ޖޯޖް ފްލޯއިޑްގެ މަރާ ގުޅިގެން ބާއްވާ މުޒާހަރާތަކުން 9000 މީހުން ހައްޔަރުކޮށްފި

ޖޯޖް ފްލޯއިޑްގެ މަރާ ގުޅިގެން ކުރިއަށްގެންދާ މުޒާހަރާތަކުގައި 9000އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ: އީޕީއޭ

ވޮޝިންޓަން (ޖޫން 4): އެމެރިކާގައި ޖޯޖް ފްލޯއިޑްގެ މަރާ ގުޅިގެން ކުރިއަށްގެންދާ މުޒާހަރާތަކުގައި 9،300އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި ކަމަށް އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓުކޮށްފި އެވެ.

އޭޕީގައިވާ ގޮތުން މިދިޔަ މަހުގެ 26ގައި އެ މުޒާހަރާތައް ފެށި ފަހުން ލޮސް އެންޖެލިސްއިން 2،700 މީހަކު ހައްޔަރުކޮށްފައިވާ އިރު ނިއު ޔޯކް ސިޓީން 1،500 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި ޑަލަސް އާއި ހިއުސްޓަން އާއި ފިލަޑެލްފިއާއިންވެސް ސަތޭކައަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައިވެ އެވެ.

އެމެރިކާގެ މިނިސޯޓާގައި އެ މުޒާހަރާތައް ފުރަތަމަ ފެށުނީ މިދިޔަ މަހުގެ 25ގައި ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޝޮވިން، ކަޅު ނަސްލުގެ ފްލޯއިޑް ހައްޔަރު ކުރި އިރު އޭނާގެ ކަރަށް ފައިން އަރާ ހުރި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވި ފަހުންނެވެ. އެ ވީޑިއޯއިން ފްލޯއިޑްް އޭނާއަށް ނޭވާ ނުލެވޭ ކަމަށް ބުނެ، ޝޮވިންގެ ފައި ނެގުމަށް އާދޭސް ކުރާ މަންޒަރު ފެނެ އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ފްލޯއިޑްގެ އަޑު ކެނޑެ އެވެ. އަދި އެއަށް ފަހު ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ފްލޯއިޑް މަރުވެފައިވާ ކަން ހޮސްޕިޓަލުން އެންގި އެވެ.

ފްލޯއިޑްގެ މަރަށް އިންސާފު ހޯދައި ދިނުމަށް ގޮވާލުމުގެ އިތުރުން ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރިއަށްގެންދާ އެ މުޒާހަރާތަކުގައި ބައެއް މީހުން ވިޔަފާރިތައް ލޫޓުވާ އިމާރާތްތަކާއި އުޅަނދުތަކުގައި ރޯކޮށްފައިވެ އެވެ. އަދި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ގިނަ އަދަދެއްގެ ސިޓީތަކުގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް