ކޮނޑޭގެ އޮޅުއަލަ ދަނޑުތަކުގައި ގޮތްނޭނގޭ ބައްޔެއް ފެތުރި، ދަނޑުތައް ހަލާކުވަނީ

ގއ. ކޮނޑޭގެ އޮޅުއަލަ ދަނޑެއް--

ގއ. ކޮނޑޭގެ އޮޅުއަލަ ދަނޑުތަކުގައި ގޮތް ނޭނގޭ ބައްޔެއް ފެތުރި، ދަނޑުތައް ހަލާކުވާން ފަށައިފި އެވެ.

ކޮނޑޭ ކައުންސިލުގެ ރައީސް އަހްމަދު އަބްދުއްހަކީމް "ސަން"އަށް ވިދާޅުވީ އެ ރަށުގެ އޮޅުއަލަ ދަނޑުތަކުގައި ގޮތްނޭނގޭ ބައްޔެއް ފެތުރި، އޮޅުތައް ހަލާކުވަމުން އަންނަތާ ހަފުތާއެއް ވަރު ވެދާނެ ކަމަށެވެ.

"މިކަން މިނިސްޓްރީއާ ދަނޑުވެރިކަމުގެ ތަޖުރިބާކާރުންނާ ވެސް ހިއްސާކޮށްފައިވާނީ. އަދި ސީދާ ވަކި އެއްޗެއް ނުބުނޭ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖުމްލަ 50 ވަރަކަށް އޮޅުއަލަ ދަނޑު އެރަށުގައި ހުންނައިރު، އޭގެތެރެއިން 20 ވަރަކަށް ދަނޑަށް ބަލި ފެތުރިފައިވާ ކަމަށެވެ. އަދި އިތުރު ދަނޑުތަކަށް ބަލިފެތުރެމުންދާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކޮނޑޭއިން ވާހަކަ ދެއްކި މީހަކު ބުނީ އޮޅުއަލައަކީ އެ ރަށު ރައްޔިތުން ކެއިންބުއިމުގެ އިތުރުން އާމްދަނީ ހޯދުމަށް ވެސް ބޭނުންކުރާ އެއްޗެއް ކަމަށެވެ.

"މި ރަށަކީ 80 ޕަސެންޓު ދަނޑުވެރި ރަށެއް. އޮޅުއަލަ ކިލޯއެއްގެ އަގު މިއުޅެނީ 70-85ރ އާ ދޭތެރޭގައި. ތެލުލި އަލަ ޑަބިޔަލެއް ވިއްކަނީ 500ރ އަށް. މިހާ ގިނަ އަދަދެއްގެ ދަނޑުތައް ހަލާކުވުމަކީ ލިބޭ ބޮޑު ގެއްލުމެއް،" އޭނާ ބުންޏެވެ.

ގއ. ކޮނޑޭގެ އޮޅުއަލަ ދަނޑެއް--

އޮޅުއަލައިގެ ދަނޑުވެރިކަމަކީ ބުރަ މަސައްކަތެއްކަން ފާހަގަކޮށް އޭނާ ބުނީ އެ މަސައްކަތް ކޮށް އުޅެނީ ބިދޭސީން ލައްވައި، ދުވާލަކަށް 400-500ރ ދީގެން ކަމަށެވެ.

މިގޮތަށް ހަރަދު ކުރުމަށްފަހު އަދި އަލަ ދޮންވާން ހަ މަހުގެ ދިގު މުއްދަތެއް ނަގާ ކަމަށް ވެސް އޭނާ ބުންޏެވެ.

ގއ. ކޮނޑޭގެ އޮޅުއަލަ ދަނޑެއް--

އޭނާ ބުނީ ކޮނޑެއަށް ކުރި ވިއްސާރައިގައި އެ ރަށުގެ އަށް ވަރަކަށް ބަނބުކެޔޮފަސް ވެސް ވެއްޓިފައިވާ ކަމަށެވެ.

comment ކޮމެންޓް