ސަރުކާރުގެ މާލީ އެހީއަށް ޓެކްސީ ޑްރައިވަރުން ނޭދޭ: ޓްރާންސްޕޯޓް

ޖެނުއަރީ 29، 2020: ވެލާނާ އެއާރޕޯޓްގައި ޓެކްސީ ތައް ކިޔޫ ޖެހިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑްއާ ގުޅިގެން ސަރުކާރުން ދޭ މާލީ އެހީގެ ޕެކޭޖްތަކުގެ ތެރޭ ޓެކްސީ ޑްރައިވަރުން ހިމެނުމަށް އެބޭފުޅުން ނޭދޭ ކަމަށް ޓްރާންސްޕޯޓު އޮތީރިޓީން ބުނެފި އެވެ.

ކޮވިޑް19އާއެކު މިނިސްޓްރީތަކުން ކުރަމުންދާ މަސައްކަތްތައް ސާފުކުރުމަށް މަޖިލީހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރޭ އޮންލައިންކޮށް ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިންނާ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީން ވަނީ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ގިނަ މެމްބަރުންގެ ސުވާލުތައް އަމާޒުކޮށްފައިވަނީ ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މިނިސްޓްރީން މަސައްކަތް ނުކުރާ ކަމުގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން ކެލާ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން އަމިއްލަ ފަރާތްތަކަށް ދެއްވާ އެހީގެ ޕެކޭޖްތަކުގައި ޓެކްސީ ޑްރައިވަރުން ނުހިމެނޭ ކަމުގެ ޝަކުވާއާއި ރަނގަޅު މައުލޫމާތު ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

މެމްބަރު އިބްރާހިމްގެ ޝަރީފުގެ އެ ސުވާލުކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަލީ ޒުބައިރު ވިދާޅުވީ، އެ ޕެކޭޖްތެރޭގައި ޓެކްސީ ޑްރައިވަރުން ހިމެނުމަށްޓަކައި ކޮވިޑް19އާ ގުޅިގެން ފުރަބަންދަށް ދިޔުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ޓެކްސީ ސެންޓަރުތަކާ ބައްދަލު ކުރެއްވި ކަމަށެވެ. ނަމަވެސް ޕެކޭޖް ހޯދުމަށް އެބޭފުޅުން އެދިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

"އިކޮނޮމިކް މިނިސްޓްރީން ދެއްވާ ޕެކޭޖްގެ ތެރޭގައި ޓެކްސީ ޑްރައިވަރުން ހިމެނުމަށްޓަކައި ފުރަބަންދަށް ދިޔުމުގެ ކުރިންވެސް، ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުގެ ވެރިންނާ ދެ ފަހަރު ބައްދަލުވުން ބޭއްވި. ބައްދަލުކޮށްފައި އެބެފުޅުންނަށް ހުރި ދަތިތަކާއި އަޅުގަނޑުމެން ދޭންވީ ކޮން އެހީތެރިކަމެއްތޯ ސުވާލު ކުރިން... ތިވިދާޅުވާ ޕޭކޭޖްގެ ތެރޭ ހިމެނުމަށް އެއްވެސް ވަރަކަށް އެ ބޭފުޅުން ހިޔާލު ހިއްސާ ކުރައްވާފައި ނުވޭ،" ޒުބައިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ބައްދަލުވުންތަކުގައި ޓެކްސީ ޑްރައިވަރުން އެދިފައިވަނީ އެ ބޭފުޅުންގެ ރައްކާތެރިކަމަށް މާސްކް ފަދަ ތަކެތި ހޯދައިދިނުމަށް ކަމަށާއި އެކަންކަން މިނިސްޓްރީގެ ފަރާތުން ކޮށްފައިވާނެ ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވީ، ހާލަތައް ބަލައި ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް މިނިސްޓްރީއަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވުނު ކަމަށެވެ. އެގޮތުން ކުރިން ކޮންމެ ޓެކްސީ ސެންޓަރަކަށް ހަ ޑްރައިވަރަކަށް ހުއްދަ ދިން ނަމަވެސް މިހާރު މިނިސްޓްރީގެ ފަރާތުން ފުލުހުންނާ މަޝްވަރާކޮށް، ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ޑްރައިވަރުންނަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މި ދަނޑިވަޅަކީ ވަކިފަރުދުންނަށް ނޫން، ހުރިހާ އެންމެނަށްވެސް ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް. އަދި އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތާއި ހުރިހާ އެންމެންގެ ސަލާމަތައްވެސް އިސްކަން ދޭން ޖެހޭނެ ވަގުތެއްގައި މިކަހަލަ ދަތިތައް އަންނާނެކަން. އެކަމަކު އަޅުގަނޑުމެންގެ އެންމެންގެވެސް ވިސްނުން ބަހައްޓަން ވާނީ މި ދަތިތަކާއެކު ކިހިނެއްތޯ ކުރިއަށްދާނީ އަޅުގަނޑުމެންގެ އެންމެންގެ ސަލާމަތާއި މުޅި ރައްޔިތުން ފައިދާ އޮތީ ކޮން ގޮތަކަަށްތޯ، ސަލާމަތާއި ރައްކާތެރިކަން އޮތީ ކޮން ގޮތަކަށްތޯ، މިގޮތަށް މިނިސްޓްރީން މަސައްކަތް ކުރައްވާނީ،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މިނިސްޓްރީން ކުރިއަށް އޮތްތާގައިވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފުރަބަންދާއެކު ޓެކްސީ ދަތުރުތައް ހުއްޓާލުމާ ގުޅިގެން އެތަށް ޓެކްސީ ޑްރައިވަރުންނަށް އާންމުދަނީ ލިބުން ވަނީ ހުއްޓިފައެވެ. އެއާއެކު ބައެއް ޓެކްސީ ޑްރައިވަރުން ވަނީ ރަށަށްވެސް ބަދަލުވެފައެވެ. އަދި މިނިސްޓްރީން ޓެކްސީ ޑްރައިވަރުންނަށް މިކަމުގައި މާބޮޑު އަޅާލުމެއް ނުބަހައްޓުމަކީ އެ ޑްރައިވަރުންގެ ކަންބޮޑުވުމެކެވެ. ސަރުކާރުން ދޭ އަމިއްލަ މަސައްކަތް ކުރާ މީހުންގެ ތެރެއިން އާންމުދަނީ ލިބުން ހުއްޓުނު މީހުންނަށް ދޭ އެލަވަންސް ހޯދުމަށް ޓެކްސީ ޑްރައިވަރުންނަށްވެސް ކުރިމަތިލެވެ އެވެ.

comment ކޮމެންޓް