އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލުކުރާނެ ގަވާއިދު ހަދައިފި

މެއި 28، 2020: މަޗީދީމަގުގައި އެމްބިއުލައިން ހަރަކާތްރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ، އަމަލުކުރާނެ ގޮތުގެ ގަވާއިދު އެކުލަވާލައި، އެއަށް އަމަލުކުރަން ފަށައިފިއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ރރ) ގައި ބުނެފައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދިމާވެއްޖެނަމަ، އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން ގަވާއިދު ހެދުމުގެ ބާރު މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން އެކުލަވާލައި މިހާރު ގެޒެޓުކޮށްފައިވާ ގަވާއިދުގައި ބުނެފައި ވަނީ، ރާއްޖޭގައި އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތެއް މެދުވެރިވެދާނެ ކަމަށް، އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ ސިއްހަތާއި ފުރާނަ ރައްކާތެރިކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ޑިރެކްޓަރ ޖެނެރަލަށް ލަފާދިނުމަށާއި، އެފަދަ ހާލަތެއް މެދުވެރިވެފައިވާ ދަނޑިވަޅެއްގައި ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޑިރެކްޓަރ ޖެނެރަލަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލުމުގެ އިހްތިޔާރު މިނިސްޓަރަށް ވަނީ ދީފައެވެ.

ޑިރެކްޓަ ޖެނެރަލްގެ ލަފާގެ މަތިން، ވަކި ސަރަހައްދެއްގައި، ވަކި މުއްދަތަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނީ މިނިސްޓަރެވެ.

ގަވާއިދުގެ ދަށުން ޑިރެކްޓަރ ޖެނެރަލް ނެރޭ އަމުރުތައް އާންމު
ކުރަން ޖެހޭނެއެވެ. އަދި އެ އަމުރަށް، އަމުރު ރައްދުވާ ފަރާތުން ނުވަތަ ފަރާތްތަކުން އަމަލުކުރަން ޖެހޭނެއެވެ.

މިހާރު އަމަލުކުރަން ފަށާފައިވާ ގަވާއިދުގައި ސިއްހީ ކުއްލި ނުރައްކަލިގެ ހާލަތުގައި ވެކްސިން ދިނުމާ، މީހުން ކަރަންޓީން ކުރުމާއިި އެކަހެރިކުރުމާއި ކިޔަވައިދޭ ތަންތަން ބަންދުކުރުމާއި މީހުން އެއްވެ އުޅުން މަނާކުރުމާއި، މީހުން ވަކި ތަނަކަށް ދިއުން މަނާކުރުމާއި ދަތުރުފަތުރުކުރުން މަނާކުރުން ނުވަތަ ކޮންޓްރޯލް ކުރުމާ ވަކި ގެއެއް ނުވަތަ ވަކި އިމާރާތެއް
ކަރަންޓީނު ކުރުމާ ގުޅޭގޮތުން ކުރެވިދާނެ އަމުރުތައް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މީހެއްގެ ނުރުހުމުގައި ފަރުވާ ދެވޭނެ ގޮތް ވެސް ބަޔާންކޮށްފައިވެއެވެ.

ގަވާއިދުގައި ބުނެފައިވާނީ ޑިރެކްޓާ ޖެނެރަލް އަންގާ އެންގުމެއްގެ ސަބަބުން ސިއްހީ ހިދުމަތްދޭ ފަރާތަކުން، ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހެއް ކަމަށް ނުވަތަ އެފަދަ ބަލި ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހެއް ކަމަށް ބެލެވޭ މީހާ އެގްޒެމިން ކުރުމުގައި، އޭނާގެ ނުރުހުމުގައި އޭނާ އެގްޒެމިން ކުރުމަކީ، ނުވަތަ ސާމްޕަލް ނެގުމަކީ، ނުވަތަ ފަރުވާ ދިނުމަކީ، އޭނާއާމެދު މާރާމާރީ ހިންގުން ނޫންކަމަށް ނުވަތަ އޭނާގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ނުބެލެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ގަވާއިދުގެ ދަށުން ޑިރެކްޓަރ ޖެނެރަލް ކުރާ އަމުރަކަށް ތަބާވުމަށް، އެ އަމުރު ރައްދުވި ފަރާތުން ދެކޮޅުހަދާނަމަ، ނުވަތަ ހުރަސްއަޅާނަމަ، އެ އަމުރު ތަންފީޒުކުރުމަށް ކޯޓު އަމުރެއް ނެރެދިނުމަށް، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް، ބަންޑާރަ ނައިބުގެ އޮފީހަށް، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ފޮނުވުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

މީގެ އިތުރުން އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެކަމަށް ވަޒީރު އިއުލާނު ކޮށްފައިވާ ދަނޑިވަޅެއްގައި، ކޯޓު އަމުރެއް ހޯދުމަކާ ނުލައި، މީހުން ދިރިއުޅޭ ތަނަކަށް، ނުވަތަ މީހުން ދިރިނޫޅޭ ތަނަކަށް، ނުވަތަ އާންމު ތަނަކަށް ވަނުމުގެ ހުއްދަ، ޑިރެކްޓަރ ޖެނެރަލަށް ނުވަތަ ޑިރެކްޓަރ ޖެނެރަލް ކަނޑައަޅާ އެހެން ފަރާތަކަށް ލިބިގެންވާ ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.

ހަމައެއާއެކު އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ، އެކަމަށް ހަރަދުކުރުމަށް ކޮންމެ އަހަރަކުވެސް ވަކި އަދަދެއްގެ ފައިސާ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅަން ވާނެ ކަމަށް ގަވާއިިދު ބުނެއެވެ.

އެ ފައިސާ ހަރަދުކުރެވޭ ގޮތުގެ ތަފުސީލު، ކޮންމެ އަހަރަކު އެއްފަހަރު، މާލީ ވުޒާރާއަށް ހުށަހަޅަންޖެހޭ އިރު އެ ފައިސާ ދައުލަތުގެ އެހެން އެއްވެސް ހަރަދެއް ކުރުމަށް ބޭނުުމެއް ނުކުރެވޭނެއެވެ.

އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ
އަމަލުކުރާނެ ގޮތުގެ ޕްލޭނެއް، ގަވާއިދަށް އަމަލުކުރަން ފަށާތާ
ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވައިލާން ޖެހެއެވެ.

comment ކޮމެންޓް