އަޅުގަނޑު މަސައްކަތް ކުރާ މީހަކަށް ނުވަނީ މީސް މީޑިއާއަށް ފޮޓޯ ނުލާތީ: ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ: މިނިސްޓަރު ވިދާޅުވީ އޭނާ މަސައްކަތް ކުރާ މީހަކަށް ނުވަނީ މީސް މީޑިއާއަށް ފޮޓޯ ނުލާތީ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސައްކަތް ކުރާ މީހަކަށް އޭނާ ނުވަނީ މީސް މީޑިއާއަށް ފޮޓޯލައި އެކަންކަން ހާމަނުކުރާތީކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ކޮވިޑް19 މާލެއިން ފެނުނު ފަހުން ޓްރާންސްޕޯޓް މިނިސްޓްރީން މާބޮޑު މަސައްކަތެއް ނުކުރާކަމަށް ބުނެ ބައެއް އާންމުންނާއި މަޖިލިސް މެމްބަރުން ވަނީ އެ މިނިސްޓްރީއަށް ފާޑުކިޔާފައެވެ.

ކޮވިޑް19އާއެކު މިނިސްޓްރީތަކުން ކުރަމުންދާ މަސައްކަތްތައް ސާފުކުރުމަށް މަޖިލީހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރޭ އޮންލައިންކޮށް ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިންނާ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީން ވަނީ ބައްދަލުކޮށްފައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުންގެ ކަންބޮޑުވުމަކީވެސް ކޮވިޑް19އާއެކު މިނިސްޓްރީގެ މަސައްކަތައް މަޑުޖެހިފައިވުމެވެ. އަދި މިނިސްޓްރީގެ އިހްތިސާސުގައި ހިމެނޭ ކަންކަމުގައި މާބޮޑު މަސައްކަތްތަކެއް މިނިސްޓްރީގެ ފަރާތުން އިސްނަގައިގެން ކުރާތަނެއް ނުފެންނަ ކަމަށް ބައެއް މެމްބަރުން ފާހަގަ ކުރެއްވިއެވެ. އޭގެ ބަދަލުގައި އެހެން މިނިސްޓްރީތަކުން ޓްރާންސްޕޯޓު މިނިސްޓްރީގެ ކަންކަން ކުރަމުންދާ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ކޮވިޑް19އާ ދެކޮޅަށް އިސްސަފުގައި މަސައްކަތް ކުރުމަށް ރައީސް އޮފީހުން ނެގި ޓާސްކްފޯސްގައި އޭނާ ހިމެނިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެ ޓާސްކްފޯސްގައި ހިމެނޭ އެހެން މިނިސްޓަރުންނާ ގުޅިގެން ކުރަން ޖެހޭ ކަންކަން ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ޓާސްކްފޯސްގައި ފުރޮންޓްލައިންގައި ތިބީ ވުޒާރާތަކުގެ ހުރިހާ ވަޒީރުންނެއް ނޫން. ޓާސްކްފޯސްގައި އެކުލެވެފައިވަނީ ރައިސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއެކު. އޭގެ މާނައަކީ ފުރޮންޓަށް މަސައްކަތް ކުރަން ނުކުމެފައި ތިއްބަވާނީ އެބޭފުޅުން. އެހެން ނަމަވެސް ދެން ތިބި ވަޒީރުންވެސް މަސައްކަތް ކުރަމުންދިޔައީ،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފުރަބަންދާ ގުޅިގެން ގޭގައިވެސް ހުއްޓުމެއްނެތި މިނިސްޓްރީގެ އިސްވެރިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މަސައްކަތްތައްވެސް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް ނަހުލާ ވިދާޅުވިއެވެ.

"އޮފީހަށް ނާދެވޭތީ، ގޭގައި ހުރެގެންވެސް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހެނީ 24 ގަޑިއިރު. ގިނަ ރޭރޭ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިފައި ހުންނާނެ ތިނެއް ޖަހާއިރުވެސް، ފަތިހު ފަހެއް ޖަހާއިރުވެސް. އަނެއްކާ ހެނދުނު ހަތެއް ޖަހާއިރު [މަސައްކަތް ފެށޭނެ]،" މިނިސްޓްރީގެ މަސައްކަތައްކަށް ކިހާވަރަކަށް ވަގުތު ދެވޭތޯ ހޯރަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ، ރަށްރަށަށް ދިމާވެފައިވާ މައްސަލަތައް ހޯދުމަށް ކައުންސިލަރުންނަށް މިނިސްޓަރާ ބައްދަލު ނުކުރެވޭ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އެވާހަކަތަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ، ކައުންސިލަރުންނާވެސް މީގެ ކުރިން ބައްދަލު ކުރަމުން އައި ކަމަށާއި އެ ބައްދަލުވުންތަކުގެ ފޮޓޯތައް މީސް މީޑިއާއަށް ނުލުމުން އެއީ ހިނގާ ކަމެއްގެ ގޮތުގައި ނުބެލެވެނީ ކަމަށެވެ.

"އެޕޮއިންޓްމަންޓްސް ހުންނަ ގޮތުން އެ ބޭފުޅުން އެދިވަޑައިގަންނަވާ ދުވަހު ބައްދަލުނުވެ ހިނގައިދާނެ. އެކަމަކު ވެސް ހަމަ ފަހުން ވަގުތު ދީގެން، އަޅުގަނޑަށް ވީ ވަރަކުން ހުރިހާ ބޭފުޅުންނާ ވެސްް ބައްދަލުކޮށްފައި ވާނީ. އަޅުގަނޑަށް ހުރިހާ މީޓިންތަކުގެ ފޮޓޯ ނުނެގުނީމާ ވީގޮތް ކަންނޭނގެމިއީ. ކުރިއަށް އޮތް ތާނގައި އަޅުގަނޑު އެ ފޮޓޯތައް ނަގާފައި މީޓީންތަކުގެ އަޕްޑޭޓްސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަށް އަޕްލޯޑް ކުރައްވަމުން ގެންދަވާނަން،" ނަހުލާ ވިދާޅުވި އެވެ.

ބައެއް މެމްބަރުން ކޮމިޓީގައި ފާޅުކުރެއްވި ކަންބޮޑުވުމަކީ ކޮވިޑާއެކު ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މިނިސްޓްރީއަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމެވެ. ނަމަވެސް ނަހުލާ ވިދާޅުވީ، ހާލަތައް ބަލައި ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް މިނިސްޓްރީއަށް އެކަށީގެންވާވަރަށް މަސައްކަތް ކުރެވުނު ކަމަށެވެ. އެގޮތުން ކުރިން ކޮންމެ ޓެކްސީ ސެންޓަރަކަށް ހަ ޑްރައިވަރަކަށް ހުއްދަ ދިން ނަމަވެސް މިހާރު މިނިސްޓްރީގެ މަޝްވަރާގެ މަތިން ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ޑްރައިވަރުންނަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް އެ މިނިސްޓްރީން ކުރިއަށް އޮތްތާގައިވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

"އިންޝާﷲ ކުރިއޮތްތާގައި މިނިސްޓްރީގައި ހިނގާ ކަންތައްތައް ރައްޔިތުންނަށް ވީހާވެސް ބޮޑަށް [މައުލޫމާތު] ފޯރުކޮށްދެވޭތޯ އަޅުގަނޑު ބަލާނަން،" ކޮމިޓީ ނިންމަވާލަމުން ނަހުލާ ވިދާޅުވިއެވެ.

comment ކޮމެންޓް