ޗައިނާއިން ކޮރޯނާވައިރަހާ ބެހޭ މައުލޫމާތު ދިނުން ލަސް ކުރި

ޑަބްލިޔުއެޗްއޯއިން ކޮރޯނާވައިރަސް ބަލިމަޑުކަމާ ގުޅިގެން އަމަލު ކުރި ގޮތަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފަ -- ފޮޓޯ: އޭއެފްޕީ

ނިއުޔޯކް (ޖޫން 3): އާ ކޮރޯނާވައިރަސް ފުރަތަމަ ފެތުރެމުން ދިޔަ އިރު އެ ވައިރަހާ ބެހޭ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އަށް ދިނުން ޗައިނާއިން ލަސްކުރި ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އިން ރިޕޯޓުކޮށްފި އެވެ.

އޭޕީގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ ޖެނުއަރީ މަހުގެ 11އިގައި ޗައިނާއިން އާ ވައިރަހުގެ 'ޖެނެޓިކް މެޕް' ދުނިޔެއާ ހިއްސާ ކުރީ އެގައުމުގެ ސައިންސުވެރިން އެ މައުލޫމާތު ހޯދިތާ އެއް ހަފްތާއަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އޭގެ ސަބަބުން އެހެން ގައުމުތަކަށް ވައިރަސް ފެތުރުނުތޯ ހޯދުމާއި ވައިރަހަށް ޓެސްޓާއި ބޭހާއި ވެކްސިން އުފެއްދުމުގެ މަސައްކަތަށްވެސް ހުރަސް އެޅުނުކަން ރިޕޯޓުގައި ފާހަގަ ކުރި އެވެ.

މީގެ އިތުރުން ބަލި ޖެހިފައިވާ މީހުންނާއި ކޭސްތަކުގެ އަދަދާ ބެހޭ މައުލޫމާތުވެސް ހިއްސާ ކުރުމުގެ ކުރިން ޗައިނާއިން ދެ ހަފްތާ ވަންދެން މަޑު ކުރި ކަމަށާއި އޭގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު ހޯދަން އުނދަގޫވި ކަމަށް އޭޕީން ބުންޏެވެ.

ޑަބްލިޔުއެޗްއޯއިން ލީކުވެފައިވާ ލިޔެކިޔުންތަކާއި ރެކޯޑިންތަކާ ހަވާލާދީ އޭޕީން ލިޔެފައިވާ ރިޕޯޓުގައިވާ ގޮތުން ޗައިނާއިން އެފަދަ މައުލޫމާތު ހިފަހައްޓާ ސަބަބުތަކުގެ ތެރޭގައި މައުލޫމާތު ހިއްސާ ކުރުން ކޮންޓްރޯލް ކުރުމަށް އެކި ފެންވަރުގައި އަޅާފައިވާ ފިޔަވަޅުތަކާއި އެގައުމުގެ ސިއްހީ ނިޒާމުގެ ތެރޭ އޮންނަ ވާދަވެރިކަން ހިމެނެ އެވެ.

އޭޕީން އެ ރިޕޯޓު ނެރެފައި ވަނީ ޑަބްލިޔުއެޗްއޯއިން ކޮރޯނާވައިރަސް ބަލިމަޑުކަމާ ކުރިމަތިލި ގޮތަށް ފާޑު ކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޑަބްލިޔުއެޗްއޯ އޮތީ ޗައިނާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި އެގައުމާ ގުޅިގެން އެ ޖަމްއިއްޔާއިން ވައިރަހާ ބެހޭ މައުލޫމާތު ފޮރުވި ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި މިދިޔަ ހަފްތާގައި ޓްރަމްޕް ވަނީ އެމެރިކާއާ އެ ޖަމްއިއްޔާއާ އެކު ގުޅުންތައް ކަނޑާލައްވާފަ އެވެ.

އޭޕީގައިވާ ގޮތުން ޗައިނާއިން މައުލޫމާތު ހިފެހެއްޓި ނަމަވެސް ޑަބްލިޔުއެޗްއޯއިން އެގައުމަށް ތައުރީފު ކުރަމުން ގެންދިޔައީ އެގައުމުން އިތުރު މައުލޫމާތު ލިބޭނެ ކަމުގެ އުއްމީދުގަ އެވެ. އަދި އެގައުމުގެ ސަރުކާރަށް މާބޮޑަށް ޕްރެޝަރުކޮށްފި ނަމަ އޭރު ލިބެމުންދިޔަ އެއްބާރުލުންވެސް ހުއްޓުމަކަށް އައުމުގެ ބިރު އޮތުމުންނެވެ.

އޭޕީގެ ރިޕޯޓާ ބެހޭ ގޮތުން ޗައިނާއިން އަދި އެއްޗެކޭ ބުނެފައި ނުވެ އެވެ. ނަމަވެސް އެގައުމުން ވަނީ އެގައުމުން އަމަލުކޮށްފައި ވަނީ ދެފުށްފެންނަ ގޮތަކަށް ކަމަށް މީގެ ކުރިން ތަކުރާރުކޮށް ބުނެފަ އެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ އެހެން ގައުމުތަކުން ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް އެގައުމުން ކުރިއަށް އޮތް ދެ އަހަރު ތެރޭ ދެ ބިލިއަން ޑޮލަރު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޑަބްލިޔުއެޗްއޯއިން އެ ޖަމްއިއްޔާގެ ދިފާއުގައި ނެރުނު ބަޔާނެއްގައި ވަނީ އެޖަމްއިއްޔާއިން ހުރިހާ މެމްބަރު ގައުމުތަކަށްވެސް އެއްވަރަކަށް މައުލޫމާތު ހިއްސާކޮށް، ހުރިހާ ސަރުކަރަކާވެސް ތެދުވެރިކަމާ އެކު ވާހަކަ ދެއްކުމަށް ޑަބްލިޔުއެޗްއޯގެ ލީޑަރުންނާއި މުވައްޒަފުން ރެއާއިދުވާލު މަސައްކަތް ކުރާ ކަމަށް ބުނެފަ އެވެ.

އޭޕީން ވަނީ އެ ރިޕޯޓުން ވަކި އެމެރިކާ ނުވަތަ ޗައިނާގެ ވާހަކަތަކަށް ބާރު ނުދޭ ކަމަށް ބުނެފަ އެވެ. އޭގެ ބަދަލުގައި އޭގެއިން ދައްކުވައި ދަނީ ޑަބްލިޔުއެޗްއޯއަކީ އެޖަމްއިއްޔާއަށް ލިބިފައިވާ ހަނި ބާރުތަކުގެ ތެރެއިން ވައިރަހާ ބެހޭ އިތުރު މައުލޫމާތު ހޯދަން މަސައްކަތް ކުރަމުން ދިޔަ ޖަމްއިއްޔާއެއްކަން ކަމަށް ބުނެފަ އެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގައި އާއްމު ސިއްހަތަށް ގެއްލުންވެދާނެ ކަންތައްތަކާ ބެހޭ މައުލޫމާތު ގައުމުތަކުން ޑަބްލިޔުއެޗްއޯ ހިއްސާ ކުރަން ޖެހޭނެ ކަމަށް ބުނެފައި އޮވެ އެވެ. ނަމަވެސް އެ ގާނޫނު ތަންފީޒު ކުރުމުގެ ބާރެއް އަދި ވަކި ގައުމެއްގައި ފެތުރޭ ބައްޔެއް މިނިވަންކޮށް ތަހުގީގު ކުރުމުގެ ބާރެއްވެސް އެޖަމްއިއްޔާއަށް ދީފައި ނުވެ އެވެ. އެހެންކަމުން ޑަބްލިޔުއެޗްއޯ އޮންނަނީ ގައުމުތަކުންދޭ އެއްބާރުލުމަށް ބަރޯސާވެފަ އެވެ.

comment ކޮމެންޓް