އޭ380 ގެ ދެ ބޯޓު ޕާކުކުރެވޭނެ ޖާގަ ހަދަން ވެސްޓް އޭޕްރަން މަރާމާތު ކުރަނީ

ވެސްޓް އޭޕްރަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވެސްޓް އޭޕްރަން މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއޭސީއެލް އިން ބުނީ ވެސްޓް އޭޕްރަން އިންް 35،000 އަކަމީޓަރުގެ ސަރަހައްދެއް މަރާމާތު ކުރަން ފަށާފައިވާ ކަމަށާއި މި މަސައްކަތް ނިންމާލެވޭއިރު ދެ ކޯޑް އެފް މާސް ސްޓޭންޑު ގާއިމް ކުރެވޭނެ ކަމަށެވެ.

މިއާއެކު ވެސްޓް އޭޕްރަންގައި އޭ380 މަރުކާގެ ދެ ބޯޓު ޕާކު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުޅަނގު ދެކުނުގައި ތަރައްގީކުރި އޭޕްރަންގެ މަސައްކަތް ނިންމާ މިދިޔަ މާޗު މަހު ވަނީ ހުޅުވާލައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރީ ސަރުކާރުން ފަށާފައިވާ އެއް ބިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން ކޯޑު އެފް ރަންވޭ އެއް ވަނީ ތަރައްގީ ކޮށްފަ އެވެ. ނަަމަވެސް އެތަނުގެ ބޭނުން އަދި ކުރަން ފަށާފައި ނުވަނީ ސީޕްލޭން ޓާމިނަލް ރިލޮކޭޓު ނުކުރެވެނީސް ކްލިޔަރިން ސްޕޭސް ނުލިބޭނެތީ ކަމަށް އެމްއޭސީއެލް އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޒަމާނީ ފިއުލްފާމަކާއި ސީޕްލޭން ޓާމިނަލް އެއް ގާއިމް ކުރާއިރު އާ ޕެސެންޖާ ޓާމިނަލް އަކާއި ވީއައިޕީ ކޮމްޕްލެކްސް އެއްވެސް ހަދާނެ އެވެ.

comment ކޮމެންޓް