ގައިޑްލައިންތަކަށް ފެތޭ އެއާޕޯޓުތަކަށް ޖެޓު ޖައްސަން ހުއްދަ ދެނީ

ވީއައިއޭގައި ޕްރައިވެޓް ޖެޓުތަކެއް ޕާކުކޮށްފައި -- ފޮޓޯ: އެމްއޭސީއެލް

ކޮވިޑަށްފަހު ނިއު ނޯމަލްގައި ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލާއިރު، އޭވިއޭޝަނުން ކަނޑައަޅާ ގައިޑްލައިންތަކަށް ފެތޭ އެއާޕޯޓުތަކަށް ޖެޓު އޮޕަރޭޓު ކުރުމުގެ ހުއްދަ ދޭން މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި ވާހަކަ ދައްކަވަމުން ސްޓޭޓު މިނިސްޓަރު ޒުހައިރު ރޭ ވިދާޅުވީ ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާއިރު މާގިނަ ފްލައިޓުތަކެއް އަންނާނެ ކަމަށް އުއްމީދު ނުކުރެވޭ ކަމަށެވެ.

"ޓޫރިޒަމް އަލުން ހުޅުވާލެވެއިރު ފުރަތަމަ ފަށައިގަންނައިރު އެކްސްޕެކްޓޭޝަންތަކާ އެއްވަރަށް ނާންނާނެ. ބޮޑަށް ބެލެވެނީ ޗާޓާސް އަދި ޕްރައިވެޓް ޖެޓްސް ތައް ކަމަށް އަންނާނީ،" ޒުހައިރު ވިދާޅުވިއެވެ.

ވެލާނާ އިންޓަނެޝަނަލް އެއާޕޯޓު ގައި ޖެޓެއް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސަރުކާރުން ނިންމާފައިވަނީ އަންނަ މަހުން ފެށިގެން ރާއްޖެ ޓޫރިޒަމަށް ހުޅުވާލުމަށެވެ. ޓޫރިޒަމް އަލުން ފެށުމަށް ވާންޖެހޭ ތައްޔާރީތައްވެސް، ގައިޑްލައިންތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ޒުހައިރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފިޔަވައި ރާއްޖޭގެ އެހެން ދެތިން އެއާޕޯޓަކަށް ޖެޓް ޖެއްސޭނެ ގޮތް ހެދޭތޯ ބަލަމުންދާ ކަމަށެވެ.

ވީއައިއޭގެ އިތުރުން ނ. މާފަރު އެއާޕޯޓާއި އދ މާމިނގިލި އަދި ދ ކުޑަހުވަދޫ އާއި ގއ ކޫއްޑޫ އަދި ގަން އެއާޕޯޓަކީ ޖެޓު އޮޕަރޭޓު ކުރެވޭ ފެންވަރުގެ އެއާޕޯޓުތަކެވެ.

ޒުހައިރު ވިދާޅުވީ އައިކާއޯ، އަޔާޓާ، ސިވިލްއޭވިއޭޝަން އަދި އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް އެކުލަވާލާ ގައިޑްލައިންއަށް ފެތޭ ތަންތަނަށް ހުއްދަ ދޫކުރާނެ ކަމަށެވެ. މިހާރު ކުރިއަށްދަނީ ގައިޑްލައިން ފައިނަލައިޒް ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ ޓޫރިޒަމަށް ރާއްޖެ ހުޅުވާލުމުން ޓޫރިސްޓުން އަންނާނީ ފްލައިޓުގައި ކަމަށާއި ނަމަވެސް ރާއްޖެއަށް އޮޕަރޭޓު ކުރާ އެއާލައިންތައް އަދި ފްލައިޓުތަކުގެ އަދަދު ބަރޯސާވާނީ އެހެން ގައުމުތަކުން ބޯޑަރުތައް ހުޅުވާލާ މިންވަރަކަށް ކަމަށެވެ. ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭ، ރާއްޖެއަށް ފްލައިޓު އޮޕަރޭޓު ކުރަނ އޮތް ޑިމާންޑު އެނގޭނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ.

ރާއްޖޭގެެ ބޯޑަރުތައް ހުޅުވާލަނީ ކޮންއިރަކުންތޯ އެއާލައިންތަކުން ބަލަމުންދާ ކަމަށާއި މިހާރު ދުނިޔެ އޮތީ ގޮތެއް ނިންމަން އެނގޭ ހަލަތުގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތައް ހުއްޓާލީ މާޗު 27 ވަނަ ދުވަހު އެވެ.

comment ކޮމެންޓް