަމުންދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަމަނުޖެހުންތައް ހުއްޓުވުމަށް އެމެރިކާގެ އަސްކަރިއްޔާ ބޭނުންކުރުމަށް ފަސްނުޖެހޭނޭކަމަށް ބުނެ އިންޒާރު ދީފައެވެ.

ފްލޮއިޑް މަރުވީ ކިހިނެތް؟

ފްލޮއިޑް މަރުވެގެންދިޔައީ މޭ 25 ވަނަ ދުވަހު ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޝޮވިން، ކަޅު ނަސްލުގެ ފްލޯއިޑް ހައްޔަރުކުރުމަށްފަހު ބިޑިއަޅުވައިފައި ބިންމަތީގައި އޮއްވާ، އޭނާގެ ކަރަށް ފައިން އަރައި ނޭވާ ހާސްކުރުވުމުގެ ސަބަބުންނެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު އެ ވީޑިއޯއިން ފްލޮއިޑްް އޭނާއަށް ނޭވާ ނުލެވޭ ކަމަށް ބުނެ، ޝޮވިންގެ ފައި ނެގުމަށް އެތައް ފަހަރަކު އާދޭސް ކުރާ މަންޒަރު ފެނެ އެވެ.

އަށް މިނެޓަށްވުރެ ގިނަ އިރު މިގޮތަށް ޝޮވިން ފްލޮއިޑްގެ ކަރުގައި ފައި ވިއްދައިން އިންނަތަން ވިޑިއޯއިން ދައްކުވައިދެ އެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން ހަތަރު ފުލުހަކު މިހާރު ހައްޔަރުކުރެވިފައިވާއިރު ޝޮވިން އާއި ދެކޮޅަށް މިހާރު ވަނީ ދެވަނަ ގިންތީގެ މަރުގެ ދައުވާ އުފުލިފައެވެ. ބާކީ ތިބި ފުލުހުންނާއި ދެކޮޅަށް ވަނީ ފްލޮއިޑްގެ މަރަށް ވާގިވެރިވުމުގެ ދައުވާ އުފުލައިފަ އެވެ.

comment ކޮމެންޓް