ފުލުހުން ބިޒްނަސް ޕާމިޓު ދޫކުރަނީ އެންމެ ފަސޭހަގޮތް ކަމަށް ފެނުމުން: ކައުންސިލް

ފުލުހުންނާއި މާލޭ ސިޓީ ކައުންސިލުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ----

ގްރޭޓާ މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއިދޭން ފަށައި، މާލޭ ސިޓީ ކައުންސިލުގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓަށް އެދުމަށް ހަމަޖައްސާފައި އޮތް އޮތުން ބަދަލުވެ، ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދޭގޮތް ހަދާފައިވަނީ، އެއީ އެކަން ކުރަން އެންމެ ފަސޭހަ އަދި އަވަސް ގޮތް ކަމަށް ފުުލުހުންނަށް ފެނުމުން ކަމަށް ކައުންސިލުން ބުނެފި އެވެ.

ފުރަބަންދު ހާލަތުގައި މާލެ ސިޓީގައި ވިޔަފާރިކުރުމާއި އާމްދަނީ ލިބޭ ޒާތުގެ ތަފާތު މަސައްކަތްތައް ކުރުމުގެ ހުއްދަ ހޯދުމަށް ސިޓީ ކައުންސިލްގެ ޕޯޓަލް އަކަށް އެދުމުގެ ފުރުސަތު ހުޅުވާލީ މޭ މަހުގެ 29 ވަނަ ދުވަހު އެވެ.

ހުއްދަތައް ހޯދުމަށް އެދޭ ފަރާތްތަކުން ކައުންސިލަށް ހުށަހެޅުމުން، ކައުންސިލުން އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވައި، މިނިސްޓްރީން އެ މައުލޫމާތު ވެރިފައި ކުރުމަށްފަހު، ހުއްދަ ދޫކުރަމުން ދިޔައީ ފުލުހުންނެވެ.

ނަމަވެސް އިއްޔެ ފުލުހުން ވަނީ ޕޮލިސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި 12 ގަޑިއިރުގެ ތެރޭގައި 21,653 ހުއްދަ ދޫކޮށްފައިވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.

ސިޓީ ކައުންސިލުން ބުނެފައި ވަނީ އެ ކުއްލި ބަދަލާ ގުޅިގެން، ވިޔަފާރި ހުއްދަ ހޯދުމާ ގުޅޭގޮތުން އޮޅުން އަރަމުންދާކަމަށް ބުނެ ކައުންސިލަށް ގުޅަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުއްދަ ހޯދަން އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ މައުލޫމާތުތައް އެއްކުރެވޭނެ ގޮތް ސިޓީ ކައުންސިލުގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށް ޕޯޓަލްއެއް ހަދައި، އެ ޕޯޓަލްއަށް ޖޫން މަހުގެ ފުރަތަމަ ދުވަހުގެރޭ 10:00 އާ ހަމައަށް ހުށަހަޅާފައިވާ 3480 އެޕްލިކޭޝަން ބެލުމަށްފަހު، ތަރުތީބުކޮށް ވެރިފައިކުރުމަށްޓަކައި ކައުންސިލުން އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 2090 ކުންފުންޏާއި 9207 މުވައްޒަފުންގެ މައުލޫމާތު ހިމެނޭކަމަށް ބަޔާނުގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވެރިފައިކުރުމަށްފަހު، ފުލުހުންނަށް ހުއްދަ ދޫކުރުމަށް ފޮނުވުމުން، ފުލުހުން އިތުރު މަައުލޫމާތެއް ބޭނުންވާތީ، އެކަން ކުރުމަށް އެންމެ ފަސޭހަގޮތެއް ކަމަށް ފުލުހުންނަށް ފެނުނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް 119 އިން މެސެޖުކޮށް، މޯލްޑިވްސް ޕޮލިސް ޕޯޓަލްގެ ތެރެއިން މައުލޫމާތު ހޯދާ އަވަހަށް ހުއްދަ ދޫކުރުން ކަމަށެވެ.

ސިޓީ ކައުންސިލުން ބުނެފައި ވަނީ މިކަމުގައި އެ ކައުންސިލުން ހޯދި މައުލޫމާތުގެ އެހީގައި ފުރަބަންދަށްފަހު ހުޅުވޭއިރު، މާލޭ ސިޓީގެ ވިޔަފާރިކުރާ ތަންތަނާއި މަސައްކަތްކުރާ މީހުންނާއި ކުރާގޮތް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރަމުންދޭތޯ ބަލާނެ ކަމަށެވެ.

ކައުންސިލްގެ މެންޑޭޓުގައި ހިމެނޭ މިފަދަ ކަންކަމަކީ، ސިޓީ ކައުންސިލުން ބަލަމުން ގެންދަންޖެހޭ ކަންތައްތަކެއް ކަމުގައި ވެސް ބުނެފައިވެ އެވެ. މާލޭ ސިޓީ ކައުންސިލުގެ މަގުސަދަކީ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ފަދަ ގަވާއިދުތަކާ އެއްގޮތަށް ތަރުތީބުން ހިނގާ ސިޓީއަކަށް މާލޭ ސިޓީ ވުން ކަމަށްް ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް