ދެ ރައީސުންގެ އަބުރު ކަތިލިކަމަށް ހަދައި ވަޒީފާއިން ވަކިކުރުމަށް ޗިޓް ފޮނުވުނީ އިދާރީ އޮޅުމަކުން: ޝާހިދު

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ: -- ފޮޓޯ/ އެންއީއޯސީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އަބުރު ކަތިލިކަމަށް ބުނެ ވަޒީފާއިން ވަކިކުރުމަށް ޗިޓް ފޮނުވުނީ އިދާރީ އޮޅުމަކުން ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ވަޒީފާއިން ވަކިކޮށްފައިވަނީ އެމްޕީއެލްގެ ދަށުން ހިންގަމުން އަންނަ ހިތަދޫ ޕޯޓްސްގެ މުވައްޒަފަކެވެ. އޭނާއަށް އެންމެ ފުރަތަމަ ފޮނުވި ޗިޓްގައި ބުނެފައިވަނީ، ޝޯޝަލް މީޑިއާގައި އޭނާ ދެ ރައީސުންގެ އަނބުރު ކަތިލިކަމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް ފޮނުވި ޗިޓްގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރަނީ ކުންފުނީގެ ކޯޑް އޮފް ކޮންޑަކްސްއާ ހިލާފުވެގެން ކަމަށެވެ. ދެ ޗިޓުވެސް ފޮނުވާފައިވަނީ އިއްޔެގެ ތާރީހުގައެވެ.

އެކަމާ ގުޅިގެން ޝާހިދު "ސަން" އަށް ވިދާޅުވީ، ފުރަތަމަ ޗިޓްގައި އެގޮތަށް އިބާރާތްކޮށްފައިވަނީ އިދާރީ އޮޅުމަކުން ކަމަށެވެ. އަދި އެކަން އިސްލާހުކޮށް އަނެއްވެސް ދެވަނަ ފަހަރަށް ޗިޓް ފޮނުވާފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ފުރަތަމަ ޗިޓަކީ އިދާރީ ގޮތުން ހެދިފައި އިން މިސްޓޭކެއް. އޭތި ކަރެކްޓްކޮށްފައި އިންނާނީީ ފަހުން. އޭގައި ލިޔަން ޖެހޭ އިބާރާތް ނޫން އިބާރާތެއް ބޭނުންކޮށްފައި ވަނީ،" ޝާހިދު ސޮއި ކުރި ދެ ޗިޓާ ގުޅޭ ގޮތުން އޭނާ ވިދާޅުވިއެވެ.

މުވައްޒަފު ވަކިކޮށްފައިވަނީ ދެ ރައީސުންނަށް ފާޑުކިޔައިގެންތޯ ސުވާލު ކުރުމުން ޝާހިދު ވިދާޅުވީ، ވަޒީފާއިން ވަކިކުރީ އެހެން ވެގެން ނޫން ކަމަށާއި މުވައްޒަފު ވަކިކޮށްފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކޯޑް އޮފް ކޮންޑަކްސްއާ ހިލާފުވެގެން ކަމަށެވެ.

"ކުންފުނީގެ އޮންނާނެ ޕޮލިސީ އޮން ކޯޑް އޮފް ކޮންޑަކްޓް. ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވީމަ ވަކިކުރީ. މެނޭޖްމަންޓް އިން ނިންމާފައިވަނީ ކޯޑްއޮފް ކޮންޑަކްޓާ ހިލާފުވެގެން ކަމަށް،" މުވައްޒަފު ވަކިކުރި ސަބަބަކީ ކޮބާތޯ އެހުމުން އޭނާ ވިދާލުވިއެވެ.

ޝާހީދު އިތުރަށް ވިދާޅުވީ، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި ހިޔާލުފާޅުކުރުުގެ މިނިވަންކަމާ ގުޅުމެއް ނެތް ކަމަށެވެ. ހިޔާލު ފާޅުކޮށްގެން މުވައްޒަފަކު ވަޒީފާއިން ކަނޑާ ނުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯޑް އޮފް ކޮންޓަކްސްއާ ހިލާފުވީ ކޮންގޮތަކުންތޯ ސުވާލުކުރުމުން ޝާހިދު ވިދާޅުވީ، ކޭސްގެ ގޮތުން މިވަގުތު އެކަން ހާމަކުރެވެން ނެތް ކަމަށާއި ލީގަލް ޑިޕާޓްމަންޓުން އެކަން ސާފުކޮށްދޭނެ ކަމަށެވެ.

މުވައްޒަފަށް ފޮނުވާފައިވާ ދެވަނަ ޗިޓުގައި ބުނެފައިވަނީ އެންމެ ފަހުން ދިން އިންޒާރުގައި އަޅާފައިވާ އިސްލާހީ ފިޔަވަޅުތަކަށްވެސް އެ މުވައްޒަފު އަމަލުކޮށްފައި ނުވާކަމަށެވެ. އަދި އެ އިންޒާރަށް އަމަލުނުކޮށްފިނަމަ، ވަޒީފާއިން ވަކިކުރާނެ ކަމަށްވެސް އެންގި ކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓިގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ސަރުކާރަށް ފާޑުވިދާޅުވެގެން ވަޒީފާއިން ވަކިކޮށްފިނަމަ އެކަމަށް އެ ކޮމިޓީން ފާރަވެރިވާނެ ކަމަށެވެ.

މިދިޔަ ސަރުކާރުން މިގޮތަށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ މީހުން ވަޒީފާއިން ވަކިކުރިކަމުގެ ކަންބޮޑުވުން އޭރުގެ އިދިކޮޅުފަރާތްތަކުން ކުރިއެވެ. އަދި ރިޔާސީ ކެމްޕެއިން ތެރޭގައި މީހުން ސިޔާސީވެގެން ވަޒީފާއިން ވަކި ނުކުރާނެ ކަމަށް އޭރުގެ އިދިކޮޅު ކެންޑިޑޭޓް، ރައީސް ސޯލިހް ވައުދުވިއެވެ.

comment ކޮމެންޓް