މެދުކެނޑުމަކަށް ފަހު އެމްޓީސީސީ ކަށަވަރު ޝޯރޫމްގެ ހިދުމަތްތައް ފަށައިފި

އެމްޓީސީސީ ކަށަވަރު ޝޯރޫމް-- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީ ފިހާރަ "ކަށަވަރު ޝޯރޫމް"ގެ ހިދުމަތްތައް އަލުން ފަށައިފި އެވެ.

ކަށަވަރު ޝޯރޫމްގެ ހިދުމަތްތައް މެދުކަނޑާލައި، އެ ފިހާރަ ބަންދުކުރީ ކޮވިޑް19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުންނެވެ.

އެކުންފުނިން މިއަދު ބުނީ ކަސްޓަމަރުންގެ ޑިމާންޑާ އެއްގޮތަށް މިއަދުން ފެށިގެން ކަށަވަރު ޝޯރޫމްއިން ކުރިން ދެމުން އައި ހިދުމަތްތައް އަލުން ފަށައި، އެ ފިހާރަ ހުޅުވާފައިވާ ކަމަށެވެ.

ފިހާރަ ހުޅުވި ނަމަވެސް ހުރިހާ ހިދުމަތެއް ވެސް ދެމުންގެންދާނީ ކޮވިޑް19އާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށް އެމްޓީސީސީން ބުނެ އެވެ.

ކަށަވަރު ޝޯރޫމްގެ ހިދުމަތްތައް އަލުން ފަށާފައިވާ އިރު، އެ ޝޯރޫމް ހުޅުވާފައި ހުންނާނީ ހެނދުނު 10:00 - މެންދުރު ފަހު 13:30 އަށެވެ. އަދި މިގޮތަށް އަމަލުކުރަމުންދާނީ ޖޫން މަހުގެ 13 ވަނަ ދުވަހާ ހަމައަށް ކަމަށް އެކުންފުނިން ބުނެ އެވެ.

އޭޕްރީލް 15 ވަނަ ދުވަހު މާލެއިން ކޮވިޑް19ގެ ކޭސްއެއް ފެނުމާއެކު މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފަ އެވެ.

އެހެން ނަމަވެސް މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަކަށް ލޮކްޑައުން ހާލަތަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ސަރުކާރުން ވަނީ ދީފަ އެވެ.

ކުރިން ވިޔަފާރި ހުއްދައިގެ ދަށުން ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކުގައި ވިޔަފާރި ކުރުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް، މާލޭގެ ރައްޔިތުންނަށް މާލޭގެ ކޮންމެ ސަރަހައްދަކަށް ވެސް މިހާރު ވިޔަފާރި ހުއްދައިގެ ދަށުން ދެވޭނެ އެވެ.

comment ކޮމެންޓް