ގޭގައި ތިއްބަސް ކުޅުންތެރިން ފިޓްނަސްއަށް ބަލަންޖެހޭނެ: ޑރ. ޝަކީބް

2016 ވަނަ އަހަރު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ޝަކީބް(ވ) އަދި ޓޮމް --- ސަން ފޮޓޯ: ފަޔާޒް މޫސާ

މިހާރު ދިމާވެފަައިވާ މިއޮތް ހާލަތުގެ ސަބަބުން ކުޅުންތެރިން ގޭގައި ތިބެން ޖެހުނު ނަމަވެސް ފިޓްނަސް ހިފެހެއްޓުމަކީ ސީޒަން އަލުން ފަށާއިރު ކުލަބުތަކަށާއި، ކުޅުންތެރިންނަށް އެންމެ މުހިއްމު ކަންތަައް ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ސްޕޯޓްސް ފިޒިޝިއަން އަހުމަދު ޝަކީބް (ޑޮކް) ބުނެފި އެވެ.

އެފްއޭއެމުން ރޭ ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަމުން ޝަކީބް ބުނީ، މި ހާލަތަކީ މީގެ ކުރިން ދިމާވެފައި ނުވާ އަދި ކުރިއަށް އޮތްތާ ދިމާވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ފަދަ އުނދަގޫ ހާލަތެއް ކަމަށެވެ އަދި މިކަމުގެ ސަބަބުން މުޅި ދުނިޔޭގެ ފުޓުބޯޅައަށް ވެސް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށާއި، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނާއި، ކުލަބުތައް ވެސް ވަނީ ހާލުގައި ޖެހިފައި ކަމަށެވެ.

މަތީ ފެންވަރުގެ ކުލަބުތަކަށް އެފަދަ ހާލަތެއް ކުރިމަތިވެފައި އޮތް އިރު ރާއްޖެ ފަދަ ކުޑަ ކުޑަ ގައުމެއްގެ ފުޓުބޯޅައާއި، ކުލަބުތަކަށް މިކަމުގެ ސަބަބުން ލިބޭ ގެއްލުން އަންދާޒާ ނުކުރެވޭނެ ކަމަށް ޝަކީބް ވަނީ ބުނެފަ އެވެ.

"ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއި، ކުލަބުތައް ވެސް މިއޮތީ މިކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހިފައި. ދެން ވިސްނާލަމާ ހިނގާ އަޅުގަނޑުމެން ކަހަލަ ކުޑަ ކުޑަ ގައުމެއްގައި ކިހާވަރަކަށް މިކަން އިހުސާސް ކުރަން ޖެހޭނެތޯ. އަޅުގަނޑުމެންގެ ކުލަބުތަކުގެ ހާލަތު ވެސް ބޮޑުތަކުން ދާނީ ދަށަށް،" ޝަކީބް ބުންޏެވެ.

އޭނާ ބުނީ، ކުލަބުތަކަށް މިދަނޑިވަޅުގައި އާއްމުދަނީ ހޯދުމަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށާއި، ކުލަބުތަކުގައި ކުޅުންތެރިން ދެމެހެއްޓުމަށް ވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.

"މިހާލަތުގައި ކުޅުންތެރިން ގޭގައި ތިބޭ އިރުވެސް އެންމެ ބޮޑަށް ބަލަން ޖެހޭނީ ފިޓްނަސްއަށް ބަލައިގެން އުޅުން. އެހެން ނޫން ނަމަ ވަރަށް ބުރަ މަސައްކަތްތަކެއް އަލުން ނިއު ނޯމަލްގައި ކުލަބުތަކާއި ގުޅިގެން ކުޅުންތެރިން ނުކުންނަ އިރު ކުރަން ޖެހޭނެ." ޝަކީބް ބުންޏެވެ.

ޝަކީބް އިތުރަށް ބުނީ، އަނިޔާއެއްގައި ގިނަ ދުވަސްތަކެއް ވަންދެން ނުކުޅެ ހުރުމަށްފަހު އެނބުރި އައިސް ކުޅެން ފެށުމަށްވުރެން ކަމެއް ނުކޮށް ގޭގައި ތިބެފައި އައިސް ކުޅެން ފެށުމުން ދިމާވާ އުނދަގޫތައް އިތުރު ވާނެ ކަމަށެވެ. އަދި މާލެއިން ބޭރުގައި ތިބި ކުޅުންތެރިންނަށް މިހާރު ލިބިފައި އޮތް ފުރުސަތުތަކާ އެކު ފިޓްނަސް ހިފެހެއްޓުމަށް ކުޅެން ގޮސް، ޕްރެކްޓިސްތައް ކުރުމަށް ޝަކީބް އެދިލެއްވި އެވެ.

comment ކޮމެންޓް