އިންތިގާލީ ކައުންސިލުން ހުޅުދުއްފާރު ކައުންސިލްގެ ރައީސް އިސްތިއުފާ ދެއްވައިފި

ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް: އޭނާ ވަނީ އިންތިގާލީ ކައުސިލަރު ކަމުން އިސްތިއުފާ ދެއްވައިފައި

ގާނޫނު އަސާސީއަށް ބަދަލުގެނައުމާއެކު މިހާރު އޮތް އިންތިގާލީ ކައުންސިލުން ރ. ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް އިސްތިއުފާ ދެއްވައިފި އެވެ.

ތިން އަހަރު ދުވަހަށް އިންތިހާބު ކުރި ކައުންސިލްގެ ދައުރު ކުރިން އޮތް ގޮތުން މިއަދަށް ހަމަވެއެވެ. ނަމަވެސް ކޮވިޑް19އާ ގުޅިގެން އިންތިހާބް ބޭއްވޭނެ ހާލަތެއް ނެތުމުން ދެން އިންތިހާބެއް ބޭއްވެންދެން އެ ކައުންސިލަރުންގެ މަގާމުގައި ދެމިތިބެވޭނެ ގޮތަށް ސުޕްރީމް ކޯޓުގެ ލަފައާއެކު ގާނޫނު އަސާސީއަށް ވަނީ އިސްލާހު ގެނެސްފައެވެ.

މުހައްމަދު އިބްރާހިމް މިިއަދު "ސަން" އަށް ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުން ކައުންސިލަރުން އިންތިހާބު ކުރީ ތިން އަހަރު ދުވަހަށް ކަމަށާއި އެހެން ކަމުން ރައްޔިތުންގެ ވޯޓަކާ ނުލާ އިންތިގާލީ ކައުންސިލެއްގައި ހުންނަން ބޭނުން ނުވާތީވެ އިސްތިއުފާ ދީފައިވާ ކަމަށެވެ.

"ރައްޔިތުން އަޅުގަނޑު އިންތިހާބު ކުރީ ތިން އަހަރުގެ ދައުރު މިއަދަށް މި މިވަނީ ހަމަވެފައި. ދައުރު ނިމިފައި އިނީމަ، އިންތިގާލީ ކައުންސިލެއް މިހާރު މިއޮތީ. އަޅުގަނޑެއް ގަބޫލެއް ނުކުރަން ރައްޔިތުން ހޮވި ކައުންސިލަރެއްގެ ގޮތުގައި ދައުރު ނިމުނީމަ އިތުރަށް ހުރެވޭނެ ކަމަށް،" އިސްތިއުފާ ދެއްވި ސަބަބު ހާމަ ކުރައްވައި މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގާނޫނު އަސާސީ އިސްލާހު ކުރުމަށް ސުޕްރީމްކޯޓުން އެރުވި ލަފައާއި މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި ބަދަލަށް އިހުތިރާމް ކުރައްވާ ކަމަށާއި ނަމަވެސް އޭނާ ގަބޫލު ކުރާގޮތުގައި ރައްޔިތުންގެ ވޯޓަކާ ނުލާ އިތުރަށް މަގާމުގައި ހުރުމަކީ ރަނގަޅުގޮތެއް ނޫން ކަމަށެވެ.

"މިއީ ރައްޔިތުން އިންތިހާބު ކުރި ކައުންސިލެއްގެ ގޮތުގައި ގަބޫލު ކުރަން އަޅުގަނޑަށް ވަރަށް ދަތި. ރައްޔިތުން އިންތިހާބު ކުރި ކައުންސިލްގެ ދައުރު އެގޮތަށް ދިގު ދަންމާނަމަ، ހަމަ އެކައުންސިލަށް ލާމަރުކަޒީ ގާނޫނުގައި ބުނާ ބާރުތައްވެސް ދޭން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

ގާނޫނު އަސާސީ އިސްލާހުކޮށް ކައުންސިލްތަކުގެ ދައުރު ދިގުދެންމުމުން، އިންތިގާލީ ކައުންސިލުތަކުގެ ބޮޑެތި ބާރުުތަކެއް އަތުލާގޮތަށް އާ ގާނޫނުނެއް "އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ގާނޫނު"ގެ ނަމުގައި މަޖިލީހުން ފާސްކޮށް މިހާރު ވަނީ ތަސްދީގުވެސް ކޮށްފައެވެ. އެ ގާނޫނުގެ ދަށުން ކުރިން ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދޭ ގިނަ ބާރުތަކެއް ވަނީ ހަނިކޮށްފައެވެ.

https://sun.mv/137629

ބާރުތައް ހަނި ނުކުރާނަމަ މަގާމުގައި ދެމިހުންނަވާނަންތޯ ސުވާލު ކުރުން އޭނާ ވިދާޅުވީ، އެހެން ހެދިނަމަވެސް ރައްޔިތުން އިންތިހާބު ކުރި މުއްދަތުގެ އިތުރަށް މަގާމުގައި ހުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ހާއްސަ ހާލަތެއްގައި އިންތިގާލީ މަރުހަލާގައި ކައުންސިލް އެކުލަވާލާނަމަ، އިންތިހާބު ކުރި ދައުރު ނިންމާފައި އިންތިގާލީ ކައުންސިލަށް ވަކި މެމްބަރުން [އައްޔަން ކުރެވިދާނެ]. ރައިސުލްޖުމްހޫރިއްޔާއަކީ ރާއްޖޭގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ. އެހެންވީމަ މިމަރުހަލާގައި އިދާރީ ހިންގުން ހުއްޓުމަކަށް ނުދިޔުމަށްޓަކައި ބަޔަކު އައްޔަންވެސް ކުރެވިދާނެ. ނުވަތަ ރަނގަޅު ހާލަތުގައި ހުރި ރަށްތަކުގައި އިންތިގާލީ މަރުހަލާއަށް ރައްޔިތުން ލައްވާ ރައްޔިތުން ބޭނުންވާ ބަޔަކުވެސް ހޮވިދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

އިންތިގާލީ ކައުންސިލަރުންގެ ބާރުތައް ހަނިކުރުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ. އެމްޑީޕީގެ ސުޕާ މެޖޯރިޓީ އޮންނަ މަޖިލީހުން އެ ބިލު ފާސްވީ، 73 ވޯޓާއެކުވެއެވެ.

އެ ގާނޫނުގައި ބުނާގޮތުން، ކުރިން ލާމަރުކަޒީ ގާނޫނު ބަރުދީފައިވާ ގިނަ ކަންކަން ކުރެވޭނީ ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އާ އެލްޖީއޭގެ ބޯޑުގެ ހުއްދަ ލިބިގެންނެވެ.

އެގޮތުުން، ކައުންސިލުގެ އިހުތިސާސް ހިމެނޭ ތަންތަން ނުވަތަ ރައުސުލްމާލެއް ވިއްކުމާއި ހަމަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި އެހެން ފަރާތަކަށް އަގެއް ނުލިބޭގޮތަށް ދިނުމާއި ނުވަތަ ހަވާލު ކުރެވޭނީ އެލްޖީއޭ ބޯޓުން ހުއްދަ ހޯދުމަށްފަހުއެވެ.

އޭގެ އިތުރުން ކައުންސިލު ޒިންމާވާގޮތަށް ދަރަންޏަށް ފައިސާ ނެގުމާއި، ދަރަންޏަށް ފައިސާ ދިނުމާއި، އާންމު ހިދުމަތްތައް ދިނުމަށް އިންވެސްޓް ކުރުމާއި، ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދު ކުރުމާއި، ސަޕްލިމެންޓްރީ ބެޖެޓް ފާސް ކުރުމާއި ކައުންސިލުގެ އިދާރާގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، ކައުންސިލަށް މުވައްޒަފުން ލުމާއި ވަކިކުރުމުގެ ކަންކަންވެސް ކުރަންވާނީ އެލްޖީއޭގެ ހުއްދަ ހޯދުމަށް ފަހު ކަމަށް އިއްޔެ ރައީސުލްޖުމްހުރިއްޔާ ތަސްދީގު ކުރި އެ ގާނޫނުގައި ބުނެއެވެ.

އިންތިގާލީ ކައުންސިލަށް މީހުން އައްޔަން ކުރެއްވުމަށް މުހައްމަދު އިބްރާހިމް ތާއީދު ކުރެއްވިނަމަވެސް، މިކަމުގައި ސުޕްރީމް ކޯޓުން މަޖިލީހަށް އެރުވި އިޝްތިޝާރީ ލަފާގައި ބުނެފައި، ރާއްޖެއަކީ ދީމިގްރާތީ ހަމަތަކުގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ކަމަށް ގާނޫނުއަސާސީގަައި ބަޔާންކޮށްފައިވާއިރު، އެ މައިގަނޑު އުސޫލު ދެމެހެއްޓޭކަން ކަށަވަރުކުރެވޭނެ ގޮތަކީ ކަނޑައެޅި ބަޔާންވެގެންވާ މުއްދަތުތަކުން މިނިވަންކަމާއެކު ބޭއްވޭ އިންތިހާބުތަކުގައި ރައްޔިތުން އިންތިހާބުކުރާ މަންދޫބުން މެދުވެރިކޮށް ދައުލަތުގެ ކަންކަން ހިންގުން ކަމަށެވެ.

އިންތިގާލީ ކައުންސިލުން މުހައްމަދު އިބްރާހިމް އިސްތިއުފާ ދެއްވިއިރު، ތިން އަހަރުގެ ދައުރު ހަމަވުމުން މަގާމުން އިސްތިފާ ދެއްވާނެ ކަމަށް މީގެ ކުރިން އެހެން ކައުންސިލަރުންވެސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް