އަތޮޅު ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، ވަސީލަތް މަދުވުމުން މައްސަލަތަކެއް!

ފުވައްމުލަކު ހޮސްޕިޓަލް ---

ކޮވިޑް 19 އައުމުގެ ކުރިން އާންމުކޮށް ޑޮކްޓަރަށް ދައްކާށާއި މީހުން ވިހަން ޖެހުނަސްވެސް އަންނަނީ މާލެ އެވެ. އެއީ އެކަށީގެންވާ ހިދުމަތްތައް ލިބެނީ ހަމައެކަނި މާލެއިިން ކަަމަށް ވާތީ އެވެ. އެކަމަކު ކޮވިޑް މާލޭގައި ފެތުރިގަނެ މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ޑޮކްޓަރަށް ދައްކަން މީހުން ދާން ފެށީ އަތޮޅު ހޮސްޕިޓަލް ތަކަށެވެ. ވަސީލަތްތައް މަދު އެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، އެކަށީގެންވާ ފަރުވާއާއި ހިދުމަތް ދިނުމަށް މިވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

އަތޮޅު ހޮސްޕިޓަލްތަކުން ފަރުވާ ދިނުމުގައި ދަތިތަކެއް ކުރިމަތިވުމުން އާންމުންގެ ކަންބޮޑުވުންތައް ވެސް އެހާ ބޮޑެވެ. އެކަހަލަ އެތައް މައްސަލައެއްގެ ޝަކުވާ މިވަނީ ގިނަވެފަ އެވެ. އިއްޔެ ނޫން އިހައްދުވަހު މާމިގިލިން މަހިބަދޫގައި ހުންނަ އދ. އަތޮޅު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ނުދެއްކި އަނބުރާ ރަށަށް ދާނެ ޖެހުމުގެ ޝާކުވާއެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އެމީހުންގެ ޝަކުވާއަކަށްވީ އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ދައްކަން ދިއުމުން ޓޯކަން ދޫކޮށްފައި ވެސް ޑޮކްޓަރު ނުބެލި މައްސަލަ އެވެ. އެމީހުން ބުނާ ގޮތުން ޑޮކްޓަރު ޑިއުޓީގެ ވަގުތު ހަމަވުމުން ނުބަލައި ގެއަށް ދިޔައީ އެވެ. އަދި އާދޭސް ކުރުމުން ވެސް ނުބެލީ އެވެ. އިތުރު ހަރަދުތަކެއް ކޮށް ލޯންޗު އެ ރަށުގައި އިތުރު ދެގަޑިއއިރަށް ބާއްވައި މަޑުކުރުމުން އަތުން ހޭދަކުރަން ޖެހުނު ބޭކާރު ހަރަދުތަކުގެ ވާހަކަ ވެސް އޭނާ ފާހަގަކުރި އެވެ.

އައްޑޫ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އދ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ބުންޔާމީން ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. މާމިގިލިން ޑޮކްޓަރަށް ދައްކަން ދިޔަ ދެމީހަކު ޑޮކްޓަރަށް ނުދެއްކި އަނބުރާ ދާނެ ޖެހުނު ކަމަށް އޭނާ ވެސް އެއްބަސްވި އެވެ. ނަމަވެސް އެއީ ހޮސްޕިޓަލުގެ އިހުމާލު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެހާދިސާ ހިނގައި ދިޔަގޮތް ކިޔާދެމުން ބުންޔާމީން ވިދާޅުވީ އެ ހޮސްޕިޓަލުގައި ހުންނަނީ އަންހެނުންގެ ހާއްސަ އެންމެ ޑޮކްޓަރެއް ކަމަށެވެ. އއ. އދ. ވ. އަދި ކ. އަތޮޅު ހިމެނޭ ގޮތަށް މި ރީޖަނުގެ ގިނަ ރަށްރަށުން އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާތީ ހާއްސަ އިންތިޒާމުތަކެއްގެ ދަށުން އެކަން ކުރަމުން ދާ ކަމަށް ބުންޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަންގާފައި އޮންނާނީ ހުރިހާ ރަށެއްގެ ކައުންސިލުތަކަށް ވެސް. ހާއްސަކޮށް އަންހެނުންގެ ޑޮކްޓަރަށް ދައްކަން އަންނަ ނަމަ އަޅުގަނޑަށް ގުޅާފައި އެޕޮއިންޓްމެންޓް ހައްދަން. އެއީ މިކޮޅުގައި ހުންނަނީ އެންމެ އަންހެނުންގެ ހާއްސަ ޑޮކްޓަރެއް. މި ރީޖަނު ގިނަ ރަށްރަށުގެ މީހުން ބަލަނީ އެ ޑޮކްޓަރު." ބުންޔާމީން ވިދާޅުވި އެވެ.

ބުންޔާމީންގެ ވިދާލުވީ އެއްވެސް ހާލެއްގައި ޑޮކްޓަރު ގަސްތުގައި މީހަކު ނުބަލަން ނޫނެކޭ ނުބުނާނެ ކަމަށެވެ. ބުދަ ދުވަހު ވެސް އެ ހޮސްޕިޓަލުގައި ވިހައިގެން އޮތް ހަ މީހަކު އޮތް ކަމަށާއި އަދި އެކި ރަށްރަށުން ގިނަ އަދަދެއްގެ މާބަނޑު މީޙުން އެޕޮއިންޓްމެންޓް ހައްދާފައިވާ ކަމަށެވެ. އޭގެ އިތުރުން ޑިއުޓީ ނިމެން ކައިރިވެފައި ވަނިކޮށް ވ. އަތޮޅުގެ ރަށަކުން މީހަކު ސީ ސެކްޝަން ހަދަން ޖެހިގެން އެމަޖެންސީކޮށް އެ ހޮސްޕިޓަކަށް ގެނައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ފަހުން އއ. އަތޮޅުގެ ރަށަކުން މީހަކު އެދުވަހުގެ 4:30 ހާއިރު ވިހަން ބަނޑުގައި ރިއްސާތީ އެ ހޮސްޕިޓަލަށް ގެނައި ކަމަށް ބުންޏާމީން ވިދާޅުވި އެވެ.

"އެމީހުންނަކީ މާބަނޑު ބައެއް ނަމަ އެދުވަހު ބަލައިދޭން ހޮސްޕިޓަލުން ނިންނި. އެކަމަކު އެމީހުންނަކީ މާބަނޑު ބައެއް ނޫން. އަޅުގަނޑު ގޮސް އެމީޙުންނާ ވާހަކަ ދެއްކިން ކޮން ކަމަކުތޯ ޑޮކްޓަރަށް ދައްކަނީ. ވިދާޅުވި ސްކޭނެއް ހަދަން ކަމަށް. އެބޭފުޅުން އެ ވިދާޅުވި ކަހަލަ ސްކޭން މި ހޮސްޕިޓަލަކުން ނުހެދޭ." ބުންޔާމީން ވިދާޅުވި އެވެ.

އެއީ މިފަހުން ހިނގާ ދިޔަ އެފަދަ އެތައް ހާދިސާތަކުގެ ތެރެއިން އެއް ހާދިސާ އެވެ. މާލެ ބަންދުކޮށް ޑޮކްޓަރަށް ދައްކަން މީހުންނަށް މާލެ ނާދެވެން ފެށުމުން އަތޮޅު ހޮސްޕިޓަލުތަކަށް ވަނީ ބާރުބޮޑުވެފަ އެވެ. އެކަމުގެ ސަބަބުން އިހުމާލުގެ އެތައް މައްސަލަތަކެއް ވަނީ މީހުންނަށް ދިމާވެފަ އެވެ.

ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ބަޔަކު ހިދުމަތް ހޯދަނީ-- ފޮޓޯ/ ޓްވިޓާ

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅަކު 'ސަން' އަށް ވިދާޅުވި ގޮތުގައި އެހެން ދިމާވެފައި ވަނީ އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ކުރިއަރުވަން ސަރުކާރުތަކުން މަސައްކަތް ނުކޮށް އިހުމާލުވެފައި އޮތުމުންނެވެ. އޭނާ ވިދާޅުވި ގޮތުން އެންމެ އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް މުޅި ރީޖަނުގައި ތިބި އަންހެނުންނާއި މާބަނޑު މީހުންނަށް ފަރުވާ ދިނުމަކީ ކިތަންމެ ގާބިލު ނަމަވެސް ކުރެވޭނެ ކަމެއް ނޫނެވެ.

"އަތޮޅު ހޮސްޕިޓަލްތަކޭ މިކިޔަނީ. އެކަމަކު އެތަންތަނުގައި މި ހުންނަނީ ގިނަ ފަހަރު ހާއްސަ ބަލިތަކުގެ ވަރަށް މަދު ޑޮކްޓަރެއް. ގިނަ ޓެސްޓްތައް ހެދޭކަށް ނުހުރޭ. ސްކޭނެއް ހެދޭކަށް ނުހުރޭ. މިކަހަލަ ހާލަތެއްގައި މި އެނގެނީ ސިއްހީ ދާއިރާގައި ހުރި ހީނަރުކަން." އޭނާ ވިދާޅުވި އެވެ.

މިހާލަތަކީ ސަރުކާރުތަކުން އިސްކަމެއް ދީގެން އަތޮޅުތަކުގެ ސިއްހީ މައްސަލަތަކަށް ހައްލު ގެންނަން މަސައްކަތް ފަށަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

މިސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލުތަކެއް އެޅުމުގެ ވައުދު ހިމެނެ އެވެ. އަދި މާލެއިން ލިބޭ ހިދުމަތްތައް އެތަންތަނުން ދިނުމަށް މަގުފަހިކޮށްދިނުމަކީ ވެސް އެ ވައުދުގެ ބައެކެވެ. އެކަމަށް މިހާރު މަސައްކަތްތަކެއް ފަށާފައިވީ ނަމަވެސް ނިމޭނީ ކިހާ ދުވަހަކުން ކަމެއް ސާފެއް ނުވެ އެވެ.

ހެލްތު އިކުޕްމެންޓާއި އިންސާނީ ވަސީލަތްތަކުގެ މަދުކަމާ އެކު ދިވެހިން މިވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެކަމަށް ވީހާ ވެސް އަވަސް ހައްލެއް ހޯދަން ޖެހެ އެވެ. އަތޮޅުތަކުގެ ސިއްހީ ހިދުމަތަށް ހާއްސަ އިސްކަމެއް ދީގެން ތަރައްގީ ގެންނަން ޖެހެ އެވެ. ލާމަރުކުރުން ހަގީގީ މާނައިގައި ފުރިހަމަ ކުރަން ޖެހެ އެވެ.

comment ކޮމެންޓް